ދިވެހި މަންމައިންގެ އިޖުތިމާއީ ނެޓްވާކް 'މަމްސް އެމްވީ' އިން އިސްނަގައިގެން "މަމްސް ހަދިޔާ" ގެ ނަމުގައި ރޯދަވީއްލުން ހަދިޔާ ކުރުމުގެ ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު އެބަ ކުރިއަށް ގެންދެއެވެ.

މަންމައިންގެ ފަރާތުން އާއިލާގެ ހުރިހާ އެންމެނަށް ލިބޭ ކަމާ މެދު ޝައްކުކުރާނެ މީހަކު ނެތް ހިނދު، "މަމްސް ހަދިޔާ" ރޯދަވީއްލުން ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަގުސަދަކީ ރަހުމަތްތެރިންނާއެކު ވެސް މި ލޯބި ހިއްސާކޮށް ހަދިޔާ ބަދަލުކޮށްލުން ކަމަށް އެން.ޖީ.އޯއެއްގެ ގޮތުގައިވެސް މިހާރު ދަފުތަރުކޮށްފައިވާ މަމްސް އެމްވީއިން ބުނެއެވެ.

މި ހަރަކާތަކީ ރޯދަވީއްލަން ގޭގައި ތައްޔާރުކުރާ އެއްޗަކުން އެތިކޮޅެއް އެހެން މަންމައަކަށް ހަދިޔާކޮށްލުމެވެ. އަދި އެ ހަދިޔާ ލިބޭ މަންމައަކު އެހެން މަންމައަކަށް ހަދިޔާ ކުރަމުން ގޮސް، ވީހާވެސް ގިނަ މަންމައިންނަށް ހަދިޔާ ފޯރުކޮށްދިނުމެވެ. މި ހަރަކާތުގައި ބައިވެރިވާން އެދޭ މަންމައިން، މަމްސް އެމްވީގެ ފޭސްބުކް ގުރޫޕަށް މެސެޖުކުރަމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިލޭ ސާބަހަށް ހެޔޮ ނިޔަތުގައި ހިންގާ މި ހަރަކާތުގެ ކާމިޔާބީ ސޯޝަލް މީޑިއާ ބަލާލުމުން ފެނެއެވެ. މަންމައިންގެ ފަރާތުން ލިބެމުންދާ އިފްތާރު ހަދިޔާތައް ވަރަށް ކަމުދާކަމަށް މި ހަރަކާތުގައި ބައިވެރިވި މަންމައިން ދަނީ ފާހަގަކުރަމުންނެވެ.