ނަޒީރާ ގޮވައިގެން ބަޝީރާ ހިނގައިގަތީ އޭނާގެ ގޯއްޗާ ހަމައަށް އޭނާ ގެންގޮސް ދޭށެވެ. ހިތްވަރު އެލުވާނުލާ ނަޒީރާމެން ގެއާ ދިމާލަށް ފިޔަވަޅު އަވަސް ކޮށްލީ ކަަކުލާ ހަމަޔަށް ހުރި ފެންގަނޑު ތެރެއިން ފައި ދަމަމުންނެވެ. ބަޝީރާގެ ގައިގާ އެލިގެން ނަޒީރާ ހިނގަމުން އައީ ހިތްވަރުންނެވެ. ނަޒީރާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކުކުރަމުން ދިޔަ އަޑު ބަޝީރާއަށް އިވުމުން އެ ކުއްޖާގެ ބުރަކަށީގައި ފިރުމާލީ އެ ކުއްޖާއަށް ހިމާޔަތުގެ އައްސޭރިއަކަށް ދެވިއްޖެކަން އިހްސާސް ކޮށްދިނުމަށެވެ.
ދެން އިވުނީ ޓިނުގަނޑެއްގެ މައްޗަށް ބޯކޮށް ވާރޭވެހެމުން ދާއިރު ގޮވާ ފާޑު އަޑުފައްގަނޑެކެވެ. ކުއްލިއަކަށް އިވުނު އަޑަށް ސަމާލުކަން ދެމުން ބަޝީރާ ފަސްއެނބުރި ބަލާލިއެވެ. އެ އަޑާއެކު މީހުންތަކެއްގެ ރުއިމުގެ އަޑު ޖައްވުތެރޭގައި ގުގުމާލިއެވެ. ކަމަކުދާކަށްނެތެވެ. ފެންނަމުން މިދާ މަންޒަރުން އެ ދެމީހުންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަނެއްކާވެސް ހޭޅިފަށުގައި ހުރި ދިގު ރުއްތަކުގެ މަތިން ބޮޑު ރާޅެއް ރަށުތެރެއަށް ބިންދާލަނީއެވެ.
އެ މަންޒަރު ބަލަން ހުރި ނަޒީރާއަށް ރޮވެގަނެވުނެވެ. ތެލި ދޮންނަން އަތިރިއަށް ދިޔަ ނަޒީރާ މަސްހިފަން ފަރު މައްޗަށް އަރާ އޮއްވާ އެފަދަ ބިޔަރާޅެއް ނަގާ ބިންދާލީ އެމީހުން ތިބި ދިމާއަށެވެ. ގޮނޑުދޮށުގައި ވާ އަކިރިއާ ގާތަކުގެ މަތީ ކޫއްތަމުން އެއްގަމަށް އައި ނަޒީރާގެ މުޅި ބުރަކަށިން ވަނީ ހަންގޮސްފައެވެ. ރާޅުގަނޑުގެ ބާރު އޮޔާ އެކު ރަށުތެރެއަށް އޭނާ ގެންދިޔަ އިރު ހިތުގައި ވެރިވެފައިވާ ބިރުވެރިކަން ފިލައިގެން ނުދަނީސް އަނެއްކާވެސް އުފެދިގެން އައި ބިޔަ ރާޅު ފެނި ނަޒީރާއަށް ރޮއެ ގަނެވުނެވެ. ސަލާމަތް ވާނެހާ ހިތްވަރު އޭނާގެ ގައިގާ ނެތްކަން އިހްސާސް ވުމުން ރޮއެގަނެވުނީ މަންމާއޭ ކިޔާ ގޮވާލަމުންނެވެ.
