އެމްޓީސީސީގެ ޑްރައިވަރުން މަގުމަތީގެ ގާނޫނަށާ ގަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ޓްރެފިކް ޕޮލިހުންނާ އެމްޓީސީސީ ގުޅިގެން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، ގަވައިދު ގަވައިދުތަކަށް އަހުލުވެރި ކުރުމަށާ، މަގުމަތީގެ ސަލާމަތާ ރައްކާތެރި ކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށް ޓްރެފިކް ޕޮލިހުން ބުނެއެވެ.

ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ވަނީ އެމްޓީސީގެ ބަސް ދުއްވާ ޑްރައިވަރުންނަށް ނިދި ޖެހިގެން 2 އެކްސިޑެންޓް ހިނގާފައެވެ. ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުއެވެ. މި އެކްސިޑެންޓުގައި ވަނީ އެދުވަހު ހެނދުނު ޖޮގިން އަށް ނިކުމެ އުޅުނު 31 އަހަރުގެ އަންހެނެއް ބަހެއް ދަށުވެ ނިޔާ ވެފައެވެ.

އޭގެ ތިން ދުވަސް ފަހުން ވަނީ އަނެއްކާވެސް ހުޅުމާލެ ވަޅޯމަސް ކެފޭ ކުރިމަތީގައި އެމްޓީސީސީ ބަހެއް ކާރެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައި ނުވީ ނަމަވެސް އެކްސިޑެންޓުވި ކާރަށާ އެމްޓީސީސީގެ ބަހަށް ވަނީ ގެއްލުން ވެފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި އެމްޓީސީސީގެ 60 ޑްރައިވަރުން ވަނީ ބައިވެރިވެފައި ކަމަށް ޓްރެފިކް ޕޮލިހުން މައުލޫމާތުދެއެވެ.