"ތިވާހަކަ ދައްކަަން ވެއްޖެއްޔާ ދެމީހުން ޖެހޭނީ އަނދިރިތަނެއްގައި ކާކުކަން ވަކި ނުވާގޮތަށް މި ވާހަކަ ދައްކަން. މި ފެންނަނީ ޝޭހް ހަސީނާގެ ސަރަހައްދު" މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ ދިވެހި މީހެއް، އެއް ބަރިއަކަށް ހުރި ގޮޅިތަކަށް އިޝާރާތް ކުރަމުން ބިދޭސީން ދައްކަމުން ބުންޏެވެ. ހަގީގަތަކީވެސް މިއީއެވެ. މާލޭގެ މާރުކޭޓުގެ ގޮޅިތަކުން ފެށިގެން، މަސްދޯނިތަކުގެ ފަޅުވެރިންނާ ހަމައިން އެންމެ ލަގްޒަރީ ރެސްޓޯރެންޓްގައި ވެސް މިހާރު މަސައްކަތް ކުރަނީ ބިދޭސީންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިއީ މިއަދު ކުރިއަރަމުން އަންނަ ރާއްޖެ ދެކޭ އިގްތިސާދުގެ އެންމެ ކިލަނބު ހިސާބެވެ. ދިވެހިންގެ ވިޔަފާރިތައް މަދު ބިދޭސީންތަކެއްގެ އަތްމައްޗަށް ދޫކޮށްލާައި އެކަމުގެ ސަބަބުން ދިވެހިންގެ ޖީބަށް އުނދަގޫވާ ހިސާބެވެ. މި ދައްކަނީ ބިދޭސީން ރާއްޖޭގެ ވިޔަފާރިތަކުގައި އަތްގަދަކޮށްލި ވާހަކައެވެ. ސިނާއަތްތަކުގައި ފައި ވިއްދާ ދިވެހިންނަށް ވުރެ ބިދޭސީންގެ ބާރު އެތަންތަނުގައި ހިނގާ ވާހަކައެވެ.

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި ބިދޭސީއަކު ކާށި އެހެނީ / ފޮޓޯ: ޙުސައިން މަޙްތޫމް | ދަޕްރެސް

މި ރޯދަމަސް ފެށިގެން އައި އިރު، މާލޭގެ މާރުކޭޓުގައި ހުރި 50 ވަރަކަށް ގޮޅީގެ ތެރެއިން މަދު ގޮޅިއެއް ފިޔަވައި ދެން ހުރި ގޮޅިތަކުގައި ތިބީ ބިދޭސީންނެވެ. ދިވެހިން ދަނޑުގޮވާން ކޮށްގެން ހައްދާ ތަކެތި ވިއްކާ ތަނެވެ. ނަމަވެސް ހަގީގަތް ބަދަލުވެ ފެންނަ މަންޒަރު ބަދަލު ވެއްޖެއެވެ. މާރުކޭޓުގެ ކޮންމެ ގޮޅިއަކަށް މިއަދު ބަލައިލިއަސް ފެންނަނީ ބިދޭސީންނެވެ. ސޭޓަކަސް އެސިސްޓެންޓަކަސް މުދާ އުފުލާނެ މީހަކަސް އަދި ގޮތް ނިންމާ މީހަކަށް ވިޔަށް މިއަދު ހުރީ ބިދޭސީއެކެވެ.

ދިވެހި މީހާ ޖީބަށް ލާރި، ތަން ހިންގަނީ ބިދޭސީން

މާރުކޭޓް ގޮޅިތައް ކޮންމެ ރޯދަމަހަކަށް ގުރުއަތުލާ ދިވެހިންނަށް ދެނީ ދިވެހިން ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ވިއްކުމަށެވެ. ނަމަވެސް ކަންވަނީ އެހެނެން ނޫނެވެ. މަދު ބަޔަކު ނޫނީ މިކަން މިގޮތަށް ނުކުރެެއެވެ. މީގެ ކުރިން ދައްކަނީ ނުފޫޒުން ގޮޅިތައް ދޭ ވާހަކައެވެ. ދެން ބޮޑު އަގުގައި އެ ގޮޅިތައް ދޫކުރާ ވާހަކައެވެ. ކަން މިހެން ވުމާއެކު އެ ގޮޅިތައް ނަގަނީ ގިނައިން ބިދޭސީންނެވެ. ގޮޅީގެ ވެރިއަކީ ދިވެއްސެކެވެ. އެހެންކަމުން ބިދޭސީ މީހާއަށް އެތަނުގައި ވިޔަފާރިކުރުމަށް ހުރަހެއް ނެތެވެ.

މިއީ ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް ފެންނަ ނޭދެވޭ މަންޒަރެކެވެ. މަދު ލާރިކޮޅެއްގެ ދަހިވެތިކަމުގައި ދިވެހި ނިކަމެތި ވިޔަފާރިވެރިޔާއަށް ލިބެންވީ ހައްގު ނިގުޅައިގަނެ، ނުފޫޒުގަދަ މީހާ އެކަން މަގުފަހިކޮށްދެނީ ބިދޭސީ މީހާއަށެވެ. ވާނީވެސް އެހެންތާއެވެ. ގިނައިން ފައިސާ ދޭނަމަ މޫނަކަށް ކަދުރާއަކަށް ނުބަލާނެތާއެވެ.

