ދިރިއުޅުމުގައި ހުރިހާ އެއްޗަކީ ފައިސާއާއި މުއްސަނދިކަމަށް ވީނަމަ އެހުރިހާ އުފަލެއް މިއަދު ހަނީފަށް ވަނީ ލިބިފައެވެ. އޭނާއަކީ މާލޭގެ އެންމެ މަޝްހޫރު އެއް ކުންފުނީގެ އިސްވެރިއާއަށް ވީއިރު ފައިސާއިން ނުކުރެވޭ ހަމަ އެއްކަމެވެސް ނެތެވެ. ނަމަވެސް ތަގުދީރު އޭނާގެ ދިރިއުޅުމާއި ކުޅެލީ ކިހާ ބޮޑު ޑްރާމާއެއް ހެއްޔެވެ.

މުއްސަނދި ފައިސާވެރިއެއް ނަމަވެސް ހަނީފްގެ ލޯބިވާ އަނބިމީހާ މި ދުނިޔެއާ އަލްވަދާއު ކިޔި އިރުވެސް އޭނާއަށް އަނބިމީހާ ސަލާމަތްކުރެވޭ ގޮތެއް ނުވިއެވެ. ކިޑްނީ ފެއިލްވުމުގެ ސަބަބުން ކިޑްނީއެއް ލިބޭތޯ އެތައް ބަޔަކު ގެނެސް ޓެސްޓު ކޮށްގެންވެސް އޭނާގެ އަންހެނުންނާ ކްރޮސް މެޗް ދިމާވާ މީހަކުވަނީ ނުލިބިފައެވެ. ރާއްޖެއިން ބޭރުންވެސް އެތައް ގައުމަކަށް އޭނާ ގޮސް އަނބިމީހާގެ ފުރާނަ ސަލާމަތްކުރަން ކުރި މަސައްކަތް ދިޔައީ ފަނު ފުލުންނެވެ.

އެ ބަލީގައި އޮވެ އޭނާގެ އަންހެނުން ދުނިޔެއާ ވަކިވެގެން ދިޔުމުން ހަނީފު އެކަމާ ވަރަށް ހިތާމަ ކުރިއެވެ. އޭނާ އެކަނިވެރި ވިއެވެ. ދަރިއަކުވެސް ލިބިފައި ނުވާ ހަނީފުގެ ދިރިއުޅުމަށް ދެން އައީ އަނދިރި ދުވަސްތަކެކެވެ. އެ ހިތާމައިގައި އޭނާ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އެއްދުވަހަކު އޭނާއަށް ފެނުނީ ކިޑްނީއެއް ބޭނުންވެގެން އުޅޭ ކުޑަ ކުއްޖެއްގެ ފޮޓޯ ފޭސްބުކްގައި ޖަހާފައިވަނިކޮށެވެ.

އެތައް ބަޔަކު އެ ކުއްޖާއަށް އެހިވާން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ކުއްޖާއަށް ކްރޮސް މެޗް ދިމާވާ މީހަކު ނުވާ ކަަމަށް ބުނެފައިވާ ލިޔުން ކިޔާލި އިރު ހަނީފްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މައުސޫމް ކަމުން ފުރިގެންވާ ހަތަރު އަހަރުގެ ކުޑަ ކުއްޖާގެ ތަސްވީރަށް ބަލަން އިން ހަނީފްގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނާގެ ހަޔާތުގައި ދިމާވިފަދަ ކަމެއް އެހެން މީހަކު ތަހައްމަލު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

އޭނާގެ އަންހެނުން މަތިން އެދުވަހު ވަރަށް ހަނދާންވިއެވެ. ނިދަން އުޅެ އުޅެވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. މާޒީގެ އެ ހަނދާންތައް އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. ފިކުރުބޮޑުވެފައިވާ ހަނީފްގެ ހިތަށް ދެން ތަސައްލީއެއް ލިބޭނީ ފޭސްބުކް އިން ފެނުނު އެކުއްޖާއަށް ކޮންމެެވެސް ގޮތަކުން އެހީވެވިގެންކަން އޭނާއަށް އެނގުނެވެ. ފައިސާގެ ގޮތުން ވިޔަސް އޭނާއަށް ދެވެން އޮތް އެހީއެއް ދޭން އޭނާ ނިންމިއެވެ.

ހެނދުނުވުމާއެކީ އެކުއްޖާގެ އެހީތެރިއަކަށް ޖަހާފައިވާ މީހާގެ ނަންބަރަށް ހަނީފް ގުޅާލުމަށްފަހު އެހީވާން ބޭނުންވާ ކަމަށް ބުންޏެވެ. އެ ކުއްޖާގެ ބެލެނިވެރިޔަކަށް ވާހަކަ ދެއްކީ މިހާ ބުނީ ފައިސާގެ ތަނަވަސްކަން އެބަހުރިކަމަށެވެ. ނަމަވެސް ނުލިބިގެން އުޅެނީ އެކުއްޖާއަށް މެޗްވާ ކިޑްނީއެކެވެ. ހަނީފް ހޮސްޕިޓަލަށް ދާން އަވަސްވެގަތީ ކްރޮސް މެޗް ދިމާވޭތޯ ހަދާ ތެސްޓުތައް ހެދުމަށެވެ. އޭނާގެ ކިޑްނީ ވިޔަސް އެ ކުޑަ ކުއްޖާއަށް ހަދިޔާ ކުރަން އޭނާ ބޭނުންވިއެވެ.

އޮފީހުގެ މަސައްކަތްތައް ބަލާލަން އޭނާ އޮފީހަށް އައިސް ވަތް ދުވަހެކެވެ. އޭނާއަށް އެދުވަހު ހޮސްޕިޓަލުން ގުޅީ އޭނާ ހެދި ޓެސްޓްތަކުގެ ނަތީޖާ ލިބުމުންނެވެ. އެ ކުޑަކުއްޖާއާ ހަނީފްގެ ކްރޮސްމެޗް ދިމާވާ ކަމުގެ ހަބަރު ލިބުމުން ހަނީފްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
އޮޕަރޭޝަންގެ ކަންތައްތަކަށް ތައްޔާރުވެފައި އޮތް އިރު އެކުއްޖާގެ ބެލެނިވެރިޔާ ޝަމާއު އައިސް ހަނީފާ ބައްދަލު ކުރިއެވެ. ހިތް އުފަލުން ބަޑުން ކޮށްލަމުން ޝަމާއު ޝުކުރުއަދާ ކުރީ އުންމީދެއް ނެތް އެ ކަމުން އެމީހުންނަށް ސަލާމަތްވުމަށް ހަނީފް ކޮށްދޭ ކަންތައް ހިތުގެ އަޑިން ބަލައި ގަންނަމުންނެވެ. އެމީހުން ދުވަހަކުވެސް ހަނީފް މަތިން ހަދާން ނުނެތޭނެ ކަމަށް ޝަމާއު ބުނި އިރު އުފާވެރިކަމުގެ ކަރުނަ އޭނާގެ ލޮަލަށް ޖަމާވިއެވެ. އެ ދުވަހު ޝަމާއުގެ އަތުގައި ހިފާލަމުން ގާތް އެކުވެރިއެއް ފަދައިން ހަނީފް އޭނާއަށް ހިތްވަރު ދިނެވެ. އަދި އޭނާ މިކަން ކުރަން ގަސްތުކުރި ސަބަބު ކިޔައިދިން އިރު ޝަމާއުގެ ހިތުގައި ހަނީފަށް ހަމްދަރުދީ އުފެދުނެވެ.

*** *** *** *** *** ***

ކާމިޔާބު އޮޕަރޭޝަނަކަށްފަހު ތުއްތު ޝާޝާ ވަނީ ކޮޓަރިއަށް ބަދަލުކޮށްފައެވެ. މަސް ދުވަސް ވަންދެން އޭނާ އޮބްޒަވޭޝަންގައި ބާއްވައިގެން ޑޮކްޓަރުން ބަލަމުން ދާނެކަމަށް ވަނީ ބުނެފައެވެ. އަދިވެސް މައްސަލައެއް ޖެހިދާނެ ކަމަށް ޑޮކްޓަރުން ތައްޔާރުގައި ތިބީ އެކުއްޖާގެ ހަށިގަނޑުން ހަނީފްގެ ކިޑްނީ ރިޖެކްޓް ކޮށްފާނެތީއެވެ.

ކުޑަދޮރު ކައިރީ ހުރެ ޝެރިން ބޭރު ބަލާލީ އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށެވެ. ހިތުގައި އުފެދިފައިވާ ރިހުމަށް ލުޔެއް ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. ރޭގަނޑުގެ އެ ހަމަހިމޭންކަމުގެ ތެރެއިންވެސް ޝެރިންއަށް އިވެމުން ދިޔައީ މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާ އެއްޗެހީގެ އަޑެވެ. އެއިން ކޮންމެ އަޑަކުންވެސް ޝެރިންގެ ސިކުނޑިއަށް ވަމުންދިޔައީ އުނދަގުލެވެ.

މަގުމަތީގައި ދުއްވާ އެއްޗެތީގެ ބަރުގޮނުގެ އަޑުތައް ގަދަވާން ފެށުމުން އެދިމާއަށް ޝެރިން ބަލައިލިއެވެ. އޭނާއަށް ސިފަކުރެވުނީ ހުދު އޭނާގެ ދިރުއުޅުން މިވަގުތު އޮތް ގޮތާ ދާދި ވައްތަރު މަންޒަރެކެވެ. ދެފަރާތަށް ދުއްވާ މަގެއްގެ މެދަށް ހުއްޓިފައި އޮތް ބޮޑު ވެހިކަލެއްގެ ސަބަބުން އެ މަގުގެ ދެފަރާތުން ދުއްވަމުން އައި ދުއްވާ އެއްޗެހިތައް މަޑުޖެހިފައި ތިބީ ކުރިއަށް ނުދެވި ތާށިވެފައެވެ. ކުރިއަށްވެސް ފަހަތަށް ވެސް އެއިން ދުއްވާ އެއްޗަކަށް ނުދެވެއެވެ. އެހުރިތަނުގައި ތިބެ ބަރުގޮނު އެޅުން ނޫންކަމެއް އެމީހުންނަށް ކުރެވޭކަށް ނެތެވެ.

ބަރުގޮނުގެ އަޑުފަށްގަނޑާއި މީހުންގެ ހަޅޭކުގެ އަޑުތައް އެކުވެގެން ފަޒާގެ ތެރޭ ހިއްޕާލާފައި ވަނީ ބޮލަށް ތުރާކުރުވާ ޒާތުގެ އަޑުތަކެކެވެ. ހިތްހަމަޖެހުމެއް ހޯދަން ކުޑަދޮރާ ކައިރިވެވުނު މޮޔައޭ ޝެރިންގެ ހިތަށް އެރިއެވެ. ބޮލުގައި އުފެދެން ފެށި ތަދުން ބަރީއަވާން ބޭނުންވުމުން ކުޑަދޮރު ލައްޕާލުމަށްފަހު ދޮރުފޮތިތައް ކަހާލާ ޝެރިން ކޮޓަރިތެރެއަށް އެނބުރިލިއެވެ. އުދާސްވެފައިވާ ހިތަށާއި ސިކުނޑީގައި ވަށާލާފައިވާ ހިޔާލުތަކުން އޭނާއަށް ދުރަށް ދެވުނީ ލިބުނު ކުއްލި ސިހުމަމުންނެވެ.

އެ ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި އެނދުމަތީ އޮތް ހަތަރު އަހަރުގެ ކުއްޖާ އެއްފަރާތަކަށް ފުރޮޅެން މަސައްކަތް ކުރަމުން ދިޔަތަން ފެނުމުން ޝެރިންގެ ފިޔަވަޅު އެދިމާއަށް އަވަސްކޮށްލިއެވެ. އޭނާގެ ދަރިފުޅުގެ އަތުގައި ހިފަހައްޓާލީ އެ ކުއްޖާގެ އަތަށް ގުޅާފައިވާ އައިވީއަށް ވާން ވެދާނެތީއެވެ. އެ ކުއްޖާގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކާ ދިމާއަށް ޝެރިން ބަލާލަމުން އެނދުގައި އޭނާ ބޯއަޅާލީ ޝާޝާގެ އަތުގައި ހިފާލަމުންނެވެ.
އެ ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލިކަން ވެސް ޝެރިންއަކަށް ނޭނގުނެވެ. ހިޔާލަކަށް ގެއްލިފައި އިންދާ އެތެރެއަށް ވަދެގެން އައި އޭނާގެ ފިރިމީހާ ޝެރިންއަށް ގޮވާލީ ވިސްނުމަކަށް އޭނާ ގެއްލިފައި އިންކަން އެނގުމުންނެވެ. ޝަމާއު އެއައީ އެ ދެމައިންނަށް ބޭނުންވާނެ ބައެއް ސާމާނުތައް ހިފައިގެންނެވެ. އޮޕަރޭޝަނަށްފަހު ޝާޝާ ހޮސްޕިޓަލުގައި އޮންނަން ފޫހިވާނެކަން އެނގޭތީ އޭނާ ކުޅޭ ހިތްވާ ކަހަލަ ސާމާނުތަކާއި ޝެރިން ބުނެގެން ގެނެސްދިން ސާމާނުތައް ހުރި ކޮތަޅުތައް އޭނާ ދިއްކޮށްލިއެވެ. ފެންވަރާ ތާޒާވެލަން ބޭނުންވެފައި ހުރި ޝެރީން، ޝަމާއު އައުމުން އަވަސްވެގަތީ ފާހާނާއާ ދިމާއަށެވެ. ފޯނު ހިފައިގެން އެނދުކައިރީ ހުރި ގޮނޑީގައި އިށީންނަމުން ޝާޝާގެ ބޮލުގައި ޝަމާއު ފިރުމާލިއެވެ. އެ ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާތޯ އޭނާ ހިތާހިތުން ދުއާކޮށްލީ އެ އާއިލާއަށް އުފާވެރިކަން ލިބޭނެ ދުވަހުގެ އިންތިޒާރުގައެވެ.

ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ޝަމާއު ގޮނޑިން ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތީ އެހާ ލަސްވަގުތެއްގައި އެ ކޮޓަރިއަށް އައި މީހަކު ދެނެގަންނާށެވެ. ދޮރުގެ ތަޅުގައި ހިފައި އަނބުރާލުމަށްފަހު ދޮރުން ތަންކޮޅެއް ހުޅުވާޅުލާ ބޭރަށް ޝަމާއު ބޯދިއްކޮށްލިއެވެ. ދުއްވާ ގޮނޑިއެއްގައި އިން މީހާ ފެނުމާއެކު ހިނިތުންވެލަމުން އެމީހާ އެތެރެއަށް ވައްދަން ދޮރު ތަންމިނަށް ހުޅުވާލިއެވެ.

ބަލި މީހުން ލާ ކަހަލަ ހެދުމެއްގައި ހުރި ހަނީފް އަތަށް ވަނީ އައިވީއެއް ގުޅާފައެވެ. ފުރޮޅުލީ ގޮނޑިއެއްގައި އޭނާ އެ ކޮޓަރިއާ ހަމައަށް ގެނެސްދިން ނަރުސް ކުއްޖާ އެތެރެއަށް އޭނާ ވެއްދުމަށްފަހު ބޭރަށް ނުކުތެވެ. އެނދުގައި ގަދައަށް ނިދާފައި އޮތް ޝާޝާގެ މޫނަށް ހަނީފް ބަލާލީ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. އޭނާ ކުރިއަށް ޖެހިލަމުން ޝާޝާ މިހާރު ކިހިނެއްތޯ ސުވާލުކޮށްލަމުން ޝަމާއު އާ ކުރިމަތިލިއެވެ. އޮބްޒަވޭޝަންގައި ބާއްވައިގެން ތަހްލީލުތައް ކުރަން ޑޮކްޓަރުން ބުނެފައިވާ ކަމަށް ޝަމާއު ބުންޏެވެ. ހަނީފުގެ ހިތަށް ވަނީ އޭރު ހަމަޖެހުމެއް ލިބިފައެވެ. އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރަން އޭނާއަށް ބޮޑުކަމެއް ކޮށްދެވުނީމައެވެ. އެނދުގައި ނިދާފައި އޮތް ޝާޝާގެ ބޮލުގައި ހަނީފް ފިރުމާލީ ނުހަނު ލޯތްބާ އެކުގައެވެ.

ފާހާނާއިން ނުކުތް ޝެރިންއަށް އެ ވަގުތު އެނދާ ދިމާއަށް ބަލާލެވުނީ އެތަނުގައި އިތުރު މީހަކު އުޅޭކަން އެނގުމުންނެވެ. ޝެރިންއަށް ހަނީފް ފެނުމުން އޭނާގެ ދެލޯ ބޮޑު ވެގެންދިޔައެވެ. ހަނީފާ ދިމާއަށް ކަޅި ޖަހާނުލާ ބަލަން ހުރި ޝެރިން ކުރިއަށް ފިޔަވަޅެއްވެސް އަޅާން ނުކެރިފައި ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

ހަނީފަކީ ކާކުކަން ނޭނގެނެތީ ޝެރިންއަށް އޭނާ ތައާރަފްކޮށްދިނުމަށް ޝަމާއު އަވަސްވެގަތެވެ. "ޝޭރިން އާދެބަލަ... ބުނީމެއްނު ހަނީފްގެ ވާހަކަ މީ އެ ހަނީފަކީ... ހަނީފް މީ ޝެރިން އަހަރެންގެ އަންހެނުން. ޝާޝާގެ މަންމަ... އޮޕަރޭޝަން ކުރަން އުޅުނު ދުވަހުވެސް ޝެރިންއާ ދިމާވާ ގޮތެއް ނުވި ދޯ.."

ހިނިތުންވެލަމުން ހަނީފް އެނބުރިލީ ޝެރިންއާ ސަލާމްކޮށްލާށެވެ. އަދި އެއަށްފަހު ހަނީފް ދަނީ ކަމަށްބުނެ ބޭރަށް ނުކުންނަން އޭނާ އަވަސްވެގަތެވެ. ރޭގަނޑުގެ ވަގުތެއްގައި އޭނާ އެ ކޮޓަރިއަށް އައީ ކުޑަކުއްޖާގެ ހާލު ބަލާށެވެ. އެކުއްޖާއަށް ގޮވާލަން މާދަމާވެސް އަންނާނަން ކަމަށް ވައުދުވަމުން އޭނާ އެތަނުން ނުކުންނަން އަވަސްވެގަތެވެ. ޝަމާއުގެ އެހީތެރިކަމާއެކީ ހަނީފް އެ ކޮޓަރިން ބޭރަށް ނުކުތެވެ. އެ ކޮޓަރި ކުރިމައްޗަށް ވާ ގޮތަށް ހުރި ނަރުހުންގެ ޖަހަގަ ކައިރީ ޝަމާއު ގޮވައިގެން އައި ނަރުސްކުއްޖާ ހުރުމުން ޝަމާއު އެނބުރި ކޮޓަރިއަށް ވަނެވެ.

މޫނުގައި އަތް އަޅައިގެން ރޯން އިން ޝެރިން ފެނުމުން ޝަމާއުއަށް ހައިރާންކަމެއް ލިބުނެވެ. ޝާޝާ ބަލިވިފަހުން އަބަދުވެސް ޝެރިން ހުންނަނީ އެފަދަ ހާލެއްގައެވެ. އޭނާގެ އަންހެނުންނަށް ހިތްވަރުދޭން ޝަމާއު ކައިރިވެ އަންހެނުންގެ ގައިގާ ބައްދާލިއެވެ. އަންހެނުންނަށް ހިތްވަރު ދެމުން ހަނީފްގެ ކެތްތެރިކަމާއި ހިތްވަރުގަދަ ވާހަކަ ޝަމާއު ހިއްސާކުރިއެވެ. ހަނީފުގެ އަނބިމީހާ މިދުނިޔެއާއި ވަކިވެގެން ދިޔަ ގޮތް އޭނާ ކިޔައިދިނުމުން ޝެރިންގެ ރުއިމުގެ އަޑު އިތުރަށް ގަދަވިއެވެ.

