ދެފަރާތަށް މޫދުގެ ލޮނުގަނޑު ކަފަމުން އައި ލޯންޗުގެ ދުވެލި މަޑުކޮށްލީ ރަށުގެ ފަޅަށް ވަންނަން ދިޔަ ވަގުތެވެ. ރަށާ ގާތްވަމުން ދިޔަ ވަރަކަށް އިފާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ދިހަ އަހަރު ފަހުން މަންމަ ގާތަށް ދެވޭތީ އޭނާ އުފާވި ނަމަވެސް ރަށާއި ގާތްވާ ވަރަކަށް ހިތަށް ވަންނަމުން ދިޔައީ ބިރުވެރިކަމެވެ.
އެއްވެސް މަޔަކު ދަރިއަކާ ދޭތެރޭ ދެރަގޮތެއް ވާކަށް ނޭދޭނެއެވެ. އެގޮތުން އިފާގެ މަންމަވެސް އިފާއަށް ދެރަގޮތެއް ނޭދެއެވެ. މަންމަ ދެކެ އިންތިހާއަށް ލޯބިވާ އިފާއަށް މަންމައާ ވަކިވާން ޖެހުނީ މީގެ ދިހަ އަހަރު ކުރިންނެވެ. ކިޔަވައި ދިނުމުގެ ބަހަނާގައި އިފާގެ ބައްޕަ އޭނާ މާލެއަށް ގެންދިއުން ވެގެން ދިޔައީ އޭނާއަށް ލިބުނު ނިއުމަތަކަށެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާ އޭނާ ވަނީ މީގެ ތިން އަހަރު ކުރިން އޭލެވެލް ހެދި ކުދިންގެ ތެރެއިން ރަންވަނައެއް ހޯދާފައެވެ. އޭގެފަހުން ތިން އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމަށްފަހު ރާއްޖެއަށް އެނބުރި އައިސް ވަޒީފާއަށް ދިއުމުގެ ކުރިން އޭނާ ބޭނުންވީ ދުވަސްކޮޅަކަށް މަންމަ ގާތަށް ދާށެވެ. އެކަމާ ދެކޮޅު ހެދުމެއް ނެތި އޭނާގެ ބައްޕަ އެކަމަށް އެއްބަސްވީ އިފާ ކުރި މިންނަތް މަސައްކަތުގެ ހަދިޔާއެއްގެ ގޮތުގައެވެ.
ކޮނޑުގައި ދަބަސް އަޅުވާލައިގެން މަޑު ހިނގުމެއްގައި ގޮސް ގޭގެ މައި ދޮރާށިން އެތެރެއަށް ވަދެ ގޯތި ތެރެއަށް އިފާ ނަޒަރު ހިންގާލިއެވެ. އޭނާއަށް ގޮސް ވަދެވުނީ ރަނގަޅު ގެއަށް ކަން އެނގެން އޮތް ހަމައެކަނި ގޮތަކީ އެއް ފަރާތެއްގައި ދަނޑި ފަނާއި ޓިނު ބޭނުންކޮށްގެން ހަދާފައި ހުރި ވީރާނާ ވާން ކައިރިވެފައިވާ ގެގަނޑު އަދިވެސް ހުރީމައެވެ. މުޅި ގޯތިތެރޭގައި އެގޮތް މިގޮތަށް ހެދިފައިވާ ގަސްތަކުގެ އިތުރުން ބޯ ވިނަތަކުގެ ސަބަބުން އެތަން ވައްތަރީ ފަޅު ތަނަކާއެވެ. އެގެއަކީ އަބަދުވެސް ވަލުތެރޭ އެހެން ގެތަކާއި އެކަހެރިކޮށް ހުންނަ ގެއެކެވެ.
ހިޔާލަކަށް ގެއްލިފައި ދޮރުމަތީ މަޑުކޮށްގެން ހުރި އިފާގެ ކުރިމަތިން ހުރަސްކޮށްފައި ދިޔަ ކަޅު ބުޅަލެއް ދިއްގާ ގަސްތަކުގެ ތެރެއަށް ވަނުމުން އިފާއަށް ކުއްލި ސިހުމެއް ލިބުނެވެ. ބިރުން ތެޅިގަތް އިފާ ހަޅޭއްލަވައިގަތުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ހިތާ ދިމާލުން މޭގައި އަތް އަޅައިގެން ހުރެއެވެ. އެގެއިން ނުކުންނަން އެނބުރުނު ވަގުތު އޭނާއަށް އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަނެވުނީ ގައިގާ ޖެހޭ ނުޖެހޭހާ ގާތުގައި ހުރި އަންހެން މީހާ ފެނުމުންނެވެ.
އެ އަންހެން މީހާގެ ނުރަ އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހާވާލާފައެވެ. މިއިން ދުވަހަކު އެ އިސްތަށިގަނޑުގައި ފުނާ ޖައްސާލާފައި ވެސް ނެތް ކަން އެނގެނީ ހިރަފުސް އަރައިގެން ހަރުވެފައި ހުރި އިސްތަށިގަނޑުގައި ޖެހިފައިވާ ގޮށްތަކުގެ ސަބަބުންނެވެ. އޭނާގެ އަނދާފައިވާ މޫނާއި ލައިގެން ހުރި ބައު ހެދުމުގެ އިތުރުން ކޮބަޑި ޖަހައިގެން ރަތްވެފައިވާ ދަތްޕިލައިން ވެސް އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫންކަން އެނގެއެވެ. އެމޫނަށް ކަޅިޖަހާނުލާ އިފާއަށް ބަލަން ހުރެވުނީ ދެލޯ ބޮޑުކޮށްގެން ހައިރާންވެފައެވެ. އެއީ ދުވަހަކުވެސް އޭނާގެ ހިތުން ފުހެވޭނެ ސޫރައެއް ނޫނެވެ.
މަންމާއޭ ކިޔައި އެމީހާގެ ގައިގާ އޮޅުލައި ގަތުމާއެކު އަޑުގެ ކޮޅަށް އިފާ ރޮއެ ގަތީ ޒުބޭދާގެ ގައިން އަރަމުން ދިޔަ ނުބައި ވަހަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އިފާގެ އަތްދަށުން ސަލާމަތްވުމަށްޓަކައި ޒުބޭދާ ތެޅިފޮޅެމުން ދިޔައެވެ. ކުޑަ ދުލެއްވެސް ނުދީ އޭނާއަކީ މަންމަގެ ލޯބިވާ ދަރިފުޅުކަން އިފާ ކިޔައިދެމުން ދިޔައީ މަންމައަށް އިފާ ފެނި އެއީ ކާކުކަން ނޭނގި ހުރެދާނެތީއެވެ. ނޫނީ އިފާ ފެނިގެން މަންމަ ދުވެ ފިލާފާނެތީއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭ ޒުބޭދާގެ ހަރަކާތްތައް މަޑުވެ، އިފާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ހުއްޓެވެ. ވިދުމެއް އެކުލެވޭ މަންމަގެ މުށިކުލައަށްދާ ކަޅިއަށް އިފާ ބަލަން ހުރީ ޒުބޭދާއަށް އޭނާ ދެނެގަނެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޒުބޭދާގެ އަތް އުފުލާލުމަށްފަހު ކުރިއަށް އަތް ދިއްކޮށްލީ އިފާގެ މޫނުގައި އަތް ޖައްސާލަން ހެން ހީވުމުން އިފާ މަޑުމަޑުން އޭނާގެ ދެލޯ މަރާލީ ހިތަށް ލިބުނު ހަމަޖެހުމާއެކުގައެވެ.