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި ވިޔަފާރިކުރާ ދެ ބިދޭސީއެއް / ފޮޓޯ: ޙުސައިން މަޙްތޫމް | ދަޕްރެސް

މިހެން ވުމުގެ ސަބަބުން މިއަދު މާރުކޭޓުގެ ކޮންމެ ދިމާލަކަށް ބަލައިލިއަސް ފެންނަނީ ބިދޭސީ ސޭޓެކެވެ. ހަމަ އެއާއެކު އެމީހުންގެ ބާރު ހިނގާތަނެވެ. ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ވިއްކާލާތަނެވެ. ދިވެހި ވިޔަފާރިވެރިޔާ ގެންނަ އެތިކޮޅު ނުވިކި ހަލާކުވެގެން އެއްލައިލައި މަންޒަރެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ބުނީ ކުރީ ސަރުކާރުން އެމީހުން ބޭނުންވާ ލިސްޓަށް ގޮޅިތައް ބަހާލާކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބެނީ މަޖިލިސް މެންބަރުން ކަމަށާއި، އެމީހުން ދޭ ލިސްޓްގައި ތިބި މީހުންނަށް ތަންތަން ދިނުމަށްފަހު ނޫނީ އެހެން ބަޔަކަށް ނުލިބޭ ކަމަށެވެ.

"އެ ލިސްޓްގައި ތިބެނީ މުޅިން ވެސް އެކްޓިވިސްޓުން. އެމީހުން ބޭނުންވާ ބަޔަކަށް ގޮޅިތައް މިދެެނީ. ދިނީމަ އެމީހުން ބޮޑު އަގުގައި އެތަންތަން މިދެނީ ބިދޭސީންނަށް. ގިނަ ގޮޅިތައް ދީފައި ހުރީ އެހެން. ދެން މައްސަލައެއް ޖެހުނީމަ އެއްކަލަ ދިވެހި މީހާ މި އަންނަނީ. މިއީ އަޑިއަޑިން ނިންމާ ކަމެއްވީމަ މައްސަލަ ޖެއްސިޔަށް މިކަމަށް ހައްލެއް ނުލިބޭ"
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ހައުސިން މިނިސްޓްރީގެ މުވައްޒަފު ކިޔައިދިނެވެ.

އަގު ކޮންޓްރޯލް ކުރަނީ ބިދޭސީން، ދިވެހި ސޭޓުންގެ ބާރެއް ނެތް

ބާޒާރުގައި އަގު ކޮންޓްރޯލް ނުވެ ރޯދަމަހު އުފުލިގެންދާ ވާހަކައަކީ އާންމު ވާހަކައެކެވެ. ކިތަންމެ އަގުބޮޑުވިޔަސް އެއީ މިއަދު އާ ކަމަކަށް ނުވެއެވެ. މިހެން ދިމާވަނީ މާރުކޭޓް ގޮޅީގައި ހުންނަ އެއްކަލަ ބިދޭސީ މީހާގެ ބާރު ހިނގާތީއެވެ. ރޯދަ މަހަށް ކިތަންމެ އަގުބޮޑަސް އެއްޗެހި ގަންނާނެ ކަމުގެ ޔަގީންކަން އޮތީމައި އަގު ބޮޑު ކުރަނީއެވެ.

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި ބިދޭސީ ސޭޓަކު ކުރުނބާ ކަނޑާފައި ފުޅިއަކަށް އަޅަނީ / ފޮޓޯ: ޙުސައިން މަޙްތޫމް | ދަޕްރެސް

ބިދޭސީން ކޮންޓްރޯލް ކުރާ ގޮޅިތަކާއި ދިވެހިންގެ ގޮޅިތައް އަޅާ ކިޔާ އިރު، ބިދޭސީން އެއްޗެހި ވިއްކަނީ އަގުބޮޑުކޮށެވެ. އަދި ދިވެހި ސޭޓުންނަށް ޖެހެނީ އެމީހުން އަގު ހަދައިގެން ވިއްކާ ވަރަކަށް އެމީހުންގެ ތަކެތިވެސް ވިއްކާށެވެ. ކަން ހިނގާނީ ވެސް މިހެންނެވެ. އެއިރަކު ޑިމާންޑް އޮތް ގޮތަކަށް އަގު ވެސް ބަދަލުކުރަން ޖެހެއެވެ.

