"މަންމާ..."

ސިއްސައިގެންގޮސް ނޫމާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނުމުންވެ. ގަޑި ބަލާލިއިރު ފަތިސްނަމާދަށް ބަންގި ގޮވަން ގާތްވަނީއެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނުކުތުމަށްފަހު އެނދުގައި ގަދަޔަށް ނިދާފައި އޮތް ވިރާޝަށް ގޮވުމަށް އޭނާ އަވަސްވެގަތެވެ. އަވަހަށް ތެދުވެ ފާހާނާކޮށް ައިގެން މިސްކިތަށް ދާން ގެއިން އޭނާ ނުކުތެވެ.

ހަ އަހަރުގެ ޝާޔަންއަށް ގޮވުމަށްފަހު ނަމާދަށް އެރުމަށް އެ ދެމައިން ތައްޔާރުވިއެވެ. ނަމާދުކޮށް ނިމުމުން ކިރުތައްޓެއް ބޯލައިގެން ޝާޔަން އެނދުގައި އޮށޯތީ ނިދާށެވެ. ވިރާޝް އަންނަން ވާއިރައް ސައި ތައްޔާރުކުރަން ބަދިގޭގައި ހުރިއިރުވެސްް ރޭގަ ފެނުނު ބިރުވެރި ހުވަފެން މަތިން ހަ ދާންވުމުން ނޫމާއަށް އުނދަގޫތަކެއް ވިއެވެ.

ދުވަހު ބާކީ އޮތް ވަގުތުތަކުގައިވެސް ނޫމާއަށް ތަފާތުކަމެއް އިހްސާސްކުރަމުން ދިޔައީ ކީއްވެގެންކަމެއް ނޭނގެއެވެ. އަޞްރު ނަމާދަށްފަހު ޝާޔަން ގޮވައިގެން ކުޑަކުދިންގެ ބަގީޗާއަށް ދިޔައީ ވިރާޝްއަށް އަވަހަށް ގެއަށް ނާދެވޭނެ ވާހަކަ ބުނުމުންނެވެ.

ޝާޔަން އިނީ އުނދޯއްޔަށް އަރާ ހެއްލާލަ ހެއްލާލައެވެ. ޝާޔަންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމަށް ގެއްލިފައި ބަލަންއިން ނޫމާއަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެކި އުމުރުފުރައިގެ ތުއްތު ކުދިންތައް ޕާކުގައިވާ ކުޅޭ އެއްޗިިއްސަށް އަރާ މަޖާކުރަމުން ދިޔަ އިރު އަނެއް ބައި ކުދިން ތިބީ ޕާކުގައިވާ ދޫނިކޮށިތައް ކައިރީގައި ދޫނިތަކުގެ ހަރަކާތްތަކަށް ބަލާށެވެ. މަގުމަތިން ދިޔަ ކާރެއްގެ ބުރެކި ޖައްސާލި އަޑަށް ސިއްސައިގެން ގޮސް ނޫމާއަށް ބޭރު ބަލާލެވުނީ ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފެދުމުންނެވެ. ފޯނުން ގަޑިއަށް ބަލާލުމަށްފަހު އިރުއޮއްސި އަނދިރިވުމުގެ ކުރިން ޝާޔަން ގޮވައިގެން އަވަހަށް ގެއަށް ދިޔުމަށް ބޭނުންވެފައި ހުރުމުން އަތް ދަބަހުގައިވާ ފޯނު ނަގާ ވިރާޝަށް ގުޅާލީ ދަރިފުޅު ބަލާ އާދެވޭނެތޯ ޔަގީންކުރާށެވެ.

