އިވުނު ބާރު އަޑުފައްގަނޑާ އެކީ ޖާނަށް ދެލޯ ހުޅުވާލެވުނެވެ. އޭރުމީހާ ވަނީ ބިރުން ގޮސް ހަލާކުވެފައެވެ. ކައިރީގައި ސުޒީ އޮތްތޯ އޭނާ ބަލާލީ ފެނުނު ހުވަފެނުން އޭނާގެ ހިތަށް ވެރިވި ބިރުވެރިކަމުން ހަމަޖެހުމެއް ހޯދާށެވެ. އެ ހުވަފެނަކީ އޭނާ ދުވަހަކުވެސް ބަލަން ބޭނުންވާ ކަހަލަ ހުވަފެނެއް ނޫނެވެ.
އޮފީސް ބަންދު ދުވަހެއް ކަމުން ކުޑަ އިރުކޮޅަކު ނިދާލަން ޖާން މަސައްކަތް ކުރިއެވެ. ބާލީހުގައި ބައްދާލަމުން ބްލޭންކެޓް ތެރެއަށް ކުޑަވެލައިގެން އޮތީ ތެދުވަން އަދި ބޭނުން ނުވާތީއެވެ. ކޮޓަރި ތެރެއަށް ދުވެފައި އައިސް ވަތް ތިން އަހަރުގެ ޒައިންގެ އަޑު ކަންފަތުގައި ޖެހުމުން މިއަދު ދެން ނިދާކަށް ނޯވެވޭނެކަން އެނގުނެވެ. ޒައިން ހަދާ އެއްޗެއް ބަލަން ޖާން އޮތީ ދެލޯ މަރައިގެން ނިދާކަމަށް ހަދައިގެންނެވެ. އޭނާ އައިސް އެނދުމައްޗަށް އަރާ ޖާންގެ ބިއްދަށުން ފުމެން ފެށިއެވެ.
"ޑެޑީ... ވޭކްއަޕް... ޑޭޑީ ޑޭޑީ ޑޭޑީ..."
އެއް ފައްޗަކަށް ކުޑަކުޑަ ޒައިން ދިޔައީ އޭނާގެ ބައްޕައަށް ގޮވަމުންނެވެ. އެނދުގައި ޖެހިފައި އޭނާ ޕަންޕްވެގެން މައްޗަށް އަރާ ކޮންމެ ފަހަރަކު ބައްޕައަށް ގޮވަމުން ދިޔައީ ޖާން ހޭލައްވަން އެންމެ ފަސޭހަ ގޮތަކީ އެއީކަން އެނގޭތީއެވެ.
ކޮޓަރިއަށް ވަދެގެން އައި ޖާންގެ އަންހެނުންނަށް އެނދުމަތީ ފުމެމުން ދިޔަ ޒައިން ފެނުމުން ހިނިތުންވެލިއެވެ. އެއަށްފަހު ގޮސް ކޮޓަރީގެ ކުޑަދޮރުގައި ހަރުކޮށްފައިވާ ފަރުދާތަށް ކަހާލިއެވެ. ހަމައެއާއެކު އިރުގެ އަލިން މުޅި ކޮޓަރިތެރެއަށް އަލިކަން ފެތުގެން ދިޔައެވެ. ދެލޯ މަރައިގެން އޮތް ޖާން ލޯ ހުޅުވާލަމުން ކުޑަދޮރާ ދިމާއަށް ބަލާލީ އޭނާގެ އަންހެނުންނަށް ގޮވާލަމުންނެވެ.
ކައިވެންޏަށް ފަސް އަހަރުވެފައިވާ އެ ދެމަފިރިން ގެ ދެލޮލުގެ ނޫރަކީ ތުއްތު ޒައިންއެވެ. އެނދުމަތީ ފުމެމުން ދިޔަ ޒައިން ގައިގާ ބައްދާލަމުން އެކުއްޖާ ނަގާ ކޮނޑަށް ލައިގެން އެނދުމަތިން ޖާން ތެދުވިއެވެ. ޖާންގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން އޮތް ޒައިން ދިޔައީ އަޑުގެ ކޮޅަށް ހެމުންނެވެ.
"ހިނގާ ސައިބޯން ބޭރަށް ދާން... މިއަދު ބޭނުމީ ބޭރަށް ސައިބޯން ދާން..."
ބަދިގެއާ ހަމައަށް ގޮސް ފްރިޖް ހުޅުވާލަމުން ސުޒީ އެދުނީ މިއަދު ބޭރަށް ސައިބޯން ދާށެވެ. އެހެންކަމުން އެ އާއިލާ އެކީގައި ސައިބޯން ކޮންމެވެސް ރެސްޓޯރަންޓަކަށް ދާން ނިންމިއެވެ. ފެންވަރައިގެން ޖާން ފާހާނާއިން ނުކުމެ ތެތް އިސްތަށިގަނޑުގައި ތުވާލި ހާކާލިއެވެ. ރީތިވާން ލޯގަނޑު ކައިރީ ހުރި ސުޒީ ފެނުމާ އެކީ ޖާން ދިޔައީ ސިއްސައިގެންނެވެ. އޭނާ ލައިގެން ހުރި ރަތް ކުލައިގެ ޓޮޕް ފެނުމުން ޖާންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އޭނާގެ ހިޔާލު ދައުރު ކުރީ ރޭގައި ފެނުނު ބިރުވެރި ހުވަފެނަށެވެ. އެ ހުވަފެނުގެ ބައެއް ތަންތަން އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. މީހާ ދާހިއްލާ ފޯވާން ފެށިއެވެ.
އަލަމާރީގެ ދޮރުފަތް ހުޅުވާލުމަށްފަހު ޖާން ލާން ހުދު ކުލައިގެ ޓީޝާޓެއް ނެގިއެވެ. އަދި އެ ޓީޝާޓާ ގުޅުވާލާފައި ސުޒީ ލާން ހުދު ކުލައިގެ ކުރުތާއެއް ނުގުމަށްފަހު ސުޒީއަށް ލޯބިން ގޮވާލިއެވެ. ހުދު ކުލައިގެ ކުރުތާ ހިފައިގެން ހުރި ޖާން ފެނުމުން ސުޒީ ނިތަށް ރޫ ގިނަކޮށްލީ ޖާން ބުނަން އެ އުޅޭ އެއްޗެއް ނޭނގޭތީއެވެ. ޖާން ބޭނުންވީ ސުޒީ ލައިގެން ހުރި ރަތްކުލައިގެ ސްވެޓާއެއް ކަހަލަ ޓޮޕް ބަދަލު ކުރާށެވެ. މިއަދު ދެމީހުން އެއްކުލައިން ހެދުން އަޅަން އޭނާ ބޭނުންވާ ކަމަށް ބުނުމުން ސުޒީ އެކަމަށް ދެކޮޅެއް ނުހެދިއެވެ. އޭނާ ލައިގެން ހުރި ޓޮޕް ޖާންގެ އެދުމަށް ވަރަށް ފަސޭހައިން ބަދަލުކޮށްލިއެވެ.
އެ ދެމަފިރިން އެކީގައި ބޭރަށް ނުކުންނަން ހިނގައިގަތީ ތުއްތު ޒައިންވެސް ގޮވައިގެންނެވެ. މިއަދު ތިން މީހުންވެސް ލާފައިވަނީ ހުދު ކުލައިގެ މައްޗެކެވެ. ގެއިން ބޭރަށް ނުކުމެ ގޯތިތެރޭގައި ޕާކްކޮށްފައިވާ ކާރަށް އެ ދެމަފިރިން އެރިއެވެ. ކާރަށްް އަރާ ހަމަޖެހިލިތަނުން ސުޒީ ގެތޭރެއަށް ވަންނަން ދާން އެދުނީ އޭނާއަށް ހަނދާން ނެތި އަތް ދަބަސް ނުގެނެވޭތީއެވެ. ޒައިން ގޮވައިގެން ބޭރަށް ދާއިރު ބައެއް ސާމާނުތައް ގެންދަން ޖެހޭތީ ސުޒީ އެ އަތްދަބަސް ނަގަން ބޭނުންވެގެން ކާރުން ފައިބަން މަސައްކަތް ކުރިއެވެ.
ކާރުން ފައިބަން އުޅުނު ސުޒީގެ އަތުގައި ޖާން ހިފެހެއްޓީ އޭނާ ގާތު ޒައިންއާ އެކު ކާރުގައި މަޑުކުރާށޭ ބުނަމުންނެވެ. ޖާން އެ ދަބަސް ހިފައިގެން އެބަ އަންނަން ކަމަށް ބުނުމުން ދަބަސް ބަހައްޓާފައި ހުރިތަން ސުޒީ ބުނެދިނެވެ. އެއަށް ފަހު ސުޒީގެ ފޯނުން ނާސަރީ ރައިމެއް އަޅުވާލުމަށްފަހު ޒައިނަށް އޭނާގެ ފޯނު ދިނީ ޖާން އެނބުރި އަންނަން ދެން ޒައިން މަޑުން ބޭންދުމަށެވެ.
ގޭތެރެއަށް ވަދެ ސިޓިންގް ރޫމުގެ ސޯފާ މަތީގައި އިން ދަބަސް ނަގަން ޖާން ގާތްވެލިއެވެ. ދަބަސްނަގާ އުފުލާލި ވަގުތު ޖާންގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ދަބަހުގެ ޑިޒައިން ފެނިފައެވެ. މަޑު މުށި ކުލައަކަށް ދާ އެއީ ފުދޭ ވަރަކަށް ބޮޑު އަތް ދަބަހެކެވެ. އެ އަތް ދަބަސް ފެނުމުން ޖާންގެ ސިކުނޑީގައި އެނބުރި ގަތީ އޭނާއަށް ފެނުނު ހުވަފެނުގައި ރަތް ޓޮޕެއް ލައިގެން ހުރި ސުޒީ އަޅައިގެން ހުރި އެ މުށިކުލައިގެ އަތް ދަބަހެވެ. އެ އަތް ދަބަސް ހިފައިގެން ދާން ޖާން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެ ދަބަހުގައި ހުރި ސާމާނުތައް އެހެން ދަބަހަށް އޭނާ ބަދަލުކޮށްލިއެވެ.
