ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފިއެވެ.
އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުނެ އެ ޕާޓީން ނެރުނު ނޫސް ބަޔާނެގައި ބުނެފައިވަނީ އެތައްހާސް ރައްޔިތުންނެއް ކޮންމެދުވަހަކު ހިދުމަތް ހޯދުމަށް ދާ ރާއްޖޭގެ މައި ހޮސްޕިޓް، އައިޖީއެމްއެޗް ނުބެލެހެއްޓި ހިދުމަތްތަކުގެ ފެންވަރު ދައްވަމުންދާތީ އެ ޕާޓީއިން ކަންބޮޑުވާ ކަމަށެވެ.
މިގޮތުން ސިއްހީ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ހާލުދެރަ ފަރާތްތަކަށް ހިދުމަތްދޭން ބޭނުންކުރާ އިމަޖެންސީ ރޫމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވި ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓި ހާލުދެރަ ބަލި މީހުން ތިބޭ ސަރަހައްދުގެ އޭސީ ތައް ހަލާކުވެފަ ހުންނަތާ އެތައް މަސްތަކެއް ވޭތުވެގެން ދިޔަ އިރު ވެސް އެ ކަންކަމަށް ހައްލެއް ގެނެސްފައި ނުވާތީ ކަންބޮޑުވާކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"އިމަޖެންސީ ރޫމަކީ ގިނަ އަދަދެއްގެ ބަލި މީހުން ތިބޭ ތަނަކަށްވެފައި އެ ތަނުގެ ހާލަތު ދަށްވެފައިވުމަކީ ހިތާމަހުރި ކަމެއްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ރާއްޖޭގެ އެތައްހާސް ރައްޔިތުންނެއް ސިއްހީ ހިދުމަތް ހޯދުމަށް ދާ މައި ހޮސްޕިޓަލް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއްކަން ފާހަގަކޮށް އެކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް މި ޕާޓީއިން އަދުގެ ސަރުކާރަށް ގޮވާލަމެވެ." ޕީޕީއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ޕާޓީން ބުނީ ސިއްހީ ދާއިރާއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ލިބެން ޖެހޭ ދާއިރާއަށްވެފައި މި ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ނުލިބުމަކީ އެ ޕާޓީއިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ސިއްހީ ދާއިރާ އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ކަމަށާއި، މައި ހޮސްޕިޓަލް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމާއި، ހޮސްޕިޓަލްގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ޕީޕީއެމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.