ސިނަމާލެ ބްރިޖް ހައިވޭގެ އެއްކައިރިއެއްގައި ހަންފަޅައިގެން ގޮސްގެން މަޑުކޮށްފައި އޮތް ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 29 އަހަރުގެ ފިރިހެން މީހާ އަށް އަނިޔާ ވެފައިވާކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ބޯ ފަޅައިގެން ގޮސް ނޭފަތާ އަނގައިން ލޭ އައިސްފައި ވާކަމަށެވެ. މީގެ އިތުރުން އޭނާގެ ދަތްދޮޅިވެސް މަށައިގެން ގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާ ވެފައި ނުވާކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި 29 އަހަރުގެ ފިރިހެން މިހާއަކީ މާލެ ފަޅިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ މީހެއް ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާ ވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި ރޯދަމަސް ފެށުނު ފަހުން އެކްސިޑެންޓް ހިނގާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުޅުމާލެ އަދި މާލޭ ގައި ހިނގި އެކްސިޑެންޓްތަކުގައި ވަނީ ގިނަ ބަޔަކަށް އަނިޔާވެފައި ވެއެވެ.