ގެއިން ބޭރަށް ނުކުތް ޖާންގެ އަތުގައި އޮތް ދަބަސް ފެނުމާއެކީ ސުޒީއަށް ހައިރާންކަމެއް ލިބުނެވެ. ޖާން ކާރަށް އެރުމާ އެކީ ސުޒީ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. ސުޒީގެ ބަލާލުމުން ވެސް އެ ބަލަނީ ކީއްވެގެންކަން ޖާންއަށް އެނގުނެވެ. ނަމަވެސް އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ޖާން ކާރު ސްޓާޓްކޮށްލަމުން ގިޔަރުގައި ހިފާލިއެވެ. ކާރު ފަހަތަށް ޖައްސަން މަސައްކަތް ކުރީ އެ ގޭގޭ ގޭޓުން ކާރު ނެރޭށެވެ.
ޖާން ދިއްކުރި ދަބަހުގައި ހިފަހައްޓައިގެން ހުރެ ސުޒީ އަނެއްކާވެސް ޖާންގެ މޫނަށް ބަލާލިއެވެ. އެއިރު އެ ކާރު މަގަށް ނެރެވިއްޖެއެވެ. ސުޒީ ކުރިން އެއްޗެތި ލާ ޕެކްކޮށްފައިވާ ދަބަހުގެ އަތްގަނޑު ހަލާކުވެފައި ހުރިކަމަށް ޖާން ބުނެލީ ސުޒީގެ ފަރާތުން އިތުރު ސުވާލެއް އައިސްދާނެތީއެވެ. އެހެންކަމުން ޖާން އެ ދަބަހުގައި ހުރި އެއްޗެތި އެހެން ދަބަހަށް ބަދަލުކުރަންވީމަ ކުޑަކޮށް ލަސްވީ ކަމަށް ބުނެ އޭނާ ކަންކުރި ސަބަބު އޮޅުވާލިއެވެ.
ކާރޯބާރު ބޮޑު މަގުތަކުން ކާރު ދުއްވަމުން ދިޔައިރު ފަހަތު ސީޓުގައި އިން ކުޑަ ޒައިން ފޫހިވެފައި އިން ކަން ޖާނަށް އެނުގުނެވެ. ކާރުގެ ކުރީ ލޯގަނޑުން އޭނާގެ ދަރިފުޅުގެ މޫނަށް ބަލާލަމުން ޖާން ކާރުގެ ސްޕީކަރަށް އޭނާގެ ފޯނު ގުޅާލާ ލަވައެއް ޖަހާލިއެވެ. ޒައިކަށް އެންމެ ކަމުދާ "ބޭބީ ޝާކް އަ ޑޫޑު ޑުއް ޑުޑޫ" ޖަހާލުމުން އެ ލަވައިގެ ދަށުން އެ ސޮރު ލަވަކިޔަން ފެށިއެވެ. ސުޒީވެސް ޒައިކާ އެކު ލަވަކިޔާ އަތް ޖަހަމުން ދިޔައެވެ. ނަމަވެސް ޖާންގެ ސިކުނޑީގައި އޭރުވެސް ދައުރުވަމުން ދިޔައީ މުޅިން އެހެން ހިޔާލެކެވެ.
ކާރު އައިސް ހޮޓެލްގެ ކުރިމަތީ ހުރި ޕާކިންގް ޒޯނަށް ޖަހާލުމަށްފަހު ކާރުން ތިން މީހުން އެކީ ފޭބިއެވެ. އެއަށް ފަހު އެންމެން އެކީގައި ހޮޓެލަށް ދިއުމަށް އަވަސްވެގަތެވެ. މަގު ހުރަސްކުރުމަށްފަހު ކުރިމަތީ ހުރި ހޮޓެލަށް ވަދެ ރެސްޓޯރަންޓް އިންނަ ބައިގެ ދޮރު ހުޅުވާލިއެވެ. ހެނދުނުގެ ނާސްތާއަށް ބުފޭއަށް ތައްޔާރުކޮށްފައިވާ މީރު ކެއުންތަކުގެ ވަހުން ސުޒީގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ތިން މީހުން އެކުގައި ގޮސް ބުފޭއިން އެމީހުންނަށް ބޭނުންވާނެ ކާ އެއްޗެތި ތައްޓަށް އަޅައިގެން އައިސް މޭޒު ދޮށުގައި އިށީނދެ ހަމަޖެހިލިއެވެ.
