ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކުގައި ހަމަނުޖެހުމާ ލޭ އޮހުރުވުން ހިންގާ، ގިނަ ބައެއްގެ ފުރާނަ ދުއްވާލުމަށް ރާވަމުން ދިޔަކަމުގެ ތުހުމަތުގައި، މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެންގޮސްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 4 ފިރިހެނުންނެވެ.

ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުން އޮތް ބަޔަކު، 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑޮނޭޝިއާގައި ހިންގި ޖަރީމާތަކަށް މެލޭޝިއާއިން ދަނީ މިފަދަ ކަންކަމަށް ވަރަށް ގާތުން ފާރަލަމުންނެވެ.

ރަމަޟާން މަހު މެލޭޝިއާގައި ލޭ އޮހުރުވުން ހިންގަން ރާވަމުންދިޔަ ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މިޔަންމާގެ ރޯހިންޏާ މުސްލިމު ދަރިކޮޅަށް ނިސްބަތްވާ 2 މީހަކާ، އިންޑޮނޭޝިއާ މީހެއްގެ އިތުރުން މެލޭޝިއާގެ ރައްޔިތެއް ކަމަށް މެލޭޝިއާގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ޢަބްދުލް ޙާމިދު ބަދޫރު ވަނީ ހާމަކުރައްވާފައެވެ.

"ވުލްފް ޕެކް" ނަމުގައި މަސައްކަތްކުރަމުންދިޔަ މި ގުރޫޕުން ލޭ އޮހުރުވުން ހިންގަން ރާވަމުންދިޔައީ މިދިޔަ ނޮވެމްބަރު މަހު ހިންދޫންގެ ފައްޅިއެއްގައި ހިނގި ނަސްލީ ދެބަސްވުންތަކެއްގައި މުސްލިމު ފިރިހެނެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާގެ ބަދަލު ހިފުމުގެ ރޫހުގައި ކަމަށްވެސް މެލޭޝިއާގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް، ހަމަލާދޭން އަމާޒުކޮށްފައި ވަނީ ކޮންކޮން ބަޔަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި 4 މީހުން ހައްޔަރުކުރުމަށް މެލޭޝިއާ ފުލުހުން ހިންގި އޮޕަރޭޝަންގައި ބަޑިއެއްގެ އިތުރުން ގިނަ އަދަދެއްގެ ގޮވާތަކެތި ވެސް ވަނީ އަތުލައިގަނެފައެވެ.

ދީނީ އަދި ނަސްލީ ދެބަސްވުންތަކެއްގައި މެލޭޝީއާގައި ލޭ އޮހުރުވުން ހިންގަން ބަޔަކު ރާވަމުން ގޮސްފައި މިވަނީ، ސްރީލަންކާގައިވެސް މިފަދަ ދެބަސްވުންތަކެއް އުފެދި، އިންތިހާއަށް ނުރައްކާ ދަރަޖައަށް މަސްރަހު ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ.