އާ ދުވަހަކަށް އިރުއެރުމާއެކު ދުނިޔޭގައި ސަލާމަތުން ދިރިހުރީތީ ހަމްދު ކުރާ ކިތަންމެ ބަޔަކު އުޅެއެވެ. ހަމައެހެންމެ ދުނިޔެއިން ނިމިގެން ދާން ބޭނުންވެގެން އެފަދަ ދުވަހަކަށް ދުއާ ކޮށްލަކޮށްލާ އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެގޮތުން އަހަރެންނަށް މި ދުނިޔޭގައި ހޭދަކުރަން ލިބޭ ކޮންމެ ދުވަހެއް ދެކެމުން އައީ ނިއުމަތެއް ގޮތުގައެވެ. ދުނިޔޭގައި ތިބެވޭ ދުވަސްތަކުގައި ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބުމަށް އަހަރެން މަސައްކަތް ކުރީމެވެ. އާއިލާ ބަލަހައްޓާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އަހަރެން އަހައްމިއްޔަތު ދިނީމެވެ. ދަރިންގެ ހަޔާތަށް އުފާވެރިކަމާ ފާގަތިކަން ދެއްވުން އެދީ ދުއާ ކުރީމެވެ.

ނަމަވެސް މިއަދު އަހަރެންގެ ހިތް މަރުވެއްޖެއެވެ. ދެލޯ ފަދައިން ދެކުނު އަހަރެންގެ ދަރިފުޅުގެ ހާލާމެދު އަަހަރެން ހަމްދަރުދީ ވިއެވެ. އެ ސޮރު ބަހެއް ވެސް ބުނެނުލާ ގަބުވެފައި އެހުރީ އަހަންނާ ވާހަކަ ނުދައްކަން ހެއްޔެވެ. އަހަރެން ކުރިން ދެއްކި ވާހަކަތައް ގަބޫލުކޮށްގެން ހުރި ދަރިފުޅަށް މިއަދު އެ ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށް ނިންމީ ހެއްޔެވެ. އަހަރެންނަށް އެ މައުސޫމް މޫނަށް ބަލަން ހުރެ ދެއަތް މައްޗަށް އުފުލާލެވުނެވެ.

"ޔާ ﷲ... މި މުސީބާތުން އަޅަމެން ސަލާމަތް ކުރައްވާން ދޭން... އަޅަމެން މި އުޅޭ ހާލު އެހެން މުސްލިމް އަޚުންނަށް ނުފެންނަނީތޯއެ... އަޅަމެން އެއްވެސް ބަޔަކަށް ދެރަގޮތެއް މެދުވެރިވާން ނޭދެން.. މީ ތޯ އިބަރަސްކަލާނގެ ދައްކަވާ އިމްތިހާނަކީ... ކޮބާތޯ މުސްލިމް އުއްމަތްތައް... އަހަރެމެންގެ ކުށަކީ އަޅެ ކޮބާތޯ؟ ކުށަކީ ސީރިޔާއަށް އުފަންވުން ތޯ؟..."

އަހަރެންނަށް ދުއާ ކުރަމުން ގޮސް ރޮއެގަނެވުނެވެ. އޭރުވެސް ފަސް އަހަރުގެ އަމްރުގެ ހަށިގަނޑަކަށް ހަރަކާތެއް ނުގެނެއެވެ. ކިލައާއި ހިރަފުހާއި ލެއިން ތަތްތެޅިފައި އިން އަމްރުގެ ލޮލުގެ ކަޅިވަނީ އެއް ދިމާއަކަށް ހުއްޓިފައެވެ. އަހަރެންގެ ހިތަށް އުނދަގޫވިއެވެ. މި ހިތުގެ އުދާސްތައް ކިޔައިދޭނީ ވަކި ކާކަށް ހެއްޔެވެ. އެސޮރަށް ވެފައި އިން ގޮތް ފެނުމުން އަހަރެންނަށް ކެތްކުރަން ދަތިވިއެވެ. އަހަރެންގެ ދަރިފުޅު އަމްރު ގަބުވެފައި އެހުރީ އެ ހާދިސާއަށް ފަހުއެވެ. އެ ހާދިސާގައި އަހަރެންގެ މުޅި ދިރިއުޅުން ވީރާނާ ކޮށްލިއެވެ.

