ޖަލުގެ ތޭރިތަކު ތެރެއިން ވަންނަމުން ދިޔަ ފަނޑު އަލިކަމަށް ބަލަން އިރުކޮޅަކު އޮތުމަށްފަހު ލިއަމްގެ ސަމާލުކަން ގޮސް ހުއްޓުނީ ދޮރުގެ މަތީ ކައިރިފަށުގައި ހުރި މަކުނު ވާތަކަށެވެ. އެ ވާތަކުގައި އެކި ސައިޒުގެ ދިރޭ ސޫފިތައް ހަރުލާފައި ތިބީ އެ އެއްޗެހީގެ އަޖަލު އައިސް ޖެހެންދެނެވެ. އެތަން ފެނުމުން ލިއަމް ގާތަށް ހިނިއައީ އޭނާއަކީވެސް ހަމައެފަދަ ބަދުނަސީބުވެރިއެއް ކަން ހަނދާން ވުމުންނެވެ. ނަމަވެސް އޭނާއަށް ކުރެވުނު ކުށާ ދޭތެރޭ ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. މާޒީގެ ސޮފްހާތަކުގެ ތެރެއަށް ލިއަމް ފީނާލީ ފަހުރުވެރިކަމާ އެކުގައެވެ.

ބުނާ އަޑު އިވެއެވެ. ދަރިއަކު މަންމައަށް އިހާނަތްތެރިކޮށް ހިތިއަސް ދަރިއަކު ހާލުގައި އުޅޭތަން ދެކޭކަށް މަޔަކަށް ކެތެއް ނުވާނެއެވެ. ނަމަވެސް ލިއަމަށް އެކަން ގަބޫލުކުރެވޭކަށް ނެތެވެ. އޭނާގެ މަންމަ އޭނާ ގެންގޮސް ބައްޕަގެ ބޮލަށް ޖެހީ ރަށު މަދަރުސާގައި ކިޔަވައިދޭން ހުއްޓައެވެ. ލިއަމް ގެންގޮސް މޭޒުމަތީގައި ބޭއްވުމަށްފަހު ހަޑި ހުތުރުކޮށް ބައްޕައާ ދިމާއަށް ހަޅޭއްލަވަމުން ނުކުމެގެން ދިޔައީ އެތައް ބައެއްގެ ކުރިމަތީގައެވެ. އަލިފާނެއް ފެނެއް ވަކި ނުވާ ތުއްތު ލިއަމްއާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާނުލައެވެ.

ލިއަމް ބަލާނެ އިތުރު މީހަކު ނެތުމުން ބައްޕައަށް މަޖުބޫރުވީ އިތުރު ކައިވެންޏެއް ކުރާށެވެ. ދޮންމަންމައަކީ ދަރިން ނުލިބޭ މީހެއް ކަމުން ލިއަމްއަށް އޭނާ ވަރަށް ރަނގަޅެވެ. މަޔަކު ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އޭނާ ލިއަމަށް ކޮށްދެމުން ދިޔައީ އަމިއްލަ ދަރިއެއް ގޮތަށެވެ. ނަމަވެސް ލ އަމްގެ އުމުރުން އެގާރަ އަހަރުގައި އެ އުފާވެރި ދިރިއުޅުން ކަޅު އަނދިރިކަމަކަށް ބަދަލުވެގެން ދިޔައީ ދޮންމަންމަ ބަލިވެއިން ހިސާބުންނެވެ.

ވިހާ ދުވަސް ގާތްވަމުން އައި ވަރަކަށް ލިއަމްގެ ކަންތައްތަކަށް ފަރުވާކުޑަ ކުރުމުގެ އިތުރުން ކުދިކުދި ކަންތައްތަކާ ރުޅިގަދަވެގެން ހަޅޭއްލަވާ، އަނިޔާކުރުން އިތުރު ވިއެވެ. ލިއަމްއަކީ ކުޑަ ކުއްޖެއް ނަމަވެސް އެ ހުރިހާ ކަމަކާ ކެތްތެރިވަމުން ދިޔައީ މައެއްގެ ލޯތްބަށް ފެންބޮވައިގެންފައި ވާތީއެވެ. އެއިން އެއްވެސް ކަމެއް އޭނާގެ ބައްޕައަކަށް ނާންގައެވެ.

ވިއްސާރަ ވައިބާރު ރެއެކެވެ. ލިއަމަށް ހޭލެވުނީ ދޮންމަންމަގެ ރުއިމުގެ އަޑަށެވެ. ދުވެފައި ގޮސް ބައްޕައާއި ދޮންމަންމަ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ލިއަމް އެ ކޮޓަރިއަށް ވަނީ ޓަކި ޖަހާލުމެއް ނެތިއެވެ. އެރޭ އިރުއޮއްސުނު އިރު ރަހްމަތްތެރިންނާ އެކު ބައްޕަ މަހަށް ދިޔަކަން އޭނާ ހަނދާން ހުއްޓެވެ.

ދޮރު ހުޅުވާލި އިރު ކަމަކު ދާކަށް ނެތެވެ. ދޮންމަންމަގެ ކަރުގައި ހަންޖަރެއް ޖައްސައިގެން އޮތް މީހާ ފެނުމުން އެންމެ ފުރަތަމަ އޭނާއަށް ލިބުނީ ޝޮކެކެވެ. ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވި ކަހަލައެވެ. އެމީހާ ލިއަމްއާ ދިމާއަށް ބަލާލުމަށްފަހު ތުންފަތް މައްޗަށް ވެރިކޮށްލީ ވިހަ ހިނިތުންވުމެކެވެ. އެ މޫނު ފެނުމުން ލިއަމްގެ ކުޑަ ހަށިގަނޑަށް ވެރިވީ ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭނގެއެވެ. ރުޅިއައިސް ރަތްވެ، މުޅި މީހާ ތުރުތުރު އަޅަންފެށީ އެމީހަކީ އޭނާގެ ބައްޕަގެ ދިރިއުޅުން ހަލާކުކުރި މީހާ ކަން އެނގުމުންނެވެ.

ލިއަމްގެ އަސްލު މަންމަ އޭނާއާއި ބައްޕަ ދޫކޮށް ދިޔައީ އެ ނުލަފާ ހުސައިނާއި ހިތާވެގެންނޭ ބުނާ އަޑު ތުންތުންމަތިން އޭނާއަށް ވަނީ އިވިފައެވެ. ހުސައިން ނުވިސްނާ ހުއްޓާ ލިއަމް ގޮސް އޭނާގެ ގައި މައްޗަށް ޖެހިގަތީ ވަލު ޖަނާވާރެއް ފަދައިންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުސައިނުގެ އަތުގައި އޮތް ހަންޖަރު އޮތީ ލިއަމްގެ މުށުތެރޭގައެވެ. އެތަން ފެނުމުން ހުސައިނު ތެދުވެ ގަމީސް ރީތިކޮށްލަމުން ލިއަމް އަކީ އަދި ކުޑަކުއްޖެއް ކަމަށާއި އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ބުނެ އެތަނުން އޭނާ ނުކުމެގެން ދިޔައީ މާލާމަތްކޮށް ހެމުންނެވެ. ހުސައިނުގެ ފަހަތުން ދާން ލިއަމް ކިތަންމެ ބޭނުންވި ނަމަވެސް އަތުގައި އޮތް ހަންޖަރު އެއްލާލުމަށްފަހު ދޮންމަންމަގެ ގާތަށް އޭނާ ލެފުނީ ރުޅި ކޮންޓްރޯލް ކުރަމުންނެވެ. އޭރު ދޮންމަންމަގެ އަނގައިން ފޮނުތަކެއް ނުކުންނަމުން ދިޔައިރު އެ ހަށިގަނޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

ހަދާނެ ގޮތް ހުސްވެފައި ހުރެ ބޯ ވިއްސާރަ ގަނޑުގެ ތެރެއަށް ނުކުމެ ލިއަމް ދުއްވައިގަތީ ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި ފުލުސް އޮފީހާ ދިމާއަށެވެ. އެތަނަށް ވަންނަން ދިޔަ ލިއަމްގެ ފިޔަވަޅު މަޑުޖެހުނީ އެތެރޭގައި ތިބި ދެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުންނެވެ. އެވަގުތު ޑިއުޓީއަށް ހުރި އަމްޖަދާ އެކު ހީހީފައި ވާހަކަ ދައްކަން ހުރި ހުސައިނު ފެނުނެވެ. މަޑުމަޑުން ލިއަމްގެ ފިޔަވަޅު ފަހަތަށް އެޅުނެވެ. އަދި ވަގުތު ބޭކާރުކުރަން ނުހަދާ އޭނާ ދުއްވައިގަތީ އެނބުރި ގެއާ ދިމާއަށެވެ.

ގެއަށް ގޮސް ވަދެވުމާއެކު އޭނާ އަވަސްވެގަތީ ދޮންމަންމަ އޮތް ކޮޓަރިއަށެވެ. އެ ކޮޓަރިއަށް ގޮސް ވަދެވުމާއެކު ލިއަމް ކައްސާލައިގެން ވެއްޓުނީ ތަޅުންގަނޑު މަތީގައި ހުރި ލޭތަކަށް އެރިފައެވެ. އެނދުގައި ލެނގިލައިގެން ދޮންމަންމަ އިން އިރު އޭނާގެ ފޫދަށުން ލޭގެ ކޯރެއް ދެމިގެން ގޮސް އެނދު ދަށަށާއި ކޮޓަރީގެ ދޮރާ ދިމާއަށް އޮތެވެ. ލިއަމްގެ ހިތް ހީވީ ކުދިކުދި ި ހެންނެވެ. މަންމާއޭ ކިޔައި ރޮއެގަތުމާއެކު އެއް ދިމާއަކަށް ކަޅި ހުއްޓިފައި އިން ދޮން މަންމަގެ ގައިގާ ހިފައިގަނެ އަޑުން އަޑު ނަގާ ރޮއެގަތެވެ. ބާރަށް ހަޅޭއްލަވާ މީހެއްގެ އެހީތެރިކަން ލިބޭތޯ ލިއަމް މަސައްކަތްކުރިއެވެ. ބިންމަތީ ވެއްޓިފައި އޮތް ހަންޖަރު ފެނުމާއެކީ އެ ނަގާ އޭނާ ފޮރުވިއެވެ. އިންސާފު ހޯދާނީ އަމިއްލައަށް ކަމަށް ބުނެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ދޮންމަންމަގެ އަތް ހަރަކާތްކޮށްލި ހެން ހީވުމުން ލިއަމް އެ ދިމާއަށް ބަލާލީ އަތުގެ ނުފުށުން ލޯ ފޮހެލަމުންނެވެ. އޭނާގެ މަންމަ މަރެއް ނުވެއޭ ހިތަށް އެރުމާއެކު ހިތް ތެޅިލިއެވެ. އެވަގުތު އޭނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ދޮންމަންމަގެ ހެދުމުގެ ފަސްބައި ތެރޭގައި އޮތް ތުއްތު ކުއްޖާ ފެނުމުން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކޮއްކޮ ނަގާ މޭގެ ތެރެއަށް ލާ ބޮނޑިކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. ލިއަމްގެ މޫނުމައްޗަށް އެވަގުތު އަނދިރިވަމުން ދިއުމުން އެނދުގައި އޭނާ އިށީންނަން މަސައްކަތް ކުރީ އަތުތެރޭގައި ލެއާއެކު އޮތް ކުއްޖާ ގައިގާ ބާރަށް ހިފަހައްޓަމުންނެވެ.

ލިއަމަށް ލޯ ހުޅުވާލެވުނީ މީހެއްގެ ރުއިމުގެ އަޑަށެވެ. އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެލައިގެން އޭނާގެ ބައްޕަ އިނީ ބޯ ރަޖާގަނޑެއް މޭގައި ޖައްސާލައިގެންނެވެ. ލިއަމަށް އެންމެ ފުރަތަމަ ކޮށްލެވުނު ސުވާލަކީ މަންމަ ކޮބައިތޯއެވެ. އެއާއެކު ބައްޕަގެ ވޭނީ ރުއިމުގެ އަޑު މުޅި ހޮސްޕިޓަލް ތެރޭ ގުގުމާލިއެވެ. ވޯޑުގައި ތިބި ހުރިހާ އެހީތެރިންނާ ޑޮކްޓަރެއްގެ އިތުރުން ބައެއް ނަރުހުން ވެސް އެވަގުތު އެތަނަށް އައެވެ. އެމީހުން ބައްޕައަށް ނަސޭހަތްތެރިވެ، ހިތްވަރުލައި ދިނެވެ.

ލިއަމްގެ ހަނދާނަށް ކުރިންރޭ ކަންތައްވީ ގޮތް ސިފަވާން ފެށުމުން އޭނާއަށް ވެސް ރޮވުނެވެ. ދެފުލުހަކު އެތަނަށް ވަދެ ކަންތައް ވީ ގޮތް އޮޅުން ފިލުވުމަށްޓަކައި ލިއަމްއާއި ސުވާލުކުރަން ފެށިއެވެ. ލިއަމް ބުނަމުން ދިޔައީ އޭނާއަށް ހޮސްޕިޓަލަށް އާދެވުނު ގޮތެއް ނޭނގޭ ކަމަށާއި އޭނާ ބޭނުންވަނީ އޭނާގެ މަންމަ ކައިރިއަށް ގެއަށް ދާން ކަމަށެވެ. އެހެންކަމުން ޑޮކްޓަރުން ނިންމީ ލިއަމްގެ ސިކުނޑިއަށް ލިބުނު ޝޮކަކުން އޭނާއަށް އެހުރީ އެރޭގެ ހާދިސާ މުޅިން ހަނދާން ނެތިފައި ކަމަށެވެ. އަދި ލިއަމް ގޮވައިގެން މާލެ ގޮސް ސިކުނޑީގެ ޓެސްޓުތަކެއް ހެދުމަށް އޭނާގެ ބައްޕައަށް ލަފާ ދިނެވެ.

ލިވީ ބޮޑުވަމުން އައީ މަންމައެއްގެ ލޯބި ނުލިބިއެވެ. އެންމެ ފަހު ކައިވެންޏަށް ވީ ގޮތުން ލިއަމްގެ ބައްޕަ އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވިއެވެ. ބައްޕަގެ ހުރިހާ ވަގުތެއް ވަނީ މަސައްކަތަށް ހުސްކޮށްލާފައެވެ. އެހެންކަމުން ލިވީގެ ހުރިހާ ކަމެއް ބަލަމުން ދަނީ ލިއަމްއެވެ. ލިވީއަށް ދޭން ޖެހޭ މައިންބަފައިންގެ ލޯބި ދެމުން އައީ ލިއަމްއެވެ. އަދި އޭގެ އިތުރުން ސްކޫލްގެ ފިލާވަޅުތައް ހެދުމަށް އެހީވެދީ ގޭތެރޭގެ ހުރިހާ މަސައްކަތެއް ވެސް ކުރަމުން އައީ ލިއަމްއެވެ. ލިވީ އަކީ ލިއަމްގެ ދެލޮލުގެ ނޫރެވެ.

ފުރާވަރަށް އެޅި އިރު ފިރިހެނުންގެ ލޯތަކުގައި ލިވީ އަޅައިގަންނަން ފެށިއެވެ. މަގުމަތިން ހިނގާފައިދާއިރު އެއް ފުރާވަރުގެ ކުދިން އޭނާއާއި ފޮށުމާއި ތުނބުން ފުމެ ފަހަތުން އައުން ގިނަވިއެވެ. މީހުންގެ އުނދަގޫ ބޮޑުވާތީ ލިވީ ކޮންމެ ތަނަކަށް ދިޔަޔަސް އޭނާގެ ފަހަތުން ލިއަމް ދާން ފެށިއެވެ.

ބަލިވެގެން ސްކޫލަށް ނުދެވުނު ދުވަސްތަކެއްގެ ފިލާވަޅު ހޯދަން ލިވީ ކުލާސް ކުއްޖެއްގެ ގެއަށް ފޮތެއް ބަލާ ދިޔަ ދުވަހެކެވެ. އާދައިގެ މަތިން ލިވީގެ ފަހަތުން މަޑު ހިނގުމެއްގައި ލިއަމް ހިނގާފައި ދިޔައީ އޭނާގެ ކޮއްކޮ ލޯމަތިން ނުގެއްލޭނެ ވަރަށެވެ. އެ ގެއާ ހަމައަށް ދެވުނު އިރު ލިވީގެ ރަހްމަތްތެރިޔާ ހުރީ ފޮތް ހިފައިގެން ބޭރަށް ނުކުމެއެވެ. އެ ދެކުދިން ދޮރާށި ކައިރީ ވާހަކަ ދައްކަން މަޑުކުރުމުން ލިއަމް ވެސް މަޑުކޮށްލީ އޭނާގެ ރައްޓެއްސަކާ ދިމާވުމުންނެވެ. ވާހަކައިގެ ފޯރީގައި ޖެހިފައި ހުރެވުމުން ގެއަށް ދާން ލިވީ ހިނގައިގަތް ކަމެއް އޭނާއަކަށް ނޭނގުނެވެ. ލިވީ ފެންނަން ނެތުމުން ދެން ދަނީ ކަމަށް ބުނެ ލިއަމް ގެއަށް ދާން ހިނގައިގަތެވެ.

ބާރު ހިނގުމެއްގައި އައި ލިއަމްއަށް ގޯތި ތެރެއަށް ވަދެވުމާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ލީވީގެ ހަޅޭކުގެ އަޑެވެ. ފަޔަށް ލެވުނު ބާރެއްލާ ލިއަމް ގޭތެރެއަށް ވަދެ ލިވީގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ދޮރު ހުރި ލައްޕާފައެވެ. އޭރުވެސް ލިވީ ރޮމުން ދިޔަ އަޑު ލިއަމް އަށް އިވުނެވެ. އެތެރެއިން ފިރިހެނެއްގެ އަޑު އިވުމ ން ލިއަމްއަށް އެހުރި ފިޔަވަޅުމަތީ މަޑުޖެހިލެވުނެވެ.

"ކޮން ރުއިމެއް ރޯކަށް... ލައްކަ ދުވަސްވެއްޖެ އަހަރެން ކަލެއަށް ބަލާތާ... ކަލޭ ތިހުރީ ކަލޭގެ މަންމަހެން.. ތަފާތެއްވެސް ނެތް... ކިހިނެއް އެނގެނީ ކަލޭތީ ކަލޭ ބައްޕަގެ ކުއްޖެއް ކަމެއް.. ބަލަ އަހަރެންވެސް ކަލޭ މަންމަ ކައިރިއަށް ވަނީމޭ..." އެ އަޑު ޖެހުމާ އެކީ އެއީ ކާކުކަން ލިއަމްއަށް އެނގުނެވެ. އިތުރަށް އޭނާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހާކަށް ލިއަމްއަކަށް އެތާކު މަޑެއް ނުކުރެވުނެވެ. ދުވެފައި ގޮސް އޭނާގެ ކޮޓާރީގައި ހުރި ލަކުޑި އަލަމާރީގެ ތެރޭ ފަތްޖަހާފައިވާ އަންނައުނު ތަކުގެ ދަށް ލިއަމް ހާވާލިއެވެ. އޭރުވެސް ހުސައިނުގެ އަނގައިން އޭނާގެ މަންމައޭ ކިޔައި ބޭރު ކުރި ބަސްތައް ލިއަމްގެ ކަންފަތް ދަށުގައި ގުގުމަމުން ދިޔައެވެ.