ކުރިމަތިން ފެންނަން އޮތް މަގުގެ ކޮޅުން ރަށް ފެންނާކަށް ނެތެވެ. ގޮނޑުދޮށުގައި ހުރި ދިގު ރުށްތަކުގެ މަތިން ރަށުތެރެއަށް ބިޔަ ރާޅެއް ބިންދާލައިފިއެވެ. ގަސްތަކާއި ގެތައް ފުނޑުފުނޑުވަމުން ދިޔަ މަންޒަރު ފެނި ބަޝީރާއަށް ބިރުން ހަދާނޭގޮތް ހުސްވިއެވެ. ބޮޑެތި ރުއްގަސްތައް ފުނޑުކުރަމުން އައި ބިޔަރާޅު ފެނި ބަޝީރާގެ ހިތަށްވެރިވި ބިރުވެރިކަމުން ސަލަމަތްވާނެ ގޮތެއް އޭނާގެ ވިސްނުމަކަށް ނައެވެ. ނަމަވެސް ކައިރީގައި ހުރި ނަޒީރާ އެކަހެރި ކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެ ކުއްޖާގެ އަތުގެ ތެރެއަށް ބަޝީރާގެ އިނގިލިތައް މަހާލަމުން އަތުގައި ބާރަށް ހިފާލިއެވެ. އޭރު ނަޒީރާގެ ދުލުން ބުނެލި ލަފްޒުން ވެސް ބަޝީރާގެ ހިތުގައި ރިހުމެއް އުފެދުނެވެ. "ދެން އަހަރެމެން ސަލާމަތެއް ނުވާނެ... މަންމާ އަހަރެން މަރުވާކަށް ބޭނުމެއް ނޫން..."
ނަޒީރާއާ ހަތަރުކަޅި ބައްދަލު ވާނެހެން މޫނުގައި ހިފާ ބަޝީރާހުރި ދިމާއަށް އަނބުރާލި އިރު އޭނާގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. ހިތްވަރުކޮށްލަމުން އޭނާ އެދުނީ އެކުއްޖާ ގާތު ނަމަނަމަ ބަޝީރާގެ ގައިން ދޫކޮށްނުުލުމަށެވެ. އިރާދަކުރެއްވިއްޔާ ސަލާމާތްވާނެކަމަށް ބުނެ ނަޒީރާގެ ބޮލުގައި ފިރުމާލިއިރު ރާޅުގަނޑު ހުރީ އެމީހުންނާ ދާދި ކައިރީގައެވެ. މަގުގެ ދެފަރާތުގެ ހުރި ގެތަކުގެ މަތީ ޓިނުގަނޑުތައްވެސް ރާޅުގެ ބާރު އޮޔާ އެކީ ވިއްސައިގެން ދިޔަ މަންޒަރު ނަޒީރާއަށް ފެނުނެވެ. ބަލާކަށް ނުހުރެ ބަޝީރާގެ ގައިގާ ނަޒީރާ ބައްދައިގަތުމަށްފަހު ދެލޯ މަރާލިއެވެ. ބަޝީރާވެސް އެ ކުއްޖާގެ ހަށިގަނޑުގައި ބާރަށް ބައްދާލަމުން ދެލޯ މަރާލީ އެމީހުންގެ ގައިގާ އައިސް ޖެހުނު ރާޅުގަނޑާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ.
ބާރު މިނުގައި އައި ރާޅުގެ ތެރެއަށް އެ ދެމީހުން ދަމައިގަތެވެ. އޮޔާއި އެކީ އައި ވަކަރުތައް ބަޝީރާގެ ކުޑަ ކަޅުވާގައިޖެހި އިތިފުށުން ލޮނުގަނޑުގެ ތެރެއަށް ވެއްޓުނެވެ. ނަޒީރާއާ އެކީ ކިތަންމެ ފަހަރަކު ލޮނުގަނޑު ތެރޭއަށް ބަޝީރާ ގެނބެމުން ދިޔައެވެ. ކައިރިން ދިޔަ ވަކަރުތަކާއި ދަގަނޑު ތަކުގައި ޖެހެމުން ދިޔައިރުވެސް ނަޒީރާގެ ގައިން އޭނާ ދުލެއް ނުކުރެއެވެ. ގަދަ އޮއެވަރުގެ ތެރޭގައި ގެނބެމުން ދިޔަ އިރު އެމީހުން އެ އޮޔާ އެކީ ގެންދަނީ ކޮން ދިމާލަކަށް ކަން އެނގޭ ވަރެއް ނޫނެވެ.
ބަޝީރާމެންނަށް ތިބެވުނީ ކޮންތާކުކަން ރޭކާލީ އިރުގަނޑެއް ފަހުންނެވެ. އޭރު އޮއިމަޑު ވެއްޖެއެވެ. ވަށައިގެން ބަލާލި އިރު މި ތިބެވުނީ ރަށުން ބޭރުގައެވެ. ކަނޑުގައެވެ. ދުރުދުރުން އޭރު ރަށް ފެންނަމުން ދިޔައެވެ. ރަށްވަނީ އެކީ އެކަށް ދޮވެލާފައެވެ. ރަށުގައި ދިރިއުޅޭ ފައްސަތޭކައެއްހާ އާބާދީގެ މީހުންތައް ތިބީ މާ ކަނޑަަށް ބޭރުވެފައެވެ. ކުނިބުނިތަކާއި އެކީ ރަށުގެ ކުޑަބޮޑު އެތައް ބަޔަކު ތިބީ ކަނޑުމަތީގައެވެ. ރަށުގެ ޒުވާނުންނާ ކުޑަކުދިންނާ މުސްކުޅިންވެސް އޭގެތެރޭގައި ހިމެނެއެވެ. އެންމެން ކަހަލަ ގޮތަކަށް އެއްގަމަށް ދިޔުމަށް ފަތައިގަތެވެ. ވަރުބަލި ވެފައިހުރި ނަމަވެސް ބަޝީރާ ހިތްވަރު އެލުވައެއް ނުލައެވެ. ކަށިން ހިތްވަރު ނެރެ އޭނާ ނަޒީރާ ގޮވައިގެން ފަތައިގަތެވެ.
ރަށާ ދިމާލަށް ފަތައިގެން މީހުންނަށް ބަޝީރާ ގޮވާލީ އޭނާގެ ހެޔަށް ގޮތްވާން ފެށުމުންނެވެ. އޭރު އޭނާގެ އަޑުވަނީ ހަލާކުވެ ކުރަކިވެފައެވެ. ރަނގަޅަށް އަޑު ބޭރެއް ނުވިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް އަޑަށް ބާރުލަމުން ގޮވާލިއެވެ. އެއަޑަށް ރަށުގެ ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އެ ދެމީހުން ގާތަށް އައިސް އެމީހުންނަށް އެހީތެރިވުމަށް އަވަސްވެގަތެވެ. ބަޝީރާ ހުރި ހާލު ފެނި އޭނާ ފުރަތަމަ ގާތްވީ ބަޝީރާ ސަލާމަތް ކުރާށެވެ. ނަމަވެސް ބަޝީރާގެ އެދުމަކަށްވީ ފުރަތަމަ ނަޒީރާ އެއްގަމާ ހަމައަށް ގެންދިއުމަށެވެ.
ރަށާ ހަމައަށް ބަޝިރާއަށް ދެވުނީ އޭގެ އިރުގަނޑެއް ފަހުންނެވެ. ރަށަށް ދެވުމާއެކު އޭނާ އަވަސްވެގަތީ ނަޒީރާ ހޯދާށެވެ. ވަރުބަލި ވެފައިވާ ހާލުގައި ގޮނޑުދޮށުގެ ވެލިގަނޑު މައްޗަށް ބަޝީރާ ތިރިވީ އޭނާއަށް ނަޒީރާ ފެނުމުންނެވެ.
އަންހެންވެރިން ރުއިމުގެ އަޑު ފަޒާގެ ތެރޭ ގުގުމަމުން ދިޔައެވެ. ބައެއް އާއިލާތަކުން ވަކިވެގެން ދިޔަ މީހުންގެ ފުރާނަނެތް މަސްގަނޑުގައި ބައްދަމުން އެމީހުން ރޮމުން ދިޔައެވެ. އަނެއްބަޔަކު ތިބީ ގަބުވެފައެވެ. ފާރުބުޑުތަކަށް ލަށްވެފައި ތިބި އިރު އެމީހުންގެ ހަށިން ފުރާނަ ވަކިވެފައިވާ ފަދައެވެ. ރަށުތެރޭގައި ތިބި އެންމެންގެ މޫނުމަތިން އުދާސްކަން ފެންނަމުން ދިޔައެވެ. ރަށުގެ ގިނަ ގެތައް ވަނީ ބިމާ ހަމައަށް ކުދިކުދި ވެގެން ފައިބާފައެވެ. އެބާރު އޮއިވަރުގައި ޖެހި ރަށުގެ އެތައް ގެއެއް ފުނޑިގެންދިޔައިރު ގެއްލުން ނުލިބޭ އެކަކުވެސް ނެތެވެ. ފާރުތައް ވެއްޓުނެވެ. ގޭގޭގެ އެތެރެއިންނާއި ބޭރުން ވެސް ފެންނަން ހުރީ ހަލާކުގެ ހިތްދަތި މަންޒަރުތަކެވެ. ފުރާޅުތައް އެއްލާލިއެވެ. އިމާރާތްތަކުގެ ދަށުން ބިންގަނޑު ދަމައިގަތެވެ. ހިފާ ގެންގުޅޭ ސާމާނު ހުރީ އޮޔާ ގޮސް ކުނިބުނީގެ ފުނިތަކަކަށް ވެފައެވެ.
އެ ހިތްދަތި މަންޒަރު ފެނި ބަޝީރާގެ ހިތް ކުދިކުދި ވިއެވެ. ރަށުގެ އެއްބަޔަކު އޮޔާ ކަނޑަށް ދަމައިގަތަސް އެރަށުން ބައެއް މީހުންގެ ފުރާނަ ވަކިވެގެން ދިޔައެވެ. އޭގެތެރޭގައި ނަޒީރާގެ މައިންބަފައިން ހިމެނެއެވެ. ނަޒީރާގެ ގައިގާ ބައްދަލަމުން ބަޝީރާ އެނާއަށް ހިތްވަރުދޭން މަސައްކަތް ކުރިއެވެ. އެރަށަށް އައި އެހީގެ ޓީމުން ނަޒީރާއަށް ފަރުވާ ދިނެވެ. ނަޒީރާއަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި ކުއްޖާ ކަމުން އޭނާއަށް އަޅާލާނެ މިހާކު ނެތި ބިކަ ވިއެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ނަޒީރާގެ ހުރިހާ ކަމެއް ބަލަހައްޓަން ބަޝީރާ ހަވާލުވެ އޭނާގެ އަމިއްލަ ދަރިއެއް ފަދައިން ނަޒީރާ ބަލަމުން ގެންދިޔައެވެ.
**** *** *** *** *** ***
ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބަޝީރާ ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލީ މާޒީގައި ދިމާވި ބިރުވެރި ހާދިސާ އޭނާގެ ހަނދާނަށް އައުމުންނެވެ. އޭރުވެސް ނަޒީރާ ދިޔައީ އޭނާގެ ދަރިފުޅު ޔޫނުސްއަށް އެވާހަތައް ކިޔައިދެމުންނެވެ.
"މަންމަގެ އަސްލު މަންމަ އެ ހާދިސާގައި މަރުވެގެން ދިޔައީ... ރާއްޖެއަށް ސުނާމީ އެރި ހަނދާނަކީ މަންމެގެ ހަނދާނުން ފޮހެލަން އުނދަގޫ ދުވަހެއް. މަންމަގެ މަންމަ މި ދުނިޔެއާ ވަކިވެގެން ގޮސް އެކަނިވެރި ނުވީ ދަރިފުޅުގެ މާމްގެ ސަބަބުން. އެ ދުވަހަށް ފަހު މާމައާ އެކީ މަންމަ ދިރިއުޅެމުންދިޔައީ.. މަންމައެއްގެ ގޮތުން މާމަ ހުރިހާ ކަމެއް މަންމައަށް ކޮށްދިން... އެ މަންމަގެ ނަދޫން އުފނަ ްނުވިކަމުގައިވީނަމަވެސް މަންމަ ދެކީ އެއީ މަންމަގެ މަންމަގެ ގޮތުގައި..."
