ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ގެނައި ކާބޯތަކެތީގެ ޝިޕްމަންޓްގެ ތެރެއިން ލުނބޯ ޝިޕްމަންޓް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބުނީ، ތާޒާ އަދި ރަހަމީރު ލުނބޯ މިހާރު އެ ފިހާރައިން ލިބެން އެބަހުރި ކަމަށާއި ލުނބޯ ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށް ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް ގިނަ ފަރާތްތަކުން ކާބޯތަކެތީގެ ގިނަ ބާވަތްތައް ގަންނަނީ ގަނޑުކޮށް ކަމަށްވާއިރު، އެސްޓީއޯ އިން ލުނބޯ ކާޓަން ވެސް އަންނަނީ ވިއްކަމުންނެވެ. އެގޮތުން ކާޓަންއެއްގައި 5 ކިލޯގެ ލުނބޯ ހުންނާނެ ކަމަށް އެސްތީއޯ އިން ބުނެއެވެ.
ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު ކާތާން އެއް ވިއްކާ އަގަކީ 145 ރުފިޔާއެވެ. އަދި ފަސް ކާޓން ނަގާ ނަމަ ކާޓަންއެއް ވިއްކާނީ 135 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ އިން ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން އަންނަ އިރު މި ވަގުތު ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 60 ރރުފިޔާއާއި 50 ރުފިޔާ އާ ދެމެދުގައެވެ.
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރާނެ ކަމަށް ބުނެފައިވާ އިރު، ރޯދައަށް ގެނައި ޝިޕްމަންތްތަކުގެ އަގުތައް ވަރަށް ކުޑަކަން ފާހަގަ ކުރެވެއެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ވަނީ އިންޑިއާއިން ގެނައި ކާށީގެ ޝިޕްމަންޓް ބާޒާރަށް ނެރެފައެވެ. އެސްޓީއޯ އިން ކާއްޓެއް 5 ރުފިޔާއަށް ވިއްކާ އިރު ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގައެވެ.