ޒަމަނާއި އެއްވަރަށް އަންނަ ކުރިއެރުންތަކާ އެއް ދުވެއްޔެއްގައި ދެކުނު އޭޝިއާއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ގައުމަކީ އިންޑިއާ ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ މިހާ ހިސާބަށް އާދެވުނުއިރު އިންޑިއާގެ ބެންގަލޫރުން މިވަނީ ރޯދަ ވީއްލުންވެސް ޑިޖިޓަލްކޮށްފައެވެ.

މިޒަމާނަކީ ވައްކަމާ ފޭރުން އިންތިހާއަށް އިތުރުވެފައިވާ ޒަމާނަކަށްވާއިރު އަތުގައި މާ ގިނައިން ނަގުފު ފައިސާ މީހަކު މަދުވާނެއެވެ. ނަމަވެސް ތޮއްޖެހިފައިވާ މަގުތަކުގައި ތާށިވެ، ރޯދަވީއްލާ ގަޑިއަށް ގެއަށް ދިއުމުގެ ނަސީބަކީ ބައެއް ފަހަރު ބައެއް މީހުންނަށް ގެއްލޭ ނަސީބެކެވެ. މިފަދަ ހާލެއްގައި އަތުގައި ނަގުތު ފައިސާ ނެތިގެން ނުވަތަ ވޮލެޓް ނެތިގެން ހާސްވާކަށް ބެންގަލޫރުގެ މުސްލިމުންނަކަށް ދެނެއް ނުޖެހޭނެއެވެ.

ބެންގަލޫރުގެ އެކި ހިސާބުތަކުގައި އަޅާފައިވާ ފުޑް ސްޓޯލްތައް މިހާރު ފަރުމާކޮށްފައިވަނީ، އިފްތާރަށް ހިނގި ޚަރަދު، މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ދައްކާލެވޭހާ ފަސޭހަކޮށެވެ. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އިފްތާރުގެ ބިލް ދައްކާލެވޭ އިންތިޒާމުތައް ބެންގަލޫރުގެ ހޮޓާތަކާ ކަޑަތަކުގައިވެސް ހަމަޖައްސާފައިވާއިރު، އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ބެންގަލޫރުގެ ޑިޖިޓަލް އިފްތާރު ތަޖުރިބާކުރި ބައެއް މީހުން ބުނާ ގޮތުގައި މިއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މި އިންތިޒާމް މި ގޮތަށް ހަމަޖެހިފައި އޮތުމުން ރޯދަ ވީއްލާލައިގެން ސީދާ މިސްކިތަށް ދިއުމަށް މަގު ތަނަވަސްވެއެވެ. ގިނަ ފަހަރަށް އެންމެ ފަހު ވަގުތުވެސް ސަފުތައް ތަރުތީބުކުރަންޖެހޭއިރު، ގިނަ މީހުންނަކީ މިސްކިތަށްދާއިރު ވޮލެޓް ގެންދާ މީހުންނެއް ނޫނެވެ. ނަމާދަށް އަރާއިރު ކުރިމަތީގައި ވޮލެޓް ބާއްވާފައި ނަމާދަށް އަރާއިރު، މިސްކިތްތައް ތޮއްޖެހި، ސަފުގައި ތިބާހުރި ތަން ބަދަލުކުރަންޖެހި، ވޮލެޓްގެ ސަބަބުން އިތުރު ތަކުލީފުތަކަކާ ކުރިމަތިވެއެވެ.

ޑިޖިޓަލް އިފްތާރުގެ ސަބަބުން މިކަމަށް ހައްލު ލިބި، ތަރާވީހާ ވިތުރި ނަމާދު ނިމެންދެން ވޮލެޓަށް ސަލާމޭ ބުނުމުގެ ފުރުސަތު ބެންގަލޫރުގައި ދިރިއުޅޭ މުސްލިމުންނަށް މިއަދު ވަނީ ތަނަވަސްވެފައެވެ.