ރޯދަ މަސް ދެބައިވި އިރު ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ބާޒާރުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ބުނެފިއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން މާލޭގެ ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި އިން ވިޔާފާރިވެރިޔަކު ބުނީ، ރޯދަމަސް ފެށިގެން އައި އިރު ބައެއް ތަރުކާރީއާއި މޭވާގެ ބާވަތްތައް އަގު ބޮޑުކޮށް ހުރި ނަމަވެސް މިހާރު އެތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ކަނޑޫދޫ މިރުސް މާރުކޭޓު ގޮޅީގައި ބަހައްޓާފައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

މިހާރު ބާޒާރުގެ އަގުތަކަށް ބަލާލާއިރު ކަނޑޫދޫ މިރުހުގެ އަގުވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. ކަނޑުދޫ މިރުސް މިހާރު އުޅެނީ ކިލޯއެއް 450 ރުފިޔާއާއި 600 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކަރާ ކިލޯއެއް 20 ރުފިޔާއަށް އުޅޭއިރު އަލަނާސި ކަރާ އުޅޭނީ 30 ރުފިޔާގެ ރޭޓެއްގައެވެ.

ކުރުނބާގެ އަގު އުޅޭނީ 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ. ހަމައެއާއެކު ކުރުނބާ ފުޅިއެއް ގެ އަގު އުޅެނީ 120 ރުފިޔާއާއި 180 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ތަރުކާރީތައް ވިއްކުމަށް އަތުރާފައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ބާޒާރުގައި ހުރި ތަރުކާރީގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު ކެރެޓް ކިލޯއެއް 20 ރުފިޔާއަށް، ކިއުކަންބާ ކިލޯއެއް 25 ރުފިޔާއަށް، ކެބެޖް ކިލޯއެއް 35 ރުފިޔާއަށް، އޭގެއިތުރުން ބަށި ކިލޯއެއް 30 ރުފިޔާއަށް، ބަށި ކިލޯއެއް 30 ރިފިޔާއަށް، ބަޓާނާ ބަރަބޯ 45 ރުފިޔާއަށް އަދި ލުނބޯ ކިލޯއެއް 35 ރުފިޔާއަށް މިއަދު ލިބެން އެބަހުއްޓެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ކަރާ ފަޅިކޮށް އަގު ޖަހާފައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

މޭވާތަކުގެ އަގުތަކަށް ބަލާއިރު ބޭރު ފާގަ ކިލޯއެއް 60 ރުފިޔާއަށް، އަނބު ކިލޯއެއް 65 ރުފިޔާއަށް، ޖުމްހޫރީ މޭވާ ކިލޯއެއް 80 ރުފިޔާއަށް، ޓޮމާޓޯ ކިލޯއެއް 50 ރުފިޔާއަށް، އޭގެއިތުރުން ބަނބުކެޔޮއެއް އުޅެނީ 45 ރިފިޔާއަށް، އަލަނާސި 35 ރުފިޔާއަށް، ފޭރު 75 ރުފިޔާއަށް އަދި ރޯ ކަދުރު ކިލޯއެއް 40 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން ދަނޑިއަލުވި އާއި ކައްޓަލަ އަދި އަލަ އުޅެނީ 40 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި އެލުވާފައި ހުރި ދޮންކެޔޮ ގަނޑެއް / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ފުސްކެޔޮ ލިބެން ހުރީ 4 ރުފިޔާއަށް 5 ރުފިޔާއަށް ވަކެއް އަދި 10 ރުފިޔާއަށް 3 ވަކެވެ. އާދައިގެ ކެޔޮވެސް ލިބެން ހުރީ ހަމަ މި އަގުގައެވެ. ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން ލެޓިއުސް ފަތް އުޅެނީ 50 ރުފިޔާއަށް ކިލޯއެއްގެ މަގުންނެވެ. އޭގެއިތުރުން ކުއްޅަފިލާ ފަތާއި، ކަންކުން ފަތާއި ކޮޕީ ފަތް އުޅެނީ ބޮނޑިއެއް 10 ރުފިޔާގެ ރޭޓުންނެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ކާށި ވިއްކަނީ / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ކާށި ބަސްތާއެއް 550 ރިފިޔާއަށް އުޅޭއިރު ވަކިވަކިން ކާށި ލިބެން ހުރީ 5 ރުފިޔާއާއި 8 ރުފިޔާއާއި އަދި 10 ރުފިޔާގެ އަގުތަކެއްގައެވެ.