ވާހަކަ ކިޔައިދެމުން ދިޔަ ނަޒީރާގެ ލޮލަށް ކަރުނަ ޖަމާވުމުން މޫނު އަނެއްފަރާތަށް އަނބުރާލީ އޭނާގެ ދަރިފުޅަށް އެ މަންޒަރު ދައްކަން ބޭނުން ނުވާތީއެވެ. ރަށުގައި އުޅޭ މީހުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް ނަޒީރާ އޭނާގެ މަންމަގެ ގޮތުގައި މައިކުލުނު ޖެހުނު ބަޝީރާ ދުލެއް ނުކުރާނެއެވެ. ބަޝީރާ މިއަދު މުސްކުޅިވުމުގެ ސަބަބުން ކަންކަން ހަނދާން ނެތުނަސް ނަޒީރާގެ ހަނދާނުން އެދުވަސްތައް ފިލައިގެން ނުދެއެވެ. މިއަދު ނަޒީރާ ދުނިޔޭގައި ސަލާމަތުން އެހުރީ ބަޝީރާ ވީ ގުރުބާނީއެއްގެ ބޮޑުކަމުންނެވެ. ދަރިއަކު ނެތް ބަޝީރާއަށްޓަކައި ކޮށްދެވެން އޮތް ހުރިހާ ކަމެއް ނަޒީރާއަށް ކޮށްދޭން ހުރީ ނިންމައިގެންނެވެ. އޭނާއަށް ދަރިއަކު ހުރި ކަމުގެ އުފާ ހޯދައިދިނުމަށް ނަޒީރާ އޭނާގެ މަންމަގެ ގޮތުގައި ދެކިގެން ހިދުމަތް ކޮށްދިނުމުގައި އެހުރީ އެ ސަބަބާ ހެދިއެވެ.
"ދަރިފުޅާ ޔޫނުސް... އާދެބަލަ މާމަ ކައިރިއަށް... ބަލާބަލަ އުދަރެހުން ފެންނަމުންދާ އެ މަންޒަރު ހާދަ ރީއްޗޭ... އެ ކަހަލަ މަންޒަރެއް މާމައަށް ކުރަހައިދޭން ވާނެ..." ބަޝީރާ ލޯބިން ގޮވާލުމުން އެ ކުއްޖާއަށް އެ ޖޯލީގައި އިންނަން އުނދަގޫވިއެވެ. ތެދުވެގެން ގޮސް މާމަގެ އުނގުގައި އިށީނދެ އުދަރެހަށް އަރަމުން ދިޔަ ރީތި ކުލަވަރަށް ބަލަން އިނެވެ. ޔޫނުސްގެ ބުރަކަށީގައި ބަޝީރާ ފިރުމާލުމަށްފަހު އެ ސޮރުގެ ބޮލުގައި ބޮސްދިނެވެ.
އެމަންޒަރު ބަލަން އިން ނަޒީރާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާ ދުވަހަކުވެސް ބަޝިރާ އެކަނިވެރިއެއް ނުކުރާނަމެވެ. އެއީ އޭނާގެ ދެވަނަ މަންމައެވެ. މަންމަގެ ހަނދާން ބަލިކަށިވިޔަސް މަންމައަށް ހިދުމަތް ކޮށްދިނުމުގައި މުޅި އުމުރު ހުސްކޮށްލަން ޖެހުނަސް ނަޒީރާ އެ ގޮތުގައި ހުންނަން އަޒުމް ކަނޑައެޅިއެވެ.
(ނިމުނީ)
ވަރަށް ސަޅި