އާދައިގެމަތިން އަަހަރެން މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދާން އަވަސްވެގަތީމެވެ. މިހާރު ކުރާ މަސައްކަތަށް ދެމުންދާ އުޖޫރަވަނީ ކުޑަކޮށްފައެވެ. އެހެނަސް އަަހަރެން ޝަކުވާއެއް ނުކުރަމެވެ. ކުރިން މަހުން މަހަށް ފައިސާ ދެމުން ދިޔަ ގޮތް ހަފްތާއަކު އެއްފަހަރު ދޭގޮތަށް ބަދަލުކޮށްލުމަށްފަހު، މިހާރު މުސާރަ ދެނީ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށެވެ.

ގެއަށް ދާން ދިޔަ މަގުމަތީގައި ފިހާރައަށް ވަދެ އަހަރެން ލައިހެން ހުރި ޓްރެކްސޫޓުގެ ޖީބަށް އަތް މަހާލަމުން އޭގައި އޮތް މަދު ފައިސާކޮޅު ނަގާ ބަލާލީމެވެ. އެ ފިހާރައަކީ މާ ގިނަ މުދާލާއި ތަކެތި ވިއްކަން ހުރި ފިހާރައެއް ނޫނެވެ. މޭޒުމަތީ އަތުރާފައި ހުރި ބަނަސްތަކަށް އަހަރެން ބަލާލީ އަަހަރެންގެ ތިން ދަރިން ބަނޑުހައިވެފައި ތިބޭނެކަން އެނގޭތީއެވެ. އެ ކުދިން މިހާރު ތިބޭނީ އަހަރެން ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

އަތުގައި ހުރި ފައިސާއިން ބަނަސްކޮޅަކާއި މޭވާކޮޅެއް ގަނެވޭނެކަން އެނގުމުން މުށުތެރެއަށްލާ ބޮނޑިކޮށްލައިގެން ހުރި ފައިސާތައް އެ ފިހާރައިގެ ސޭޓުގެ އަތަށް ދިއްކޮށްލީމެވެ. ނޫސް ކަރުދާހެއްގެ ތެރެއަށް ބަނަސްތައް ލާ އޮޅާލާ، ކޮތަޅަކަށް މޭވާ އެޅުމަށްފަހު އަހަރެންގެ އަތަށް ސޭޓު މީހާ އެ އެއްޗެތި ދިއްކޮށްލިއެވެ. އެތަކެތީގައި ހިފާލި އިރު އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ދަރިންނަށް މިއަދު ބަނޑުފުރާ ކައިގެން ނިދޭނެކަން އެނގުމުން އަހަރެން މާތްﷲއަށް ހަމްދު ކުރީމެވެ.

އަހަރެން ދިރިއުޅޭ ހިސާބަކީ ގާތްގާތުގައި ގިނަ ގެތަކެއް އަޅާފައިވާ ހިސާބެކެވެ. ބުރިބުރިއަށް ހުންނަ އެކި ސައިޒުގެ ގެތައް ގިނަ ކަމުން އެ ސަރަހައްދު ދުރުން ބަލާ މީހާކަށް ފެންނާނީ އެއްވެސް ތަރުތީބެއް ނެތް ކަހަލަ ގޮތަކަށެވެ. ގިނަ ގެތަކުގައި ހުންނަނީ ސިމެންތި ޖެހިގޮތަށް ކުލަކޮޅެއްވެސް ފާރުގައި ނުލައެވެ. އަނެއްބައި ގެތަކުގައި އަޅި ނޫނީ މުށި ފާޑު ކުލައެއް ލާފައި ހުންނަ އިރު އެ ސަރަހައްދު ވައްތަރީ ވަރަށް ނާތަހުޒީބު ހިސާބެއްގެ ގޮތުގައެވެ. މަގެއްގެ މަތިން ގަހެއްހާ ހިސާބުވެސް ނުފެނެއެވެ. ހޫނު ގަދަކަމުން މުޅި މަގުމަތި އޮންނަނީ ހިރަފުސް ބޯވެފައެވެ.

ހިރަފުސް ބޯ މަގުތަކުން ހިނގާފައި އައި އިރު މިއަދު މަގުމަތިން ފެންނަ މީހުން މަދުކަން އަންހަންނަށް ފާހަގަވިއެވެ. ހިމަ ގޯޅިތަކުން ގެއާ ހަމައަށް ދާން އަހަރެން ދުރުދުރުގައި ފިޔަވަޅު އަޅަމުން ދިޔައީ ހިތުގައި ކޮންމެވެސް ވަހުމެއް އަށަގަތުމުންނެވެ. ވަށައިގެންވާ ހުރިހާ ގެތަކެއްގެ ކުޑަދޮރުތަކަށް ދާންދެން ހުރީ ލައްޕާފައެވެ. އެހެންޏާ މަގުމަތީގައި ކުޅެން ނުކުމެ އުޅޭ ކުދިން ފެންނަން ނެތުމުންވެސް އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ އުނދަގޫ އިތުރުވިއެވެ. މަސައްކަތަށް ގޮސް އުޅުމަށްފަހު ގެއަށް ދަމުން ކުދިންނަށް ކާއެތިކޮޅެއް ކެވޭނެ ގޮތެއް ހެދުމަށް އަހަރެން ބަނަސްގަތީވެސް މިއަދު ދެން ބޭރަށް ނުކުންނަން ބޭނުން ނުވާތީއެވެ. ބައެއް ހިސާބުތަކުގައި ހިމުންވެ ހަލާކުވެފައިވާ ގެތަށް ކައިރިން ހުރަސްކުރަމުން ދިޔައިރު އެ ގެތަކާ ދިމާއަށް އަހަންނަށް ނަޒަރު ހުސްކޮށްލެވުނެވެ. އެގެތަކުގެ ބޯހިޔާވާނެ ފުރާޅެއް ނެތެވެ. ވަށައިގެން ވާ ފާރުވެސް ހިމުންވެ ބިމާހަމައަށް ފުނޑުފުނޑުވެގެން ވަނީ ފައިބާފައެވެ.

އެގެތަކާ ދިމާއަށް ބަލަން ހުރި އިރު އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި އެތައް އިހްސާސްތަކެއް ކުރިއެވެ. އަހަރެންގެ ގައުމު ފަނާވެގެން މިދަނީ ކޮންފަދަ ހިތި ވޭނެއްގަ ހެއްޔެވެ. އެކިވަރުގެ އަނިޔާތައް ތަހައްމަލު ކުރާ އާއިލާތައް މަދެއް ނޫނެވެ. އެންމެންވެސް ތިބެނީ ހާލަތު އޮތް ގޮތުން ބިރުން ސިހިސިހިއެވެ. ދެން ވާނެ ގޮތެއް އެނގޭނީ ވަކި ކާކަށް ހެއްޔެވެ. މަދަދަށް އެދި ބުނާނީވެސް ކާކު ކައިރީ ހެއްޔެވެ. މާތްﷲގެ ހަޟްރަތުގައި އެކަމުން ސަލާމަތް ކުރެއްވުން އެދި ދުއާކުރުން ނޫން ގޮތެއް ނެތެވެ.

ގެއާ ހަމައަށް ދެވުމުން އަހަރެންގެ ފިޔަވަޅު މަޑުޖެހުނީ ކުޑަ ކުއްޖެއްގެ ހުނުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުންނެވެ. އެއީ މަދުން ނޫނީ އެހިސާބުން އިވޭ އަޑެއް ނޫނެވެ. އެއްފަރާތެއްގައި އޮތް ކާރުގެ ބޮނެޓް މަތީގައި އިށީނދެގެން ދެ ކުދިން ތިބި އިރު އެކުދިންނާ ދާދި ގާތުގައި ކޮޅަށް ހުރި ކުއްޖާ އުޅުނީ އޭނާގެ ކޮއްކޮއަށް ކާއެތިކޮޅެއް ކާން ދެވޭތޯއެވެ. ބަނޑުހައިވެފައި ތިބި ދެކުދިން އެކުދިންގެ ދައްތަ ކިޔައިދެމުން ދިޔަ ވާހަކައަށް ސަމާލުކަން ދީގެން ތިބެ ކަމުން ދިޔައެވެ.

އަހަންނަށް އެ މަންޒަރު ފެނި ހިތުގައި ރިހުމެއް އުފެދުނީ އެއީ ކޮން ކުދިންނެއް ކަން އެނގުމުންނެވެ. އެއީ ކުރިން އަހަރެންނަށް ފުނޑުފުނޑުވެފައިވާ ގެއެއްގެ ކުރިމަތިން ހުރަސްކުރެވުނު ގޭގެ ކުދިންނެވެ. އެ ކުދިން އެ ތިބި ނިކަމެތިކަން ފެނި އަހަރެން ހިތުގައި ޖެހުނެވެ. އަހަރެންގެވެސް ހުންނަނީ ތިން ކުދިން ކަމުން އެ މަންޒަރު ފެނި އަހަރެންގެ ލަގޮނޑީގައި ރިއްސާލިއެވެ. ކުދިންނަށް ކާންދޭން ގަތް ބަނަސްތަކުގެ ތެރެއިން ބަނަހެއް ނަގާ އަހަރެން އެކުދިންނަށް ދިއްކޮށްލީމެވެ. ޔަތީމުވެފައިވާ އެ ކުދިން އަހަންނާ ދިމާއަށް ބަލާލުމަށްފަހު ޝުކުރު އަދާ ކުރިއެވެ. އެކުދިންގެ ބޮލުގައި ފިރުމާލުމަށްފަހު އަހަރެން ގެއަށް ދާން އެނބުރިލީ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވަމުންނެވެ.

ގޭތެރެއަށް ވަދެ އަރައިގެން ހުރި ފައިވާން ބޭލުމަށްފަހު އަހަރެން އަވަސްވެގަތީ ގައިން ތާހިރުވެ ފެންވަރާލާށެވެ. އަހަރެން ގަނެގެން ގެނައި ތަކެތި އަންހެނުންނާ ހަވާލުކުރުމަށްފަހު ކާން ތައްޔާރު ކުރަން އެދުނީމެވެ. ލަސްނުކޮށް އަހަރެންގެ އަންހެނުން، ސަމްސިއްޔާ ކާންތައްޔާރު ކުރަން އަވަސްވެގަތެވެ. އޭރު ސިޓިންގް ރޫމުގައި އަހަރެންގެ ތިން ދަރިން ތިބީ ފޮތަކާއި ފަންސޫރާއި ކުލަތަކެއް ހިފައިގެން ކޮންމެވެސް އެއްޗެއް ކުރަހާށެވެ. އަަހަރެން ފެނުމާ އެކު ކުޑަކުޑަ އަމްރު އޭނާ ކުރަހަން އިން ގަނޑު ހިފައިގެން އައިސް އަހަރެންނަށް ދައްކާލަމުން ސަލާމް ކޮށްލިއެވެ. ހަމަ އެވަގުތު ދެންތިބި ދެކުދިން ވެސް "އައްސަލާމް އަލައިކުމް" އޭ ބުނެލަމުން ހިނިތުންވެލިއެވެ.

ފެންވަރާ ވުޞޫކޮށްގެން ނުކުމެ އަހަރެން އަޞްރު ނަމާދު ކޮށްލީމެވެެ. އޭރު ސަމްސިއްޔާ ހުރީ އަހަރެމެންގެ އާއިލާއަށް ކެވޭނެ ގޮތަށް ސުފުރާމަތި ތައްޔާރުކޮށްފައެވެ. ކާގެއަކީ ބަދިގެއާ ޖެހިގެން ހުރި ކުޑަ ކޮޓަރިއެކެވެ. ތަޅުންމަތީ ކުނާއަޅާފައިވާ ތަނުގައި އަހަރެންގެެ ތިން ކުދިންނާއި އަންހެނުން އިށީނދެގެން ތިބީ އަހަރެން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދެފައި ވަށް ކޮށްލަމުން އަހަރެން ކުނާ މަތީ އިށީނދެ ކެއުމުގެ ކުރިން ބިސްމި ކިޔާ އަހަރެމެން ކާން ފެށީމެވެ.

އަމްރުގެ ބޮލުގައި އަހަރެން ފިރުމާލުމަށްފަހު ދޮށްޓަށް ހުރި އުބައިދު އާއި އިޒްމިއާގެ މޫނަށް ބަލާލީމެވެ. އުބައިދަށް ތޭރަ އަހަރުވީ އިރު އިޒްމިއާއަށް އަދި މިވީ އެންމެ ހަތް އަހަރެވެ. އެ ކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަޖެހުމުގެ ކުލަތަކުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކައި ނިމުމަށްފަހު އަހަރެމެންގެ އާއިލާއަށް ބަނޑުފުރާ މުއްތި ކުރެވޭވަރު ދެއްވީތީ މާތްﷲ އަށް ހަމްދުކުރީމެވެ. އެއަށްފަހު ކާން ހުރި ތަށީގެ ތެރެއަށް ކޮންމެ މީހަކުވެސް އަތްދިއްކޮށްގެން ތިބީ ސަމްސިއްޔާ ފެންޖަގަކުން ފެންއަޅައިދެން ދެނެވެ. އަތް ދޮވެ ނިންމާލުމަށްފަހު އެންމެ ކުޑައަށް ހުރި އަމްރުގެ އަތާއި ތުން ދޮއްވަން އަހަރެން އެހީވީމެވެ.

ކެއުމަށްފަހު އަރާމުކޮށްލަން އަހަރެން ބޭނުންވެފައި ވާތީ ސިޓިންގް ރޫމުގައި ހުރި ސޯފާގައި އޮށޯތީވެ. ރޭޑިއޯއިން އޭރު ކިޔަމުން ދިޔަ ހަބަރުގެ އަޑު އަހަންނަށް ސާފުކޮށް އިވެއެވެ. އަމްރުއާ އިޒްމިއާ ތިބީ ކުލަޖައްސާށެވެ. ކުޑަ ދޮރު ކައިރީގައި އުބައިދު އިނީ ބޭރު ބަލާށެވެ. ސޯފާގައި އޮވެ އަހަރެންގެ ލޮލަށް ނިދި ޖެހުނު ވަގުތު ދެލޯ ހުޅުވާލެވުނީ ރޭޑިއޯއިން އިވެމުން ދިޔަ އަޑު ކެނޑިކެނޑިފައި އަންނަން ފެށުމުންނެވެ. އެހެންކަމުން އަހަރެން އުބައިދު ކައިރީ އެ ރޭޑިއޯގެ އެންޓަނާ ދަމާލާ ރަނގަޅުކޮށްލަން ބުނީމެވެ. އުބައިދު ރޭޑިއޯ ރަނގަޅު ކުރަން މަސައްކަތް ކުރަމުން ދިޔަ ވަގުތު ހަބަރުގައި އައި ބައެއް އަަހަންނަށް އަޑު އިވުމުން ދިޔައީ ސިއްސައިގެންނެވެ. އަނެއްކާވެސް ހަމަލާތައް ދޭން ފަށައިފިކަމަށް ބުނި ހިސާބަށް އަޑު އައިސް އޭގެ އަޑު މުޅިން ހެން ކެނޑިއްޖެއެވެ.

ސޯފާއިން ތެދުވެ އަހަރެން އުބައިދުގެ އަތުން ރޭޑިއޯ އަތުލައި އޭގެ ޓިއުން ކުރާ ފިތައް އަނބުރަމުން ދިޔައީ އެ ހަބަރުގެ ބާކީ ބައި އަޑުއަހާލަން ބޭނުންވެފައި ހުރުމުންނެވެ. އަހަރެންގެ ހަރަކާތް ހުރި ގޮތުން ތިންކުދިންވެސް ތިބީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންނަށް އެވަގުތު ވަކިވަކިން ތިން ކުދިންގެ މޫނަށް ބަލާލީމެވެ. ބަދިގެއިން ނުކުމެގެން ސިޓިންގްރޫމަށް އައި ސަމްސިއްޔާއާ ދިމާއަށް ވެސް އަހަރެން ބަލާލީ ހަމަ އެހެން ހުރެއެވެ. އެކަމަށް ނުވިސްނާ ހުއްޓާ އަހަންނަށް އިވުނީ ބާރު އަޑުފައްގަނޑެކެވެ. ހަމައެއާ އެކު އަހަރެންގެ ބޯމަތިން ގޭގެ ވަށައިގެންވާ ފާރުތައް މުގުރިގެން ފައިބައިގަތެވެ.

