ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގުތައް ދެނެގަނެ އެއްހަމައެއްގައި ހިފެހެއްޓުމަށް މޮނިޓާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ސައިދު ވިދާޅުވީ، ރޯދަމަހު 141 ބާވަތެއްގެ އަގުތައް ވަރަށް ގާތުން ބަލައި މޮނިޓާ ކުރާނެ ކަމަށާއި އެ ތަކެތީގެ ތެރެއިން 32 ބާވަތަކީ ކްރިޓިކަލް އައިޓަމްގެ ގޮތުގައި ފާހަގަކޮށްފައިވާ ބާވަތްތައް ކަމަށެވެ.

އެސްޓީއޯ އާ ގުޅިގެން މި މަސައްކަތް ފަށާަފއި ވަނީ 6 މަސްކުރިން ކަމަށާއި އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިތައް ވެސް ހިމަނައިގެން ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ދުވަސްވަރެއްގައި ވެސް ރާއްޖޭގައި ކެއުންބުއިމަށް ބޭނުންވާ ތަކެތި ދަތިކަމެއްނެތި ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. .

އާންމުކޮށް ރޯދަ މަހެއްގައި ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ އަދަދު ބަލާފައި އެސްޓީއޯ މެދުވެރިކޮށް އަދި ބައެއް ހޯލްސޭލަރުން މެދުވެރިކޮށް ރާއްޖެއަށް މުދާ ލިބޭނެކަން ކަށަވަރު ކުރައްވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބައެއް ބާވަތްތަކަކީ ނުލިބިދާނެ ބާވަތްތައް ކަމަށާއި އެހެންވިޔަސް އެހެން ގައުމަކުން ވިޔަސް އެ ބާވަތެއް ގެނެސް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާ ކުރާ 141 ބާވަތުގެ ތެރެއިން 93 ބާވަތަކީ ގޭބިސީތަކުގައި ކެއުމަށާއި، ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ތަކެއްޗެވެ. 38 ބާވަތަކީ މޭވާ އާއި ތަރުކާރީއެވެ. އަދި ކަނޑު މަހުގެ ބާވަތްތަކުގެ ތެރެއިން 10 ބާވަތެއް ހިމެނެއެވެ.

އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާ ކުރާ ބާވަތްތަކުގެ އަގުތައް މޮނިޓާ ކުރާނީ އެ އިންސްޕެކްޝަން ޓީމުން މާލެއާއި އަތޮޅުތެރޭގެ ފިހާރަތަކާއި، ލޯކަލް މާރުކޭޓްތަކުން މައުލޫމާތު ނަގަިއގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ގޮތަށް މޮނިޓާ ކުރާ އިރު ތަކެތީގެ އަގު ބޮޑުވާ ނަމަ އެސްތީއޯ މެދުވެރިކޮށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.