ސުޒީ ދެއަތަށް ބަލާލުމަށްފަހު ޖާން އާ ދިމާއަށް ބަލާލިއެވެ. އޭނާ ބުމަ އަރުވާލީ އެއްޗެކޭ ބުނަންހެން ޖާނަށް ހީވުމުން ވީ ކީއްތޯ ސުވާލުކޮށްލަން ޖާންވެސް ނިތަށް ރޫގިނަކޮށްލަމުން ދެލޮލުން އިޝާރާތެއް ކޮށްލިއެވެ. ކުޑަ ކުޑަ ޒައިން ކާން ގެނައި ޕޭންކޭކް އިން އެތިކޮޅެއް އުލުން ވަކިކޮށްލުމަށްފަހު އަނގަޔަށް ލައި ކާލީ ލޯބި ގޮތެއް މޫނަށް ހަދާލަމުންނެވެ. ޒައިންގެ ސާމާނުތައް ލައިގެން ގެނައި ދަބަސް ވީ ކާރުގައި ކަމަށް ބުނެ ސުޒީ ޖާންގެ އަތުގައި ހިފާލަމުން މައާފަށް އެދުނެވެ. ދަބަސް ހިފައިގެން އެބަ އަންނަންކަމަށް ބުނެ ޖާން އެއިން ތަނުން ތެދުވިއެވެ. ހޮޓަލުން ބޭރަށް ދާން ޖާން ހިނގައިތީ އަތުގައި އޮތް ފޯނުން ގަޑިއަށް ބަލާލަމުންނެވެ.
ރެސްޓޯރަންޓް ބައިން ބޭރަށް ނުކުމެ ނުކުމެ ހުއްޓާ ޖާންގެ ފޯނު ރިންގްވާން ފެށިއެވެ. އޭގެ ރިންގް ޓޯނަށް ލާފައިވުމުން ޖާން ދިޔައީ ސިއްސައިގެންނެވެ. "ބޭބީ ޝާކް" ލަވައިގެ ރިންގް ޓޯންގެ އަޑުން މުޅިތަން ގުގުމާލުމުން ޝާނަށް ބަލާލެވުނީ މޭޒު ދޮށުގައި ކާން ތިބި އޭނާގެ އަންހެނުންނާއި ދަރިފުޅާ ދިމާއަށެވެ. ޖާޏް ދެލޯ ބޮޑުކޮށްލީ އެ ރެސްޓޯރަންޓްގައި ތިބި އެންމެން ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް ބަލާލުމުންނެވެ. އެވަގުތު ޒައިން އަޑުގެ ނެތްތަނަށް ހޭން ފެށިއެވެ. ޒައިން ހޭންފެށުމުން އެ ހޮޓަލްގައި ދެން ތިބި އެންމެންވެސް ހޭންފެށިއެވެ.
ފޯނު ސައިލެންޓަށް ލުމަށްފަހު ޖާން ރެސްޓޯރަންޓުން ނުކުންނަން ދާން ހިނގައިގަތް ވަގުތު އޭނާގެ ގާތަށްވެސް ހިނިއައެވެ. ދޭތެރެއަކުން ޖާންގެ ފޯނާ ކުޅެލާ އެކަހަލަ ސަމާސާ އޭނާގެ ދަރިފުޅު ކުރާތީ އެކަން އެ ދެމަފިރިންނަށް ވެސް ވަރަށް މަޖާވިއެވެ. ކާރުން ދަބަސް ނަގައިގެން ހޮޓަލާ ދިމާއަށް ދާން މަގު ހުރަސްކުރަމުން ދިޔަ ވަގުތު ޖާންގެ ފޯނު އަނެއްކާވެސް ރިންގް ވާން ފެށިއެވެ. ކުރިންވެސް ފޯނު ކޯލް އައި ނަންބަރުން އަންނަ ކޯލެއް ކަމުން ޖާން އެ ފޯނު ނަގާ ކަންފަތުގައި ޖަހާލީ މަގު ހުރަސްކުރުމަށްފަހުގައެވެ.
ދުވާރު މަތީ މަޑުކޮށްގެން އޭނާ ހުރީ އެ ފޯނަކީ އޭނާއަށް ވަރަށް މުހިއްމު ކޯލެއްކަން އެނގުމުންނެވެ. ފޯނަށް ވާހަކަ ދައްކަން ހުއްޓާ ކުއްލިއަކަށް އޭނާގެ ގައިގާ މީހަކު ޖެހިގަތުމުން ޖާންގެ އަތުގައި އޮތް ދަބަސް ދޫވެ ބިންމައްޗަށް ވެއްޓުނެވެ. ހޯއް ލައްވާލަމުން ވެއްޓުނު ދަބަސް ނަގަން ޖާން ގުދުވީ އޭނާ ގައިގާ ޖެހިގެންފައި ދިޔަ މީހާއާ ދިމާއަށް ބަލާލަމުންނެވެ. ޖާންއާ ދިމާއަށް ބަލާވެސް ނުލާ އެމީހާ އަވަސް އަރުވާލާފައި ހިނގާފައި ދިޔައީ ތަނަކަށް ދާން ގަޑި ޖެހޭތީ ދާ މީހަކު ފަދައިންނެވެ.
އެމީހާގެ އަމަލުތައް ހުރި ގޮތުން ޖާން ހިތްހަމަނުޖެހުނު ނަމަވެސް ޗުސް ތަޅުވާލުމަށްފަހު އަނެއްކާވެސް އަތުގައި އޮތް ފޯނު އަނބުރާ ކަންފަތުގައި ޖަހާލީ އެމީހާ ދިޔަ ދިމާއަށް ފުރަގަސް ދެމުންނެވެ. ފޯނުގައި ހުރެ ޖާންގެ އެކުވެރިޔާ އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ވަގުތު ޖާންގެ ހަނދާނަށް އައީ މުޅިން އެހެން ހިޔާލުތަކެކެވެ. މިއަދު ހެނދުނު ސުޒީ ލައިގެން ހުރި ރަތްކުލައިގެ މަތިކޮޅެކެވެ. އެ ލައިގެން ހުރުމުން ޖާންއަށް ކަމު ނުގޮސްގެން ޖާން އެދިގެން ސުޒީ ހުދު ޓޮޕަކަށް ބަދަލު ކުރުވި ހަނދާނެވެ. އެއަށްފަހު ސުޒީ ގެންނަން އުޅުނު މުށި ކުލައިގެ ދަބަހެވެ. އެ ދަބަސް ޖާންއަށް ކަމު ނުދިއުމުން އެ ދަބަސްވެސް ބަދަލު ކޮށްލީއެވެ.
ކުއްލިއަކަށް އެ ކަންތައް މަތިން ހަނދާންވުމުން އެކުވެރިއާއަށް ފޯނުގައި ހުރެ އެވާހަކަތައް ޖާން ހިއްސާ ކުރަން ފެށިއެވެ. އެކަން އޭނާ ކުރި ސަބަބު ކިޔައިދެމުން އޭނާއަށް މިއަދު ފެނުނު ހުވަފެން ކިޔައިދެމުން ދިޔައީ އެ ފެނުނު މަންޒަރުތައް ހިތަށް ގެންނަމުންނެވެ. ވީރާނާ ވެފައިވާ މާހައުލުގެ ތެރެއިން ޖާންގެ ކަންފަތުގައި ސުޒީގެ ހަޅޭކުގެ އަޑު ޖެހުނެވެ. ޖާން ދުވެފައި ގޮސް ސުޒީގެ އަޑު އައި ދިމާލުން ފެންނަން ހުރި ދޮރު ހުޅުވާލި އިރު ސުޒީގެ ހަށިގަނޑު ވަނީ ލެއިން ކަޅިވެފައެެވެ. ސުޒީ ލައިގެން ހުރީ ރަތް ކުލައިގެ އެއްކަލަ ޓޮޕް ކަމަށާއި ބިންމައްޗަށް ވެއްޓިފައި އޮތް ސުޒީއާ ދިމާއަށް ދާން ޖާން ދުއްވައިގަތް އިރު އޭނާގެ އަތުގައި އޮތީ މުށިކުލައިގެ ދަބަސް ކަމަށެވެ.
ހުވަފެނުން ފެނުނު މަޒަރުތައް އެކުވެރިއާ ހިއްސާކުރަމުން ދިޔައިރު ޖާންގެ އަތުތެރޭގައި އޮތް ސުޒީ ފަހު ނޭވާ ދޫކޮށްލި ތަން ޖާންގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. ތެޅިގެންފައި އޭނާ ފޯނުގައި ހުރެ ފަހަަތަށް އެނބުރި ބަލާލީ ހިތަށް ވެރިވި ވަހުމަކުންނެވެ.
ދުވާރު މަތީގައި ހުއްޓާ އެނާގެ ގައިގާ ޖެހިފައި ދިޔަ މީހާ ވަނީ ކޮންތާކަށް ހެއްޔެވެ. އެމީހާ މިހާރު ފެންނާކަށް ނެތެވެ. އެމީހާ ލައިގެން ހުރީ މިއަދު ހެނދުނު ސުޒީ ލައިގެން ހުރި ކަހަލަ ރަތްކުލައިގެ ޓޮޕެކެވެ. ކޮނޑުގައި އަޅުވާފައި ވަނީ ސުޒީ ގެންގުޅޭ ކަހަލަ މުށި ކުލައިގެ ދަބަހެކެވެ. އެ އަންހެން މީހާ ހުރި ގޮތް ޖާންގެ ހިތަށް ވެރިވި އިރު އޭނާގެ ހިތުގައި ބިރުވެރިކަމެއް އަށަގަތެވެ. ފޯނުން ބަހެއް ނުބުނެ ޖާން ހުރުމުން އަނެއްކޮޅުން ފޯނުގައި ހުރި ޖާންގެ އެކުވެރިއާ ވާހަކަ ދައްކަމުން ދިޔައެވެ. "ތި ފެނުނު ހުވަފެނަކުން ސުޒީއަށް ޖެއްސުން ފަށެއް ކުރެވިއްޖެ ދޯ..."