މުޅި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން އަހަރެން ލޯހުޅުވާލަން މަސައްކަތް ކުރީމެވެ. އަހަރެންގެ ގައި މަތީގައި ވަނީ ގާފުންޏެކެވެ. ގައި ހުރި ބާރެއްލާ އެ ގާތައް ދުރަށް ޖައްސަން އަހަރެން މަސައްކަތް ކުރިއިރު އަހަރެންގެ އަނބި ދަރިން މަތިން ހަނދާންވިއެވެ. ކަށިން ހިތްވަރު ނެރެ އަހަރެންނަށް އެ ގާތައް ދުރައް ޖައްސާ އޮތްތަނުން ނުކުމެވުނީ ވަރަށް ހާލުންނެވެ. ގާފުނިން ބޭރަށް ނުކުމެވުނު އިރު އަހަރެން ހުރީ ހިރަފުހާއި ކިލައިން ތަތްތެޅިފައެވެ. މެއަށް ފިތިފައިވާ ކަހަލަ ގޮތެއް ހުރުމުން ހަށިފުރާ ނޭވާނުލެވި އަހަރެންނަށް ކެއްސަން ފެށުނެވެ.

ވަށައިގެންވާ މާހައުލަށް އަހަރެން ބަލާލީ ކުދިން މަތިން ހަނދާންވުމުންނެވެ. މުޅި ގޭގެ ހަތަރުފާރު ވަނީ އެއްކޮށް ވެއްޓިފައެވެ. ގާފުނިތަކުގެ މަތިން އަހަރެންގެ ދަރިންގެ ނަމުން ގޮވާލީ އެއިން ކުއްޖެއްގެ ހަބަރެއް ވޭތޯއެވެ. ސަމްސިއްޔާއަށް ވެސް ގޮވާގޮވާ ހިލަމެއް ނުވިއެވެ. މީހަކަށް ބެލުމެއް ނެތި އަަހަރެން ގާފުނިތައް މަތިން ހާވަމުން ދިޔައީ އެއިން މީހަކު ފެނޭތޯއެވެ. ނުރޯން ހިތްވަރުކޮށްގެން ހުރި ނަމަވެސް އަހަރެންނަށް އޭރު ރޮވެނީއެވެ. ގާތައް ހާވަމުން ދަނިކޮށް ކުޑަ އަމްރުގެ އަތް އަހަރެންނަށް ފެނުމުން އުންމީދެއް ލިބުނެވެ. އެކުއްޖާގެ އަތުގައި އަހަރެން ހިފާލި އިރު ވިންދު ހުރިކަމުގެ އިހްސާސް ވިއެވެ. އޭނާ އަހަރެން އެ ގާފުނި ތެރެއިން ނެރުނު އިރު އެ ސޮރު ހުރީ ހިރަފުހާ އެކުވެ މުޅި ހަށިގަނޑު އަޅިކުލައަކަށެވެ. ނިތްކުރި ފަޅައިގެން ގޮސް ޒަހަމްވެފައެވެ.

އަމްރު ނަގާ އެއްފަރާތެއް ގައި ބޭންދުމަށްފަހު އަނެއްކާވެސް އަހަރެން ގާތައް ފުރޮޅާ ދުރައް ޖައްސަން ފެށީމެވެ. އޭރު އެހިސާބަށް ބައެއް މީހުން އައިސް އަހަންނަށް އެހީވާން ފެށިއެވެ. ހަލާކުވެ ސުންނާފަތިވެފައިވާ ގޭތެރޭގައި ހުރި ގާފުނިތައް ދުރަށް ޖައްސައިގެން އުބައިދުއާއި އިޒްމިއާގެ އިތުރުން ސަމްސިއްޔާ ވެސް ފެނުނީ ވަރަށް އިރުންނެވެ. އޭގެތެރެއިން ދިރި ހުރީ އިޒްމިއާ އެކަންނެވެ. އުބައިދާއި ސަމްސިއްޔާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކާއެކު އެ ދެމައިންގެ ފުރާނަ ވަނީ މި ދުނިޔެއާ ވަކިވެފައެވެ.

ގޭ ކައިރިއަށް ގެނައި ވެހިކަލެއްގައި އަހަރެންނާ އަމްރުގެ އިތުރުން އިޒްމިއާ ގޮވައިގެން ހޮސްޕިޓަލަށް ދާން މީހުން އަވަސްވެގަތެވެ. އިޒްމީއާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކާއެކު އޭނާ ތެޅިފޮޅެމުން ދިޔަ ތަން ބަލަން އިން އަމްރުގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ރޯން ވެސް ނޭނގިފައި އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ. ހޮސްޕިތަލާ ހަމައަށް އެ ވެހިކަލަށް ނެދެވެނީސް އިޒްމީއާ ގެ ފުރާނަ ވަކިވެގެން ދިޔައީ އަހަރެންގެ އަތްމަތީގައި އޮވެއެވެ. އަހަރެން އިޒްމިއާގެ ހަށިގަނޑުގައި ހިފާ ރޮމުން ދިޔައީ އަޑުގެ ނެތްތަނަށެވެ. އަހަރެންގެ މުޅި ދިރިއުޅުން ފަނާ ވެގެން ދިޔައީއެވެ.

