ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ހުޅުމީދޫ ބްރާންޗަށް 6000 ލިޓަރުގެ ޑީސަލް ފޮނުވި ދޯނީގައި އެއްވެސް ދިވެއްސެއް ނެތް ކަމަށާއި، ދޯނި ދުއްވަނީ ގަވާއިދާ ހިލާފަށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަަށް ގެންދާ މި އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން، އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ދެކުނު އޭރިއާއިން ހިންގަމުން ދިޔަ އޮޕަރޭޝަންގައި ކޯސްޓްގާޑުން އުޅަނދުތަކުގެ މޫވްމަންޓް ބަލާ ޗެކްކުރުމުގެ ތެރެއިން ފޭދޫން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއް ޗެކްކުރެވުނު ކަމަށެވެ.

އެމްއެންޑީއެފުން ހިފަހެއްޓި ދޯނި / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ މި ދޯނީގައި ހުރީ ހުޅުމީދޫ ފެނަކަައަށް ގެންދިޔަ 6000 ލިޓަރު ޑީސަލާއި، ފިހާރައަކަށް ގެންދިޔަ ގަނޑުކުރި ކުކުޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނި ބަލާ ފާސްކުރުމުގެ ތެރޭގައި ދޯނީގެ ދިވެއްސެއް ނެތްކަމަށާއި، ތިބީ މުޅިންވެސް ބިދޭސީން ކަމަށެވެ. އަދި އެ ދޯނީގެ ނަމެއް ނެތް އިރު، ދޯނީގެ ނަން އެނގޭ މީހަކު ވެސް އެ ދޯނީގައި ނެތް ކަމަށެވެ. މީގެ އިތުރުން ދޯނީގެ އެއްވެސް ސެޓްފިކެޓެއް ނެތް އިރު، ދޯނީގައި ތިބި އެއްވެސް ބިދޭސީއެއްގެ ވޯކް ޕާމިޓްވެސް ނެތް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމަށެވެ. އަދި ދޯނި ދަތުރު ކުރުން ހުއްޓުވުމަށް ފަހު ދޯންޏާއި، ދޯނީގެ ތިބި ބިދޭސީން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދޯނި މިހާރު އޮތީ ފޭދޫ ބަނދަރުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.