ހުރިހާ ދަތްތައް ދިލުވައިގެން ޒުބޭދާ ހޭން ފެށީ އަޑުގެ ނެތްތަނަށެވެ. މަލާމާތްކުރާ ފަދަ ޒާތަކަށް ހެމުންދިޔަ ޒުބޭދާއަށް ހެމުން ހެމުންގޮސް ދެން ރޮވެން ފެށިއެވެ. މަންމަގެ އަމަލުތައް ހުރި ގޮތް ފެނުމުން އިފާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނާގެ މަންމައަށް ވެފައިވާ ގޮތް ފެނި ހިތުގައި ހަމްދަރުދީ އުފެދުނެވެ. މަންމައާ އަޅާލާނެ މިހާކުނެތް ކަން އޭނާއަށް އިހްސާސްވީ އެހިސާބުންނެވެ. ގައިމު އަޅާލާނެ މީހަކު ހުރި ނަމަ މަންމަ ހުންނާނީ އެހެން ދުނިޔެއިން މޮޔަވެފައެއް ނޫނެވެ. މަންމައަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރަމުން ޒުބޭދާ ގޮވައިގެން އިފާ ގެއަށް ވަނީ އާ އުންމީދުތަކަކާ އެކުގައި ހިތްވަރުލައި މަންމައަށް އެހީވުމަށެވެ.
އެތައް ފަހަރެއްގެ މަތިން ކަތިވަޅިން ޖަހާ ދިއްގާ ގަހެއް ކަނޑާ ވައްޓާލުމަށްފަހު އުނަގަނޑުގައި އަތް އަޅައިގެން އިފާ ތެދުވެ ހިންދެމިލިއެވެ. މެންދުރު ވަގުތާ ގާތްވަމުން ދާތީ އެ ވަގުތަށް މަސައްކަތް ހުއްޓާލުމަށްފަހު ސާފުކުރަމުންދާ ގޯތިތެރެއަށް އޭނާ ނަޒަރު ހިންގާލީ ލުއި ހިނިތުންވުމަކާ އެކުގައެވެ. އޭނާއަކީ އަންހެނަކަށް ވިޔަސް ހުރިހާ ކަމެއްގައި ފިރިހެނުންގެ އެހީއަށް އެދުމަކީ އިފާ ގަބޫލުކުރާ ކަމެއް ނޫނެވެ. ރަށަށް އައިތާ ހަފްތާއެއް ވީއިރު ގޯތީގެ ބޮޑު ބައެއް ވަނީ ސާފުކުރެވިފައެވެ. އޭނާ ބޭނުންވަނީ އޭނާއަށް ވީ ވަރަކުން ހުރިހާ ކަމެއްވެސް އަމިއްލައަށް ކުރާށެވެ.
އުނދުނުގައި ދަރުތައް ޖައްސާ ރަނގަޅަށް އަނދަން ފެށުމުން ހަނޑޫތެލި އުނދުންމައްޗަށް އުދުމަށްފަހު އިފާ އަވަސްވެގަތީ ގައިން ތާހިރުވެލުމަށެވެ. ފަން ގިފިލީގެ ދޮރުގައި ފިލާގަނޑު ލައްކޮށްލުމަށްފަހު ފެންވަރާ، ވުޟޫކޮށްލައިގެން ނުކުތް އިރު ބަންގީގެ އަޑު އިވެމުން ދިޔައެވެ. ބަތްތެލި ކެކެން އިރުކޮޅެއް ވާނެކަން އެނގޭތީ ބައެއް ދަރު އެއްފަރާތްކޮށްލާ ހުޅުގަނޑު ކުޑަކޮށްލުމަށްފަހު އޭނާ ގެއަށް ވަނެވެ. އޭރު ޒުބޭދާއަށް އޮތީ ނިދިފައެވެ.
އަވަސްއަވަހަށް މުސައްލަ ފަތުރާލުމަށްފަހު ނަމާދަށް އިފާ އެރީ ހިތްހަމަޖެހުމާއެކުގައެވެ. މީގެ ކުރިން މީހުންނަށް އުނދަގޫ ކުރަމުން ރަށުތެރޭގައި ހިނގާ ޒުބޭދާ މިހާރު ގެއިން ނުކުންނަނީ ވަރަށް މަދު ފަހަރަކުއެވެ. ބޭސްތަކެއް ދީގެން ރަނގަޅު ކުރުމުގެ ބަދަލުގައި އިފާ ހިޔާރުކުރީ އޭނާގެ މަންމައަށް ލޯތްބާއި އޯގާތެރިކަން ދީގެން ރަނގަޅު ކުރުމަށެވެ. ގޭތެރޭގެ މަސައްކަތްތައް ކުރަމުން އޭނާގެ ހުރިހާ ވަގުތެއްވެސް ހުސްކޮށްލާފައި ވަނީ ޒުބޭދާއަށްޓަކައެވެ.