އޭނާ ފޮރުވާފައި އޮތް ހަންޖަރު އަތުޖެހުމުން އެ ހަންޖަރަށް އޭނާ ބަލާލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އޭނާގެ ދޮންމަންމަ މި ދުނިޔެއާ ވަކިވެގެން ދިޔަ ދުވަހެވެ. އެދުވަހަށް ފަހު ލިއަމްގެ ކިޔެވުމާއި ހުރިހާ ކަމެއް ދުކޮށްލާ ލިވީއަށްޓަކައި އޭނާގެ ވަގުތުތައް ހުސްކޮށްލި ދުވަސް ަކާއި އެ ގުރުބާނީ މަތިންވެސް ހަނދާންވިއެވެ.

ހަންޖަރު ހިފައިގެން ދުވެފައި އޭނާ ނުކުތީ އެމީހަކަށް ހަމަލާ ދިނުމަށެވެ. އެ ކޮޓަރި ދޮރުގައި ފައިންޖަހާ އޭނާ ދޮރު ހުޅުވާލިއެވެ. ލިވީގެ ގައިމައްޗަށް ޖެހިގަނެގެން އޮތް ހުސައިނު ސިއްސައިގެން ގޮސް ފަހަތަށް ބަލާލީ އެ އޮތްތަނުން ތެދުވަމުންނެވެ. ލިއަމަށް އޭރު ބަލާލެވުނީ ވީދިފައިވާ ހެދުމާއެކު އެނދުމަތީ ރޯން އޮތް ލިވީއާ ދިމާއަށެވެ. ރުޅިއައިސް ރަތްވެފަ ިވާ ދެލޮލުން ހުސައިނާ ދިމާއަށް ލިއަމް ބަލާލީ އޭނާގެ ދުވަސްދުއްވާލާށެވެ. ތެދުވެ ލައިގެން ހުރި މުންޑުގަނޑު ރަނގަޅު ކުރަމުން ހުސައިނު ހިނިގަނޑެއް ޖަހާލީ ލިއަމްއަށް މަލާމާތްކުރަމުންނެވެ.

ހުސައިނަކަށް އޭރު ލިއަމްގެ އަތުގައި އޮތް ހަންޖަރެއް ނުފެނެއެވެ. އޭނާ އެ ކޮޓަރިން ނުކުމެގެން ދާން ހިނގައިގަތް ވަގުތު ލިވީ ލަދުން އަނެއް ފަރާތަށް އެނބުރި ރޯން ފެށިތަން ލިއަމްއަށް ފެނުނެވެ. އޭނާ ކައިރިން ރެކިގެން އެތަނުން ނުކުންނަން ދިޔަ ހުސައިނުގެ ކަރުގައި އެއްއަތުން ހިފާ ޭނާގެ ބުރަކައްޓަށް ލިއަމްގެ އަތުގައި އޮތް ހަންޖަރު ހަރާލީ ގައި ހުރި ބާރެއްލާފައެވެ. ތޭރަ އަހަރު ވަންދެން އޭނާ އެ ހަންޖަރު ފޮރުވައިގެން ހުރީ ދޮންމަންމައަށް އިންސާފް ހޯދައިދިނުމުގެ ނިޔަތުގައެވެ.

އެއްފަހަރު ހަންޖަރުން ހަމަލާ ދެވުމުން ވެސް ލިއަމްއަށް ހަމަޖެހުމެއް ނުލިބުނެވެ. އައިސްފައި ހުރި ރުޅިން ބިންމައްޗަށް ވެއްޓެމުން ދިޔަ ހުސައިނު ގައި މައްޗަށް ޖެހިގަނެ އޭނާގެ ހަށިގަނޑުގެ އެކި ދިމަދިމާއަށް ހަންޖަރުން ހަމަލާ ދެމުން ދިޔައެވެ. ލިވީ ރޮމުން ދިޔަ އަޑާއެކު "ދޮންބޭ" އޭ ކިޔާ ބަލިކަށި ގޮތަކަށް ގޮވާލި އަޑު ލިއަމްގެ ކަންފަތުގައި ޖެހުމުން އޭނާ އަތުން ހަންޖަރު ދޫކޮށްލިއެވެ. އޭރު ހުސައިނުގެ ސިފަވަނީ ވަކި ނުވާވަރަށް ޒަހަމްވެފައެވެ.

ލިއަމް ދުވެފައި ގޮސް ރަޖާ ގަނޑަކުން ލިވީގެ ހަށިގަނޑު ފޮރުވާލަމުން ލިވީގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި އެއްވެސް މީހަކު އެހިޔަސް ލިވީއަށް ހުސައިނު ހެދިގޮތުގެ ވާހަކަ ނުބުނުމަށް ލިއަމް އެދުނެވެ. މި ދުނިޔެއަކީ އިންސާފް ހޯދަން ފަސޭހަ ތަނެއް ނޫން ކަމަށާއި ލިވީ އިތުރަށް ބޭޒާރުވެ ދުނިޔެއަށް ގިނަވުން ނޫން ކަމެއް ނުވާނެކަމަށް ލިއަމް ބުންޏެވެ. އަދި މިއަދަށް ފަހު އެ ހުސައިނު ކޮއްކޮއަށް އުނދަގޫ ކުރަން ނާންނާނެކަމަށް ބުނެ ލިއަމް ހިނގައިގަތީ ފުލުސް އޮފީހާ ދިމާއަށެވެ.

ލިއަމްގެ ހިޔާލީ ދުނިޔެއިން އޭނާއަށް ނުކުމެވުނީ ތަޅުދަނޑި ފައްޗެއް ވެއްޓުނު އަޑަށެވެ. އެ ހަމަހިމޭން ޖަލުގައި ހޭދަކުރަން ލިބޭ ވަގުތުކޮޅު ހަމަވީކަން އޭނާއަށް އެނގުމުން އޮށޯވެގެން އޮތް އަށިމަތިން ތެދުވެ ރަނގަޅަށް ހިންދެމިލިއެވެ. އެތައް ދުވަހަކަށް ފަހު ލިއަމްގެ މުސްކުޅި ބައްޕައާއި ލޯބިވާ ކޮއްކޮއާއި ކޮއްކޮގެ ކުޑަ އާއިލާއާ ބައްދަލުވާނެތީ ލިއަމްގެ ހިތް އުފަލުން ނަށާލިއެވެ. 25 އަހަރުގެ ޖަލު ހުކުމަކަށްފަހު ލިއަމް މިނިވަން ވި އިރު އޭނާއަށް ބޮޑުބޭބެ ކިޔާ ދެކުދިން ތިއްބެވެ. އެ ދެ ފިރިހެން ކުދިންގެ އަތުގައި އޮތް ކުޅޭކުޅޭ ކަނޑި ފެނުމުން ލިއަމްގެ ހަނދާނަށް އައީ އޭނާއަށް އިންސާފް ހޯދަން އެހީވި ހަންޖަރު މަތިންނެވެ.

(ނިމުނީ)