އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މިއަދު ހެނދުނު 9:30 އިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 1:00 އަށް ފިތުރު ޒަކާތް ބަލައިގަތުން ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.
މާލޭގައި އުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ހުޅުމާލޭގައި އުޅޭ މީހުން ކޮމިއުނިޓީ ސެންޓަރަށް ޒަކާތް ދައްކަން ޖެހޭ އިރު ވިލިމާލޭގައި އުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓަށެވެ. ރަށްރަށުގައި އުޅޭ މީހުންގެ ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުން ޒަކާތް ދައްކަން ޖެހޭ އަގުތަކަކީ، އާދައިގެ ހަނޑުލުން 15 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން 45 ރުފިޔާ، ބާސްމަތީ ހަނޑުލުން 95 ރުފިޔާ، ރަތް ހަނޑުލުން 75 ރުފިޔާ، އާދައިގެ ފުށުން 15 ރުފިޔާ އަދި އާޓާ ފުށުން 60 ރުފިޔާ އެވެ.
މާލެ ސިޓީ ފިޔަވާ ދެން ހުރި ރަށްރަށުގެ ފިތުރު ޒަކާތަށް ނަގާ ވަރު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންނެވެ.