އަވަށްޓެރި ސްރީލަންކާގައި ފިލައިގެން އުޅޭ ދިވެހިން ޕާސްޕޯޓާއި ވިސާ ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެކި ސަބަބުތަކާ ހުރެ، ލަންކާގައި ފިލައިގެން އުޅޭ ދިވެހިން، މިހާރު އެމީހުންގެ ޕާސްޕޯޓް ހޯދުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް، މި މީހުން ލަންކާގައި އުޅެނީ ކޮން ހިސާބެއްގައި ކަން ބުނަން އެ މީހުން ބޭނުން ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިދިޔަ އޭޕްރީލް މަހު 21 ވަނަ ދުވަހު، ލަންކާ ސިއްސުވާލި ބޮމުގެ ހަމަލާތަކަށް ފަހު، އެގައުމުގެ އިސްފަރާތްތަކުން ވަނީ އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން، އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ރަޖިސްޓްރީ ވުމަށް އަންގާފައެވެ. އަދި އެހެން ގައުމުތަކުގެ މީހުން ބޭރަށް ނިކުމެ އުޅޭއިރު، އެ މީހުންގެ ޕާސްޕޯޓް ހިފައިގެން އުޅުމަށް ވެސް އެ ގައުމުން ވަނީ އެދިފައެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު، އެގައުމުގެ ސަލާމަތީ ކަންކަން ވަރު ގަދަ ކުރުމުގެ ގޮތުން، އެ ގައުމުން ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން، ލަންކާގައި އުޅޭ ދިވެހިންގެ ތެރެއިން ބައެއް މީހުން ވަނީ ވިސާގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

ލަންކާގައި ފިލައިގެން އުޅޭ ދިވެހިންގެ ތެރޭގައި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް ފަހު، ހުކުމްތަންފީޒު ކުރަމުން ބޭހަށް ގޮސް ފިލައިގެން ލަންކާގައި އުޅޭ އަބްދުﷲ ލުތުފީއާއި ސީލައިފް ގްލޯބަލް އިން ފްލެޓް ވިއްކުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަނބުރާ ނުދީ، ފިލައިގެން އުޅޭ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ހިމެނޭ ކަން ވަނީ ފާހަގަ ކުރެވިފައެވެ. މިދެ މީހުން ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ވެސް ނެރުނެވެ.