ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ބައެއް މަގާމުތައް އުވާލައި ބައެއް މަގާމުތަކުން މުވައްޒަފުން ވަކިކުރުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕީއެސްއެމް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށާއި، އެ މައްސަކަތުގެ ތެރޭގައި މަސައްކަތްތެރި ނޫން މުވައްޒަފުންގެ މަގާމުތައް އުވާލަން ނިންމާފައިިވާކަމަށެވެ. އަދި އެހެން ދާއިރާތަކަށް އިތުރަށް ބޭނުންވާ މަގާމުތަކަށް ވަކި ކުރާ މުވައްޒަފުގެންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުން ބެލުމަށްފަހު ފުރުސަތު ދޭނެ ކަމަށެވެ.

މައުލޫމާތު ލިބިފަައިވާގޮތުގައި ވަކި ކުރަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ގާބިލު ނޫން މުވައްޒަފުންނެވެ. ނަމަވެސް ވަކި ކުރަނީ ކިހާ މުވައްޒަފުންނެއް ކަމެއް ޕިއެސްއެމްއަކުން ހާމައެއް ނުކުރެއެވެ.

ޕީއެސްއެމުން ބައެއް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ އިރު، މީޑިއާ ސެންޓަރުތައް އަލުން ހުޅުވުމުގެ ޕްލޭނެއް ވެސް އެ ކުންފުނިން ގެންގުޅެއެވެ. އަދި ދިރާސާކުރުމަށްފަހު އެތަންތަނަށް ބޭނުންވާ މުވައްޒަފުން ކަނޑައެޅުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އެމަނިކުފާނުގެ ދައުރުގެ ފަހުކޮޅުގައި ޕީއެސްއެމަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވެއެވެ. މި މައްސަލަތައް އެއިރު ބޮޑުވި އިރު، ޕީއެސްއެމުން ވަނީ އެއިރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނުހައްގުން ކަނޑާފައެވެ.