މަންމަ ފެންވަރުވާ، ރީތިކޮށް، ކާންދީ ހަދަނީ އިފާގެ އަމިއްލަ އަތުންނެވެ. މަސައްކަތުގައި އުޅޭ ވަގުތަކުގައިވެސް އޭނާގެ ލޯ މަތިން ޒުބޭދާ ގެއްލުނަ ނުދީ ވޭތޯ އޭނާ މަސައްކަތް ކުރެއެވެ. އެހެން އިންނަ އިރު ކުޑައިރުގެ ވާހަކަތައް ހަނދާން ހުންނަ ވަރަކުން މަންމައަށް ކިޔައިދީ އަލްބަމުން ފޮޓޯތައް ދައްކާ ހަދައެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ މަންމަ ދޫކޮށް ދޮންބައްޕަ ދިޔައީ ކީއްވެގެންތޯ ހިތަށް އެރި ނަމަވެސް މަންމައާއި އެ ސުވާލު އޭނާއެއް ނުކުރެއެވެ. އިފާގެ ބައްޕަ އޭނާ މާލެ ގެންދިޔައީ ދޮން ބައްޕަ އޭނާއަށް އަނިޔާ ކުރާކަން އެނގިގެން ކަމަށް ބައްޕަ އޭނާ ގާތުވަނީ ބުނެފައެވެ. ނަމަވެސް އެކަމުގައި ބައްޕަ އެންމެ ފަހަރަކުވެސް މަންމަ ކުށްވެރިއެއް ނުކުރެއެވެ. އަދި އަދަށްވެސް ބައްޕަ މީހަކާ ނީނދެ ހުންނަނީ މަންމަ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
ނަމާދުކޮށް ނިންމާލުމަށްފަހު ޒުބޭދާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކޮށް ހަމްދުއެޅިއެވެ. މުސައްލަމަތިން ތެދުވި އިރު ޒުބޭދާ އިނީ އިފާގެ ހަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. ކޮންމެ ނަމާދެއްގެ ފަހަތުގައިވެސް އޭނާގެ މައިންބަފައިންގެ މައްޗަށް އޭނާ ދުއާ ކުރެއެވެ. ގިނަ ފަހަރު އަޑު ބާރުކޮށް ޤުރުއާން ކިޔާވާއިރު އެ އަޑުއަހަން ޒުބޭދާ ހިމޭނުން އިނދެއެވެ. ބައެއްފަހަރު އިފާގެ އަޑުދަށުން ކިޔަވަންވެސް ޒުބޭދާ މަސައްކަތް ކުރެއެވެ. އިފާ ދެކެނީ އެއީ ރަނގަޅު ފާލެއް ކަމުގައެވެ.
އިފާއަށް އޭނާގެ ބައްޕަގެ ކޯލެއް އައީ ދެމައިން އެކުގައި ކައި ނިންމާލުމަށްފަހު ޒުބޭދާގެ ބޮލުގައި އޭނާ ފުނާއަޅުވަން ހުއްޓައެވެ. އެންމެ ފުރަތަމަ ފެންވެރި ދުވަހު ބޮލުން ގޮށްތައް ނުފިލައިގެން މަންމަގެ އިސްތަށިގަނޑު ކޮށާލިއެވެ. އެ ކުރު އިސްތަށިގަނޑުގައި މިހާރު ފުނާއަޅަން މާ ގިނައިރެއް ނުނަގާނެކަން އެނގޭތީ އިފާ ފޯނުން ވާހަކަދެއްކީ ބުރުގާ ދަށަށް ފޯނު ޖަހާލައިގެން ހުރެއެވެ.
އާދައިގެ މަތިން މަންމަގެ ހާލު އެހުމުން ޒުބޭދާ ރަނގަޅު ކަމަށް ބުނީ މަންމަގެ ހާލަތު ބައްޕައަށް އެނގިއްޖެނަމަ ދެރަވާނެވަރު އެނގޭތީއެވެ. އެހެންކަމުން ޒުބޭދާގެ އެއްވެސް ވާހަކައެއް އިފާ އޭނާގެ ބައްޕައަކާ ހިއްސާއެއް ނުކުރެއެވެ.
އިފާ މަންމަ ކައިރިއަށް ރަށަށް އައިތާ މަސް ދުވަސްވީއިރު ޒުބޭދާގެ އުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިފާއާ އެކު ގަޑިން ގަޑިއަށް ނަމާދަށް އަރާ ގޭތެރޭގެ މަސައްކަތްތަކުގައި އޭނާ ބައިވެރިވަމުން ދިޔައެވެ. ޒުބޭދާއަށް އައި ބަދަލުތައް ފެނި މަދުމަދުން އެގެއަށް މީހުން އަންނަން ފެށިއެވެ. ޒުބޭދާގެ ކުރީގެ ރަހްމަތްތެރިން އެގޭ ދޮށަށް އައިސް އޭނާއާ ވާހަކަދައްކާލާ އަނގަތަޅާލަން މަޑުކުރަން ފެށިއެވެ. އަދި މަންމަ ރަނގަޅުކުރަން އިފާ ކުރަމުން ދިޔަ މަސައްކަތް ފެނި ގިނަ ބައެއްގެ ތައުރީފް އިފާއަށް ރައްދުވަމުން ދިޔައެވެ.
މަންމަ ދެކެ ލޯބިވާ ހިތްހެޔޮ ދަރިފުޅުގެ ވާހަކަ ފެތުރެމުން ގޮސް އަނީސްގެ ކަންފަތުގައި އެވާހަކަ ޖެހުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. މި ވާހަކަތަކަކީ މިއިން ދުވަހަކު އިފާ އޭނާއާ ހިއްސާކުރި ވާހަކައެއް ނޫނެވެ. ގުޅާލާ ކޮންމެ ފަހަރަކުވެސް މަންމަގެ ހާލު ރަނގަޅުކަމަށް އިފާ ބުނަމުން ދިޔައިރު އެވާހަކަތައް އަނީސް ގަބޫލުކޮށްގެން ހުރީއެވެ.
އަރާމު ދިރުއުޅުމެއްގައި އަނީސްގެ އުޅެމުން އަންނަ އިރު ޒުބޭދާ އުޅެމުންދިޔަ ނިކަމެތި ހާލު އޭނާއަށް މި އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އެ ހަބަރު އަނީސް ގަބޫލުނުކޮށްފާނެތީ އެމީހާ އައީ އެވާހަކަ ޝާއިއުކޮށްފައިވާ ނޫހެއްވެސް ހިފައިގެންނެވެ. އެކަން އޭނާއަށް ގަބޫލުކުރަން މަޖުބޫރުވީ ޒުބޭދާއާއި އިފާގެ ފަހުގެ ފޮޓޯއެއް އެ ނޫހުގައި ޖަހާފައިވާތީއެވެ.
އަލަމާރީގެ ތެރެއިން ޒުބޭދާގެ ކަޅާއި ހުދުގެ ފޮޓޯ ގަނޑެއް ނަގައިގެން ބަލަން ހުރި އަނީސްގެ ކޯތާފަތް ހޫނު ކަރުނައިން ތެތްމަމުން ދިޔައެވެ. ޒުބޭދާއަކީ މިހާތަނަށް އޭނާ އެންމެ ލޯބިވާ މީހާއެވެ. އެދެމީހުން ދުރުވެފައި ވަނީ ޒުބޭދާގެ އާއިލާގެ މީހުން އޭނާ އެހެން މީހަކާއި ދެވަން ބޭނުންވެގެން ސިހުރުގެ ބޭނުންކޮށްގެންނެވެ. އަނީސަށް އެކަން އެނގުނީ ސިހުރު ހެދި މީހާ ހައްޖަށް ދާންވެގެން އޭނާގެ ގާތަށް މައާފަށް އެދެން އައުމުންނެވެ. އޭރު ޒުބޭދާ އުޅެނީ އާއިލާއިން ދެއްކި މީހަކާ އިނދެގެން ކަމުން އަނީސް އެދެމެދަށް ވަންނާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ދަރިފުޅަށް އެކިވަރުގެ އަނިޔާތައް ލިބެމުން ދިޔަކަން އެނގުމުން އަނީސް އެކުއްޖާ ގޮވައިގެން މާލެއަށް އައީ އިފާއަށް ކިޔަވައިދޭން ބޭނުންވާ ކަމަށް ބުނެފައެވެ. އެދުވަހަކީ އަނީސަށް އެންމެ ފަހު ފަހަރަށް ޒުބޭދާ ފެނުނު ދުވަހެވެ.
ކުއްލިއަކަށް ގޭގެ ބެލް ޖަހާލި އަޑަށް އަތުގައި އޮތް ފޮޓޯގަނޑު އަލަމާރިއަށް ލުމަށްފަހު އަވަސްއަވަހަށް އަތުން މޫނު ފޮހެލިއެވެ. ހަމަޖެހެން މަސައްކަތް ކުރަމުން ގޮސް ގޭގެ މައި ދޮރު ހުޅުވާލެވުމާއެކީ އަނީސް ދިޔައީ ސިއްސައިގެންނެވެ. މަސް ދުވަހަށް ފަހު އިފާ ފެނުމުން އަނީސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރަށަށް ގޮސް އޭނާ އެނބުރި އަންނަމުން ބައްޕަ ކައިރީ ނުބުނީ ސަޕްރައިޒެއް ދޭން ވެގެންނެވެ.
އަނީސްގެ ކުރިމަތީ ހިނިއައިސްފައި ހުރި އިފާ އެއްފަރާތަކަށް ޖެހިލުމަށްފަހު ޒުބޭދާގެ އަތުގައި ހިފާ ކުރިއަށް ޖައްސާލިއެވެ. އިސްޖަހައިގެން ހުރި ޒުބޭދާ މަޑުމަޑުން އިސް އުފުލާލީ އަނީސްގެ ދުލުން ޒުބޭދާގެ ނަން ކިޔާލުމުންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ލޮލުންވެސް އުފާވެރިކަމުގެ ޖަޒުބާތީ ކަރުނަތައް ހިލުނެވެ. ޒުބޭދާގެ އަތުގައި އަނީސް ހިފާލަމުން އެތެރެއަށް ވަންނާށޭ ބުނެލީ ނުހަނު ލޯބިންނެވެ. ޒުބޭތާ އެވަގުތު ބަލާލީ އެއްފަރާތެއްގައި ހުރި އިފާގެ މޫނަށެވެ. ހިނިތުންވަމުން އިފާ ބޯ ޖަހާލީ މަންމަ ގާތު އެތެރެއަށް ވަންނާށޭ ބުނާ ފަދައަކުންނެވެ.
ޒުބޭދާ އާއި އަނީސްގެ ކައިވެނި ރޫޅުނު ނަމަވެސް އަނީސަށް އޭނާ ގަދަރުކުރެއެވެ. އެއީ އޭނާ އިހްތިރާމްކުރާ އޭނާއަށް ދުވަހަކުވެސް ގޯސްގޮތެއް ނޭދޭނެ މީހެއްކަމަށް ޒުބޭދާ ގަބޫލުކުރިއެވެ. އެކަމުގެ ހެއްކަކީ ކުޑަ އިރު އަނީސް ގެންގޮސް ތަރުބިއްޔަތު ކުރި އިފާގެ ކިބައިގައި ހުރި ރިވެތި އަހްލާގާއި މާތް ސިފަތަކެވެ. މިއަދު އިފާ އެނބުރި އެއައީ އޭނާގެ ލޯބިވާ މަންމަ ގޮވައިގެންނެވެ. މަންމައަކާއި ނުލާ އެހާ ދުވަސްވަންދެން ހޭދަ ކުރި ނަމަވެސް އިފާގެ ހިތުގައި އޭނާގެ މަންމައަށްޓަކައި އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މަންމައަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އިފާ ކުރި މަސައްކަތުގެ މޭވާ ވަރަށްވެސް ފޮންޏެވެ. މަސް ދުވަސްތެރޭ އޭނާގެ މަންމައަށް އައިސްފައިވާ ބަދަލުންވެސް އެކަން ދޭހަކޮށްދެއެވެ.
