ހދ. ކުޅުދުުއްފުށިން ޕިކަޕެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއަކަށް އަރައިފިއެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނު 9:00 ހާއިރު ހދ. ކުޅުދުއްފުށީ އަމީނީމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކުޑަ ޕިކަޕެއް ކޮންޓްރޯލް ނުކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ހާދިސާގައި ޕިކަޕުގެ ބަފަރު ނައްޓައިގެން ގޮސްފައިވާ ކަމަށާއި ޕިކަޕަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ފުލުހުން އާންމު ކޮށްފައިވާ މި ހާދިސާގެ ޕޮޓޯ އިން ފެންނަ ގޮތުގައި، ޕިކަޕު ގޮސް ޖެހުނު ލައިޓް ސްޓޭންޑް ވަނީ، ގާތްގަނޑަކަށް ދެފޫޓޫގެ ކޮންކްރީތް ބުޑާއެކު ބިމުން ލުހިގެން ގޮސްފައެވެ.

ފުލުހުން މައުލުމާތުދޭ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވެއެވެ. އަދި މި ޕިކަޕު ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ލައިސެންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޯދަ މަހުގައި ހިނގާ މިފަދަ އެކްސިޑެންޓްތައް ގިނަކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސް ހިސާބު ދައްކާގޮތުން ރޯދަމަހުގެ ދެވަނަ ހަފްތާގައި، މާލޭގައި ހިނގި އެކްސިޑެންޓްތަކުގެ އަދަދު މަދު ނުވެ، އަނިޔާވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށްވުރެ ދެގުނަ އިތުރުވެފައިވެއެވެ. މިދިޔަ ހަފްތާގައި 54 އެކްސިޑެންޓެއް ހިނގައި 20 މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ކުރީ ހަފްތާގައި 56 އެކްސިޑެންޓް ހިނގި އިރު، އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނީ 11 މީހަކަށެވެ.