"ބިދޭސީން އެއްޗެހި ނަގަނީ އެމީހުންގެ ރަށްޓެހި އެހެން ބިދޭސީން އަތުންނެވެ. ވިއްކަނީ އެމީހުން ހިތު ހުރި އަގަކަށެވެ. އަހަރުން ބޭނުންވާ އަގަކަށް ނުވިއްކޭ. އަހަރުންގެ ކޮންޓްރޯލެއް މިތާކު ނޯވޭ. ނަމުގައި މިއީ ދިވެހި މާރުކޭޓެއް، ކަމުގައި މިއީ ބިދޭސީންގެ ވިޔަފާރި އައްޑާއެއް"
މާރުކޭޓުގައި ވިޔަފާރިކުރާ މަދު ދިވެހިންގެ ތެރެއިން މީހަކު ވާހަކަ ދައްކަމުން ބުންޏެވެ.

ވިޔަފާރިވެރިޔާ ބުނީ އަގުތައް ކޮންޓްރޯލް ނުވެ ދަނީ ވެސް ބިދޭސީންނާ ހެދި ކަމަށެވެ. އަދި އެމީހުން ގޮޅިތައް ނަގައިގެން ވިޔަފާރި ކުރާ އިރު، އެމީހުން ބޭނުން އަގެއްގައި ވިޔަފާރި ކުރަމުންދާ ކަމަށެވެ.

ހައްލެއް ނެތް މައްސަލައެއް

މިއީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުކޮށްދެވިފައިވާ މައްސަލައެއް ނޫނެވެ. އަދި މި މައްސަލަ ހައްލުކުރެވޭނެ ނިޒާމެއް ވެސް މިހާތަނަށް އެއްވެސް ސަރުކާރަކަށް ގާއިމް ކުރެވިފައި ނެތެވެ. ބިދޭސީންނަށް ސޭޓުންގެ ގޮތުގައި ނުތިބެވޭނެ ކަމަށް ގަވާއިދުތައް ބުނާއިރު، އެކަން ބަލާ ތަންފީޒުކުރަން ތިބި ބަޔަކަށް އެކަން މައްސަލައަކަށް ވާ ހެނެއް ހިޔެއް ނުވެއެވެ. ވާނަމަ އެކަން ހައްލުކުރަން މަސައްކަތް ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި ވިޔަފާރިކުރާ ބިދޭސީއެއް / ފޮޓޯ: ޙުސައިން މަޙްތޫމް | ދަޕްރެސް

މާރުކޭޓޫން ވާހަކަ ދެއްކި ދިވެހި ވިޔަފާރި ވެރިއެއް ބުނީ، އޭނާ މާރުކޭޓު ގޮޅި ނަގައިގެން ވިޔަފާރި ކުރާތާ މިހާރު ހަތް އަހަރު ވެދާނެ ކަމަށެވެ. އަދި އޭނާ ގޮޅި ނަގަނީ އެހެން މީހެއްގެ އަތުން ކަމަށާއި، 2000 ރުފިޔާގެ ކުއްޔެއް ދޭން ޖެހޭ ތަނަކަށް އޭނާ ކޮންމެ މަހަކު ގޮޅީގެ ވެރިޔާއަށް 8000 ރުފިޔާ ދެމުންދާ ކަމަށެވެ.

ގޮޅިތައް ބޭނުން ބަޔަކަށް ބަހާލާފައި މި އޮތީ. އެންމެ ފަހުން މިދިޔަ ޑިސެމްބަރުގައި ކަންނޭގެ ގޮޅިތައް ދިނީ. އަހަރުން ވިޔަފާރި ކުރާ މީހުންނަށް ނުލިބޭ މިއިން ތަނެއް. މި ލިބެނީ އެއްކަލަ މިނިސްޓަރާއި އޭނާގެ އަންހެނުންނާއި މި މަސައްކަތް ނުކުރާ މީހާއާއި ދެން ގޮސް އެމީހުން ބޭނުން ބަޔަކަށް. މިކަން ހައްލު ކުރެވޭނީ ސަރުކާރުން މިކަންކަން ބަލާ ފިޔަވަޅު އަޅައިގެން. ދޯދިޔާވެގެން މިކަމެއް ނުވާނެ.
މާރުކޭޓުގައި ވިޔަފާރި ކުރާ ދިވެހި ވިޔަފާރިވެރިއަކު ބުންޏެވެ.

މިކަމަށް އަވަސް ހަލެއް ގެންނަން މިއަދު ވަނީ ޖެހިފައެވެ. އެހެން ނޫންނަމަ ދިވެހިންގެ އުފެއްދުންތައް ބާޒާރަށް ނެރެން އޮތް ހަމައެކަނި ފުރުސަތު ވެސް ގެއްލި އެކަން ވެސް ބިދޭސީންގެ އަތްދަށު ވެދާނެއެވެ. މިކަން ގަބޫލުކުރާ ގިނަ ދިވެހިން ތިބި އިރު، މިފަދަ ކަމެއް ހިނގައިދަނީ އަމިއްލަ އެދުމުން ފޯވެފައި ތިބި މަދު ދިވެއްސެއްގެ ސަބަބުންނެވެ. ދިވެހިންނަށް ބިދޭސީން ނުލައި އެއްކަމެއް ވެސް ނުކުރެވެނީއެވެ. މިއީ މިއަދުގެ ހުތުރު ހަގީގަތެވެ.