ހިޔާލަކަށް ގެއްލިފައި އަހަރެން އިނީ އަމްރު އުނގަށް ލައިގެންނެވެ. ސީރިއާގެ ރެފިއުޖީ ކޭމްޕަށް އަހަންނާއި އަމްރު ގެންދިޔަ ވެހިކަލް މަޑުކުރުމުން އޭގެން އަހަރެމެން ފޭބީމެވެ. ކައިރިކައިރީގައި ޖަހާފައިވާ ޓެންޓުތަކުން ނުކުމެ ތިބި މީހުން އަހަރެންމެން ދެބަފައިންނާއި އެކު އަދި އެ ވެހިކަލްގައި ގެނައި މީހުންނާ ދިމާއަށް ބަލަން ތިއްބެވެ. އެތައް އާއިލާއެއް ހާލުގައި ޖެހިގެން އެ ޓެންޓުތަކުގައި އައިސް ދިރިއުޅެމުންދާތަން އަހަރެންގެ ލޮލަށް ފެނި ކަރުނުން ދެލޯ ފުރުނެވެ. މިއީ އެތައް މުސްލިމް އާއިލާއެއް އުޅޭމުންދާ ހިތްދަތި ހާލެވެ.

ކާނެ ބޯނެ އެއްްޗެއް ނުލިބި ބަނޑުހައި ހޫނު ކަންމަތީ އެ އާއިލާތައް ހޭދަކުރަމުންދާއިރު ބޭސްފަރުވާގެ ހިދުމަތެއްވެސް އެ މީހުންނަކަށް ނުލިބެއެވެ. އަމްރު ގޮވައިގެން ގޮސް އެތަނުން ޓެންޓެއްގެ ކައިރީ އަހަރެން މަޑުކޮށްލީމެވެ. އަމްރު ކުރިއަށް ފިޔަވަޅު އަޅާލީ އެތާ ތިބި ކުދިންތަކަކާއި ދިމާއަށެވެ. އަަހަރެންނަށް އަމްރުގެ ފަހަތުން ދެވުނީ އެ ސޮރު އަހަރެންގެ ލޯމަތިން ގެއްލޭ ހިސާބަކަށް ގޮސްދާނެތީއެވެ. އަމްރުއަކީ މިހާރު އަހަރެންގެ ދިރިއުޅުމުގެ ހުރި ހަަމައެކަނި އުންމީދެވެ. އޭނާ ގެއްލިޖެ ނަމަ އަަހރެން ދުނިޔެއިން މޮޔަވާނެއެވެ.

ކުރިއަށް ހިނގާފައި ދިޔަ އަމްރު އެތާ ތިބި ކުދިންނާ އަރާ ހަމަކުރުމަށްފަހު އަޑުގެ ނެތްތަށް ގޮވާލީ އުބައިދަށާއި އިޒްމިއާއަށެވެ. އެ އަޑު އިވި އަހަރެންގެ ފިޔަވަޅު އެ ހުރިތަނަށް ހުއްޓުނެވެ. އެތާ ތިބި ކުދިންތަކުގެ ތެރެއިން އޭނާ އެ ހޯދަނީ އޭނާގެ ދޮންތައާއި ދޮންބެއެވެ. އެ ހާދިސާގައި އަމްރު ގަބުވެފައި ހުރުމަށް ފަހު އޭނާ އެންމެ ފުރަތަމަ ދުލުން ބޭރުކޮށްލި ލަފްޒަކީ އެއީއެވެ. އޭނާގެ މަންމައާއި ދޮންތަ އާއި ދޮންބެ ދެން އެނބުރިއެއް ނާންނާނެއެވެ. އެވާހަކަތައް އެ ތުއްތު ކުއްޖާއަށް އަހަރެން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ.

(ނިމުނީ)