ރޯދަ މަހާ ގުޅިގެން ޑިމާންޑު ބޮޑުވާ މޭވާއެއް ކަމަށްވާ ދިވެހި އަނބު، މި މަހުގެ މެދަކާ ހަމައަށް ދާން ވާއިރަށް މާރުކޭޓުން ހުސްވެދާނެ ކަމަށް އަނބު ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފިއެވެ.

މާދަމާ ރޯދަމަސް ފެށޭއިރު އަނބު ފެންނަނީ ވަރަށް ތިޔާގި ކޮށެވެ. މާރުކޭޓުގެ އުތުރު ފަރާތު ދުވާރު މަތީގައި ބައި ބަޔަށް އަނބު އަތުރައިގެން ތިބި ފަރާތްތަކާ ސުވާލު ކޮށްލީމާ ބުނީ އަނބު މަދުމަދުން ލިބޭ ކަމަށާ ނަމަވެސް މަހުގެ މެދަކާ ހަމައަށް ދާއިރު ހުސްވުމާ ގާތަށް ދާނެ ކަމަށެވެ.

ބާޒާރުގައި މިހާރު 7 އަނބު، 8 އަނބުގެ ބައެއް ވިއްކަނީ 100 ރުފިޔާއަށެވެ. ބޭރު އަނބު ވިއްކަން ހުރީ ކިލޯއެއް 85 ރުފިޔާއަށެވެ.

އަނބަކީ ރޯދަ މަހު ގޭގެ ސުފުރާމަތި ފަޅުފިލުވާލައި މީރު ޖޫހެކެވެ. އެންމެ ގިނައިން ބާޒާރަށް އަނބު ގެންނަނީ ފުވައްމުލަކުންނެވެ.

އަނބުގެ އިތުރުން ބާޒާރުގައި ޖަނބުރޯލުވެސް އެބަ ހުއްޓެވެ.