ފޯނު ހިފަހައްޓައިގެން ހުރި އަތް ޖާނަށް ތިރިކޮށްލެވުނު ނަމަވެސް އެ ފޯނު ކަނޑަލާކަށް އޭނާ ގަސްތެއް ނުކުރިއެވެ. މަޑު ފިޔަވަޅުތަކެއްގައި އެ އަންހެންމީހާ ދިޔަ ދިމާއަށް އޭނާ ހިނގައިގަތީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރުވަމުން ދާތީއެވެ. ހިތް ބިރުގަނެ ޖެހިލުންވިއެވެ. ކޮންމެވެސް ގޯސް ކަމެއްވާން އުޅޭ ކަމުގެ ސިގްނަލް އޭނާގެ ލޮަލަށް ވެސް ދޭން ފެށިކަހަލައެވެ. އާދަޔާ ހިލާފަށް އޭނާގެ ވާތު ލޯ ތޮޅިލިއެވެ. މަޑު ޖެހިލަން އުޅެފައި ވެސް އޭނާގެ ހިތަށް އެރީ އަވަހަށް އެމީހާގެ ފަހަތުން ދާށެވެ. އެހެންކަމުން ޖާން ފިޔަވަޅަށް ބާރުލާ ދުއްވައިގަތެވެ.
އެ އަންހެންމީހާ ފެންނަން ނެތުމުން ޖާން ހޮޓަލް ކުރި މައްޗަށް ގޮސް އެ އިމާރާތާ ދިމާއަށް ބަލާލީ އޭނާގެ އިންތިޒާރުގައި އަންހެނުންނާ ދަރިފުޅު ތިބޭނެކަން އެނގުމުންނެވެ. އެހެންކަމުން ހޮޓެލަށް ވަދެވެން ހުރި ދޮރާ ދިމާއަށް މިސްރާބުޖެހިއެވެ. އިސް އުފުލާލި ވަގުތު ޖާންގެ ލޮލުގައި އަޅައިގަތީ ހޮޓެލްގެ ރެސްޓޯރަންޓް ބައިގެ ބިއްލޫރި ކުޑަދޮރުތައް ހުރި ދިމާލެވެ. ހޮޓެލްގެ ގޯތިތެރޭ ހުންނައިރު އެތަން ސާފުކޮށް ފެނެއެވެ. ކުޑަދޮރު ކައިރީ ހުރި މޭޒެއްގެ ދޮށުގައި ރަތް ޓޮޕް ލައިގެން ހުރި އަންހެން މީހާ އިށީންތަން ފެނުނެވެ. ޖާންއަށް ދެލޯ ބޮޑު ކޮށްލެވުނީ އެ އަންހެންމީހާ ހަރަކާތްތައް ހުރި ގޮތުންނެވެ. ދެއަތް ޖޯޑުކޮށްލުމަށްފަހު މޭޒުމަތީ އުޅަނބޮށި ޖައްސާ ނިތްކުރިއާ ދިމާއަށް ގުޅުވާލައިފައިވާ ދެއަތް ގެނެސް އެމީހާ ގާތްކޮށްލިއެވެ. ދެލޯ މަރާލަމުން އެ އަންހެންމީހާ ތުންތަޅުވާލަމުން މައްޗަށް ބަލާލިއެވެ. އެވަގުތު އެ އަންހެންމީހާގެ ލޮލުން ކަރުނަތައް އޮހިގެން ދިޔަތަން ޖާނަށް ފެނުނެވެ.
ހޮޓެލްގެ މައިދޮރާ ދިމާއަށް ދާން ޖާން އަވަސްވެގަތެވެ. ދޮރުވާނަކަށް ހުރި މީހާ ދޮރުފަތް ހުޅުވާލި ވަގުތު އިވުނު ގަދަ ބާރު އަޑު ފައްގަނޑަކާއެކީ ޖާން ގެ ހަށިގަނޑު ވިއްސައިގެން މާ ދުރަށް ބުރައިގެން ގޮސް ޖެހުނެވެ. ފާރުގައި ޖެހި މީހާ މަތަވި ނަމަވެސް ޖެހުނުލެއް ބާރުކަމުން ޖާންގެ ހެޔަށް ގޮތްވިއެވެ.
ލޯ ހުޅުވާލަން މަސައްކަތް ކުރި ޖާންގެ ބޮލުގައި ތޫނު ތަދެއް ހުއްޓެވެ. ބޮލުގައި އަތް ޖައްސާލަމުން ދެލޯ ހުޅުވާލިއިރު ޖާންގެ ކަންފަތަށް ސާފުކޮށް އަޑެއް ނީވެއެވެ. ފާޑެއްގެ ތޫނު އަޑެއް އަރާފައި ހުރުމުން އެހެން އަޑުތައް އޭނާއަށް އިވެމުން ދިޔައީ ވަރަށް ނުސާފުކޮށެވެ. ވީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ވިއްސައިގެން ދިޔަ ކަމާއި އައިސް ފާރުބުޑަށް ޖެހުނު ކަން އޭނާ ހަނދާން ހުއްޓެވެ. ނަރުސް ޔުނީފޯމުގައި އޭނާ ކައިރީ ހުރި އަންހެން މީހާގެ މޫނަށް ބަލާލުމަށްފަހު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.
އެއީ ޝަންގްރިއްލާ ހޮޓެލްގެ ބޭރެވެ. އެންބިއުލަންސް އެބަ އަންނަ ކަމަށް ނަރުސްކުއްޖާ ބުނި ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ހޮޓަލާ ދިމާއަށް ދާން ޖާން މިސްރާބު ޖެހިއެވެ. އޭރު ހޮޓެލްގެ ބޭރުން ވަނީ ރީނދޫ ކުލައިގެ ޓޭޕެއް ދަމާފައެވެ. ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ވެގެން އުޅޭ ގޮތެއް ޖާންއަކަށް ނުވިސްނުނެވެ. އެވަގުތު ޖާންގެ ލޮލުގައި އަޅައިގަތީ ރެސްޓޯރަންޓް ބައެވެ.
އިމާރާތުގެ ބޭރަށް ފެންނާނެހެން ހުރި ކުޑަދޮރުތައް ވަނީ އެކީހެން ފުނޑުފުނޑުވެފައެވެ. ކުދިކުދިވެގެން ފައިބާފައިވާ ކުޑަދޮރުގެ ބިއްލޫރިތައް ބިންމަތީގައި ހުއްޓެވެ. އޭރު އެ އިމާރާތުގެ ތެރެއިން ދުންތަކެއް ނުކުންނަމުން ދިޔައެވެ. މުޅި ފަޒާގައިވެސް ހިފާފައިވަނީ ދުން ވަހެވެ. ވަށައިގެން ހަރަކާތްތެރިވަމުން ދިޔަ މީހުންތައް ކޮޅުކޮޅަށް ދުވަމުން ދިޔައެވެ. ހޮޓެލްގެ ބޭރުގެ އެކި ހިސާބުތަކުގައި ތިބި މީހުންތައް ތިބީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. އޭގެތެރެއިން ގިނަ ބަޔަކު އަޑުން އަޑު ނަގާ ރޮމުން ދިޔައެވެ.
ހޮޓެލް ތެރެއަށް ދާން ޖާން މަސައްކަތް ކުރުމުން އޭނާގެ ގައިގާ އެތާ ހުރި ފުލުހަކު ހިފެހެއްޓިއެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅު ރެސްޓޯރަންޓްގައި ތިބި ކަމަށާއި މިހާރު އެމީހުން ކޮބާތޯ ޖާން ސުވާލުކޮށްލީ އޭނާއަށް ވާނުވާ ނޭނގޭތީއެވެ. އެހިސާބުން އެތާ ހުރި އެހެން އޮފިސަރެއްގެ ކައިރިއަށް ޖާން ގެންދިޔައެވެ. އަދި އޭނާ ގެއްލިގެން ހޯދާ މީހުންގެ ނަން ދިނުމަށް އެދުނެވެ. ޖާންގެ ސިކުނޑީގައި އޭރުވެސް ބުނެދޭން ނޭނގޭ އެތައް ސުވާލުތަކެއް ވަނީ ފުނި ޖެހިފައެވެ. އަނެއްކާ އޭނާގެ ދަރިފުޅަށާއި އަންހެނުންނަށް ކަމެއް ވީބާވައެވެ. ފަޅައިގެންގޮސް ބޭސް އަޅާފައިވާ ނިތްކުރީގައި އަތް ޖައްސާލަމުން ސުޒީއާއި ޒައިންގެ ފުރިހަމަ ނަން އެ އޮފިސަރަށް އޭނާ ކިޔައިދިނެވެ. އަދި އެއަށް ފަހުން ވެގެން އުޅޭ ގޮތް ސާފުކުރަން ސުވާލުކޮށްލިއެވެ.
އޮފިސަރު ދިނީ ކުރު ޖަވާބެކެވެ. އެ ހޮޓެލްގައި ބޮމެއް ގޮއްވާލީ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ދެވެން ނެތްކަމަށް އޭނާ ބުނި އިރު ޖާން ހުރީ ގަނޑުވެފައެވެ. މަޑު ފިޔަވަޅުތަކެއްގައި ޖާން ހިނގަމުން އެ ހޮޓަލުގެ ގޯތިތެރެއިން ނުކުތް އިރު އޭނާގެ ލޮލަށް ސިފަވީ އެ ރަތް ޓޮޕް ލައިގެން އިން މީހާ ދުއާއެއްކޮށް ރުއި މަންޒަރެވެ. އެއަށް ފަހު އެ އިމާރާތައް އޭނާ ވަންނަން ދިޔަ ވަގުތު ބާރު އަޑު ފައްގަނޑަކާ އެކީ ގޮވިތަނެވެ.
އެ ދުވަހަކީ ސްރީލަންކާގެ 10 ސަރަހައްދެއްގައި ބޮމުގެ ހަމަލާތައް ދީފައިވާ ދުވަހެކެވެ. އެ ހަމަލާގައި އެތައް ބަޔަކު މިދުނިޔެއާއި ވަކިވެގެން ދިޔަ އިރު އެތައް ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. ޖާނަށް އޭނާގެ އަންހެނުންނާއި ދަރިފުޅުވެސް ވަކިވެގެން ދިޔައީ އެ ހާދިސާގައެވެ.
ފޯނު ހިފަހައްޓައިގެން ހުރި އިރު ޖާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. އޭނާގެ ގާތުގައި ގާތް އެކުވެރިންނާ އާއިލާގެ މީހުންތައް ތިބި ނަމަވެސް އޭނާގެ ހަޔާތުން ބައެއް އުނިވެފައިވާ ކަހަލައެވެ. ދެން އޭނާއަށް އެ ތުއްތު ޒައިންގެ ހުނުމުގެ އަޑެއް ނީވޭނެއެވެ. އެ ދެމަފިރިން ލޯބިން ކައިވެނިކޮށްގެން އެކީގައި ހޭދަކުރި އުފާވެރި ދުވަސްތައް އޭނާގެ ލޯމައްޗަށް ސިފަވެގެން ދިއުމުން ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރުވިއެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔައީ ވޭނީ ރިހުމެކެވެ. އެ ދުވަހަކަކީ އޭނާއަށް ބަދަލުކޮށްލެވޭނެ ދުވަހަށް ވާނެ ނަމައޭ ހިތަށް އެރި އަދަދު ބުނެދޭކަށް ނޭނގެއެވެ.
ހިތުގައި ވަހުމެއް އޮވެ ބޭރަށް ދެވުނީތީ އަމިއްލަ މީހާގެ ހިތާ ޝަކުވާ ކުރަމުން ދިޔައެވެ. ފެންނަ ހުވަފެނަކީ ބިލާހެއް ކަމަށް އަބަދުވެސް ޖާން ގަބޫލު ކުރެއެވެ. ނަމަވެސް އެދުވަހު ފެނުނު ހުވަފެނަކީ ޖާނަށް ލިބުނު ސިގްނަލެކެވެ. މުޅި ދުވަހުގެ ކަންކަން ޖާން ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް އެއިން އެއްވެސް ކަމެއް ކޮންޓްރޯލެއް ނުކުރެވުނެވެ. ޖާންގެ ނިކަމެތިކަން އެވަގުތު އިހްސާސް ކުރެވުނެވެ.
ކައިރީ ހުރި އުއްބައްތި ނެގުމަށް ފަހު ކުރިމަތީ ހުރި އުއްބައްތި ތަކުގައި ޖައްސާލަމުން ޖާން ހުޅު ރޯކޮށްލިއެވެ. އޭރުޖެސް ސުޒީގެ މަންމަގެ ވޭނީ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އެ ދެމައިންގެ ސަންދޯއް ވަޅަށް ތިރިކުރެވުމުން ވަށައިގެން ތިބި މީހުން ވެލި މުށެއް އެ ސަންދޯއް މައްޗަށް އުކާލިއެވެ. ޖާންވެސް އޭނާގެ އަތުތެރެއަށް ލައިގެންހުރި ވެލި މުށް އުކާލަމުން ރޮއެ ގަތެވެ.
ދިރިހުއްޓަސް ޖާންގެ ހަށިގަނޑަކު މިހާރު ދިރުމެއް ނެތް ކަހަލައެވެ. ޖާން ހުންނަނީ ގަބުވެފައެވެ. އެކަނިވެރިވެފައެވެ. ސުޒީއާއި ޒައިންގެ ހަނދާނުގައެވެ. އަތިރިމަތީ ހުއްތިގެން ހުރި ޖާން ފުން ނޭވާއެއް އެތެރެކޮށްލަމުން ލޯމަރާލިއެވެ. އެވަގުތު ޖާންގެ ލޯމައްޗަށް ސިފަވީ ހުދު ފޭރާމެއްގައި ސުޒީއާއި ޒައިން މޫދާ ދިމާއަށް ހިނގާފައި ދާ ތަނެވެ. ޖާންއާ ދުރަށް ސުޒީއާއި ޒައިން ގޮސް ގެއްލުނު ތަނެވެ. މުޅި އުމުރަށެވެ.
އެ ހަނދާންތައް ޖާންގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ލޯބިވާ އަނބިމީހާއާއި ދެލޮލުގެ ނޫރުފަދަ ދަރިފުޅު މިދުނިޔެއާއި ވަކިވުމުން ޖާންގެ ހިތުގައި އެތައް ޝާކުވާއެއް ވަނީ އުފެދިފައެވެ. އެ ދުވަހު އެއާއިލާ އެ ތަނަށް ހެނދުނުގެ ނާސްތާ ކުރަން ނުދެވުނު ނަމައޭ ޖާންގެ ހިތަށް އަރައެވެ. އެ ދުވަހު ގޭގައި ތިބެވުނު ނަމަ އެ އާއިލާ އެކީގައި އުޅެވޭނެ ނޫންހެއްޔޭވެސް އޭނާގެ ހިތަށް އަރައެވެ. ނޫނީ އެ ދުވަހު ސުޒީއާއި ޒައިންއާއި އެކީ ޖާންގެ ފުރާނަވެސް ގެންދިޔަ ނަމައޭ ޖާންގެ ހިތަށް އަރައެވެ. މިއީ ހައްތަހާވެސް ޖާންގެ އަމިއްލަ ނަފްސާ އޭނާ ކުރަމުން ދާ ޝަކުވާތަކެވެ.
(ނިމުނީ)