ރޯދަމަހާ ދިމާކޮށް މަގުމަތީގެ ކާރޫބާރު ބޮޑުވާ ކަން ފާހަގަކުރެވޭތީ މާދަމާއިން ފެށިގެން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް މަޖީދީމަގު ވަންވޭ ކުރަން ހަމަޖައްސައިފިއެވެ.

މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން މި ރޯދަމަހު އިތުރަށް ބަލަހައްޓާނެ ކަމަށް ފުލުހުން ބުނެފައި ވާއިރު، ރޯދަ މަސް ފެށިގެން ތިން ދުވަސްވީ އިރު މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގުގެ ކާރޫބާރު ބޮޑުވެ ދުއްވާ އެއްޗިއްސަށް ދުއްވުމުގެ ދަތިކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. އެކަން ފާހަގަކޮށް ފުލުހުން ބުނީ މުދާ އުފުލާ ގަޑިތަކާއި ސްކޫލްތައް ނިމޭ ގަޑިއާ ދިމާވެ މަޖީދީމަގު ދުއްވާ އެއްޗެތީގެ ބާރުބޮޑުވަމުން ދާ ކަމަށެވެ.

އެހެންކަމުން މާދަމާއިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މަޖީދީމަގުގެ ހުޅަނގުން އިރަށް ހަތަރު ފުރޮޅިލީ ވެހިކަލްތަކަށް ވަންވޭއަށް ދުއްވޭނެގޮތަށް ހަމަޖައްސާނެ ކަމަށް ފުލުހުން ބުނެއެވެ.

ރޯދަމަސް ފެށުމުގެ ކުރިންވެސް މަޖީދީމަގުގައި ދުއްވާ އެއްޗެތި ބާރުބޮޑުވަމުން ދާތީ ބައެއް ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވަންވޭކޮށް ވެދެވޭގޮތަށް ހަމަޖައްސާފައިވެއެވެ.