ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އެކަނި ވެސް 50 އެކްސިޑެންޓްވެ 11 މީހަކަށް އަނިޔާވެއްޖެކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފަތާއަކު އެއް ފަހަރު ފުލުހުން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ 4 ވަނަދުވަހުން ފެށިގެން 10 ވަނަދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި 56 އެކްސިޑެންޓް ހިނގައި މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވެރުގެ އަނިޔާ ލިބިފައިވެއެވެ. ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އެކްސިޑެންޓް އިތުރުވެފައިވާ އިރު، އާންމުކޮށް ވެސް ރޯދަ މަހުގެ ތެރޭގައި އެކްސިޑެންޓްތައް ގިނަވެއެވެ.

ފުލުހުންގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގައި ގަވާއިދާ ހިލާފަށް ޕާކްކޮށްގެން 776 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. މީގެ އިތުރުން 13 ކާރާއި 23 ސައިކަލް ފުލުހުން ވަނީ މި މުއްދަތުގެ ތެރޭގައި ޓޯ ކޮށްފައެވެ.

ފާއިތުވި ހަފްތާގައި ޖުމްލަ 417 އުޅަނދެއް ޗެކްކޮށްފައިވާ އިރު، މީގެ ތެރެއިން 99 އުޅަނދެއް ދުއްވި މީހެއްގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ. އަދި ލައިސަންސް ނުލާ ދުއްވައިގެން 57 މީހަކާއި ސުވާލުކޮށްފައިވާ އިރު، ބާރު ސްޕީޑްގައި ދުއްވި 14 މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ.

މީގެ އިތުރުން 18 އަހަރުން ނުފެެރޭ ކުދިން އެއްގަމު އުޅަނދު ދުއްވި 2 މައްސަލައެއް ފުލުހުން ވަނީ ފާހަގަކޮށްފައިވާ އިރު، ހެލްމެޓް ނާޅާ ދުއްވި 18 މައްސަލައަކާއި ހެޑް ސެޓް ޖަހައިގެން ދުއްވި 31 މައްސަލަކައަކާއި ޓްރެފިކް ގަވާއިދާއި ހިލާފުވި 14 މައްސަލައެއް ވެސް ފުލުހުންގެ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.