އޭވާހަކަތައް އަޑުއަހާފައި ޝެރިން އިތުރަށް ހިތުގައި ޖެހުނީކަމަށް ޝާމާއުއަށް ހީވި ނަމަވެސް ޝެރިން އެ ރޮނީ އެހެންވެއެއް ނޫނެވެ. ޝެރިންގެ ހިތުގައި މިއަދާ ހަމައަށް ފޮރުވައިގެން ހުރި ސިއްރު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުމުން އޭނާގެ ހިތަށް އުނދަގޫވިއެވެ.

*** *** *** *** *** ***

ހަނީފް އެނދުމަތިކޮށްފައިވާ ކޮޓަރިއާ ހަމައަށް ދެވުމުން އޭނާއަށް ކުއްލިއަށް ކަމެއް ހަނދާންވިއެވެ. އޭނާގެ އަތުގައި ޝާޝާއަށް ދޭން ގެންދިޔަ ހަދިޔާ ނުދީ އާދެވުނުމަތިން ހަނދާވުމުން ނަރުސްކުއްޖާ ގާތު އަދި އެއްފަހަރު އެ ކޮޓަރިއަށް އޭނާ ގެންގޮސް ދިނުމަށް އެދުނެވެ. ޝެރިން ފެނުމުން އޭނާ އެ ހަދިޔާ ހިފައިގެން ހުރި މަތިންވެސް ހަނދާނުން ކައްސާލީއެވެ. ޝެރިން އޭނާ ދަންނަ ކަމަށް ނުހެދުމުން ހަނީފަށްވެސް އޭނާ ދަންނަ ކަމަށް ހަދާކަށް ނުކެރުނީއެވެ.

އެ ކޮޓަރީގެ ދޮރު ހުރީ އެއްކޮށް ނުލެއްޕި ކަމުން ދުއްވާފައި އައި ފުރޮޅުލީ ގޮނޑީގެ އަތްގަނޑު ޖެހި ވަރަށް ފަސޭހައިން އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އޭރު ޝެރިން ރޮމުން ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް ހަނީފަށް އަޑުއިވުނެވެ.

"ހަނީފަކީ... ޝާޝާގެ އަސްލު ބައްޕަ... އެއީ އަހްމަދު ހަނީފް... އަހަރެން އޭނާއަށް ކިޔަނީ އަންމަޑޭ... އަހަރެން އޭނާ ކައިރިއަށް ބަނޑުބޮޑުވި ވާހަކަ ބުނަން ދިޔަ އިރަކު ނޭނގޭ އެއީ މީހެއްގެ ފިރިއެއްކަމެއް... އަދިވެސް އޭނައަކަށް ނޭނގޭނެ.. އަހަރެން ބުނާކަށްވެސް ބޭނުމެއް ނޫން..." ޝެރިން ގެނެސް މޭގައި ލައްކޮށްލަމުން ޝާމައު އޭނާ ހުއްޓުވަން މަސައްކަތް ކުރިއެވެ.

ދުރުގައި މަންޒަރު ބަލަން އިން ހަނީފް ފަހަތަށް ގޮނޑި ދުއްވާލަމުން އޭނާ އެ ކޮޓަރިން ނުކުތެވެ. އެއަށް ފަހު އޭނާގެ ކޮޓަރިއާ ދިމާއަށް ދާން ފުރޮޅުގައި ހިފާ އަނބުރާލިއެވެ. އޭނާގެ ކިޑްނީ ދީގެން ސަލާމަތްކުރެވުނީ އަމިއްލަ ދަރިއެވެ. ޝެރިން އެވާހަކަ ހިއްސާކުރަން ބޭނުންނުވީ ހަނީފަކީ މީހެއްގެ ފިރިއެއްކަން ހާމަނުކޮށް އޭނާއަށް އޮޅުވާލީމަ ކަން މިއަދު ހަނީފަށް އެނގުނެވެ. ހަނީފްގެ ދިރިއުޅުމަށް ހިޔަނި އެޅެން ބޭނުން ނުވި ނަމަވެސް ތަގުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އެ ކުއްޖާއަށް ކިޑްނީއެއް ބޭނުންވެފައި އޮތް އިރު އެ ކުއްޖާއަށް މެޗްވީ ހަނީފްގެ ކިޑްނީއެވެ.

(ނިމުނީ)