މިރޭގެ އިހްޔާ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައި ވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރޯދަ މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ގޮތުން ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. އިސްލާމީ މަރުކަޒުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަން ހަމަޖެހިފައިވަނީ "ރަމަޟާން މަސް"، މި މައުޟޫއަށެވެ.

މި ޖަލްސާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ބާއްވާ އިހްޔާ ޕްރޮގްރާމުގެ ދަށުން ބާއްވާ ޖަލްސައެކެވެ. އިހްޔާ ޕްރޮގްރަމަކީ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން މެދުނުކެނޑި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މައުމޫން ފައުންޑޭޝަނުން ވެސް ދީނީ ނަސޭހަތް ދިނުމުގެ ޕޮރޮގްރާމްތަކެއް މިއަހަރު ހިންގުމަށް ހަމަޖެހިފައިވާއިރު، މި ރޯދަމަހު ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ ނަސޭހަތް ދިނުމުގެ ތިން ޕްރޮގްރާމެކެވެ.

މިދިޔަ އަހަރު ރޯދަމަހު މައުމޫން ފައުންޑޭޝަނަށް އިހްޔާ ކުރުމުގެ ޖަލްސާއެއް ބޭއްވިފައި ނުވަނީ ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުންނެވެ.