ރޯދަ މަހަށް ސައުދި އަރަބިއްޔާ އަދި ޔޫއޭއީން ހަދިޔާކުރި ކަދުރުގެ ތެރެއިން އިސްލާމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކުރި ކަދުރުތައް ބަހަން ފަށައިފިއެވެ.

ސައުދީން ރާއްޖެއަށް މިއަހަރު ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުނަށް ބެހުމަށް ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވަނީ 4268 ޕެކެޓް ކަދުރެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުމުގެ ކަންކަން މިއަދު ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާ ކަމަށާއި، ކަދުރު ބެހުމުގެ އިސްކަން ދޭނީ ފަގީރުންނަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކަދުރު ބަހަމުންދަނީ ޕޮލިސް ޓޯޔާޑް ކައިރީ ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ސެކްޝަނުން ކަމަށެވެ. އަދި ކަދުރު ބަހާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޭބިސީއަކަށް ދެނީ އެއް ޕެކެޓް ކަދުރު ކަމަށެވެ. އަދި ފަގީރުންނަށް ކަދުރު ބެހުމަށްފަހު ބާކީ ހުރި ކަދުރުތައް ބަހާނީ އަންނަ ތަރުތީބުން ކަމަށެވެ.