ގޭތެރެއަށް ވަތް ޒުބޭދާގެ އަތުގައި އަނީސް މަޑުމަޑުން ހިފާލީ އޭނާގެ ކެތްތެރިކަން ކޮޅުންލީމައެވެ. ޒުބޭދާއަށް އޭނާގެ ހިތުގެ ޖަޒުބާތުތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. އަނީސްގެ މޫނަށް ބަލާލިވަގުތު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގަތެވެ. މޭގައި ޒުބޭދާ ލައްކޮށްލަމުން ޒުބޭދާ ގައިގާ އަނީސް ބައްދާލީ ނުހަނު ލޯބިންނެވެ. ދުވަހަކުވެސް ދޫކޮށް ނުލާނަމޭ ބުނާ ފަދައަކުންނެވެ.
އެ ދެމެދުގައިވާ ލޯބި ފެނި އިފާގެ ލޮލުން ކަރުނަ ހިލުނެވެ. ދެމީހުންނަށް އެކަހެރި ވަގުތުކޮޅެއް ދިނުމަށްފަހު އިފާ އަވަސްވެގަތީ މިރެއަށް އޭނާ ތައްޔާރުކޮށްފައިވާ ދެވަނަ ސަޕްރައިޒް ގެނެސްދިނުމަށެވެ. ގެއިން ބޭރަށް އޭނާ ތަޅުދަނޑިފަތި ހިފައިގެން ދަމުން ސޯފާގައި ތިބި ޒުބޭދާއާއި އަނީސްއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ބައްޕަވީ ގުރުބާނީގެ ބަދަލުގައި މަންމަ ގެނެސްދިނުމަކީ އިފާއަށް ކޮށްދެވުނު ވަރަށް ބޮޑު ކަމެވެ. އެއީ ބައްޕަގެ އުފަން ދުވަސްކަމުން ބައްޕައަށް އިފާ ގެނެސްދިން އަގުބޮޑު ހަދިޔާއެކެވެ.
ގެއަށް އިފާ އައިސް ވަނީ ސިއްރުސިއްރުންނެވެ. ކޭކު ހިފައިގެން ބަދިގެއަށް ދިޔައިރުވެސް މަންމައާ ބައްޕަ ސޯފާގައި ޓީވީ ބަލަން ތިބިތަން ފެނުމުން އިފާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ކޭކުގައިވާ އުއްބައްތި ރޯކޮށްލުމަށްފަހު އެ ކޭކު ހިފައިގެން އައިސް އެ ދެމަފިރިން ކުރިމައްޗަށް އިފާ ހުއްޓުނެވެ. އުފަލުން ފޮޅިފައި އިނދެ އަނީސް އޭނާގެ ދަރުފުޅާ ދިމާއަށް ބަލާލިއެވެ. އެ ކޭކު ގެނައި މުނާސަބާއެއް އަނީސަކަށް ނޭނގެއެވެ. އިފާ އެންމެ ފަހުން އޭނާގެ ބައްޕައަށް އުފާވެރި އުފަންދުވަހަކަށް އެދި މަރުހަބާ ކިޔާލީ ރީތި ރާގަކަށެވެ. ކޭކު ފަޅަން އުއްބައްތިއަށް އަނީސް ފުމެލުމަށްފަހު އޭނާގެ ދެފަރާތުގައި ތިބި އިފާ އާއި ޒުބޭދާގެ މޫނަށް ބަލާލިއެވެ. އޭނާގެ ހަޔާތުގައިވެސް މިހާ އުފާވެރި އުފަން ދުވަހެއް އަދި ނާދެއެވެ. އަނީސްގެ ދަރިފުޅު އެ ދިނީ އޭނާ އެންމެ ބޭނުންވާނެ ހަދިޔާއެވެ. އޭނާ އެންމެ ލޯބިވާ ޒުބޭދާއެވެ.
(ނިމުނީ)