ދަރިފުޅު ދުވަމުން އައިސް ނޫމާގެ ގައިގާ ބައްދާލިއެވެ. ޝާޔަންގެ މޫނުގައި ފިރުމާލަމުން ދަބަހުން ފެންފުޅި ނެގުމަށްފަހު ޝާޔަންގެ ތުނބުގައި ނޫމާ ޖައްސާލިއެވެ. އެއަށްފަހު ޝާޔަންގެ އަތުގައި ހިފައިގެން ބަގީޗާއިން ބޭރަށް ނުކުމެ ގޭޓް ކައިރީ މަޑުކޮށްގެން ތިބީ ވިރާޝް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މާ ގިނަ އިރެއް ނުވެ ވިރާޝް އައިސް ޝާޔަންއަށް ގޮ ާލުމުން ދުވެފައިގޮސް ސައިކަލު ފަހަތަށް އަރާ ހަމަޖެހިލުމުން ވިރާޝް ސައިކަލު ދުއްވާލީ އެ ދެމަފިރިން އުޅޭ ގެއާ ދިމާއަށް ދިއުމަށެވެ.

މޫނު ނިވާ ކޮށްފައިވާ ފޮތިކޮޅުގައި އަތް ޖައްސާލަމުން މަގުގެ އެއްފަރާތެއްގައި ނޫމާ މަޑުކޮށްގެން ހުރީ ވިރާޝް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އިރުއޮއްސުމާ ގާތްވެފައި ވީ ވަގުތެއްކަމުން މަގުމަތީގައި ދުއްވާއެއްޗެތި ވަރަށްވެސް ގިނައެވެ. މަގުގެ ދެފަރާތަށް ބަލަބަލާ ހުއްޓާ ނޫމާގެ ލޮލުގައި އަޅައިގަތީ ނޫމާ ހުއްޓިގެން ހުރި ދުވާރުމަތިން އޭނާއާ ދިމާއަށް ހިނގާފައި އައި އުމުރުން ދުވަސްވީ އަންހެންމީހާ ފެނުމުންނެވެ. އެ އަންހެން މީހާގެ މޫނު ފެނުމާ އެކު ނޫމާއަށް ތެޅިގަނެވުނެވެ. މަގުގެ ދެފަރާތަށް ބަލާލެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރުމުންނ ވެ.

އެ އަންހެންމީހާ ލައިގެން ހުރިހެދުން ބާއުވެފައި ވާކަން އެނގެއެވެ. އިސްތަށިގަނޑު ނިވާކޮށްފައިވާ އާދައިގެ ވަށްބުރުގާ އެއް ފަރާތަށް ދަމައިގެންފައި އޮތް އިރު އެ އަންހެންމީހާއަށް އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. އެ އަންހެން މީހާ ގާތްވަމުން ދިޔަ ވަރަކަށް ނޫމާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ނޫމާއަށް އެމީހާއާ ދިމާއަށް ބަލަންހުރެވުނުކަން އެމީހާއަށް ފާހަގަވެގެން ކުޑަކޮށް އެމީހާގެ ފިޔަވަޅު މަޑު ޖައްސާލުމަށްފަހު ނޫމާގެ ދެލޮލަށް ބަލާލަމުން އެ އަންހެންމީހާ ހިނިތުންވެލިއެވެ. އެމޫނު މަތިން ފާޅުވަމުން ދިޔައީ ގާތްކަމެވެ. ދަންނަ މޫނަކާ އެމޫނު ވަރަށް ވައްތަރުވުމުން ނޫމާވެސް ހިނިތުންވެލިއެވެ. އެކަން ފާޅުވެގެން ދިޔައީ ނޫމާގެ ހަނިވެފައިވާ ދެލޮލުންނެވެ.

ކުއްލިއަކަށް އެ އަންހެންމީހާ މަގުމެދަށް ނުކުމެ މަގު ހުރަސްކުރަން ފިޔަވަޅު އެޅުމުން ނޫމާއަށް ކުރިއަށް ޖެހެވުނެވެ. އަނގައިން ބަހެއް ނުބުނެވިގެން އުޅެނިކޮށް އަމީނީ މަގުން ބާރު ސްޕީޑެއްގައި އައި ކާރެއްގައި ޖެހި އެ އަންހެންމީހާ ހަތް ފޫޓު ދުރަށް ވިއްސައިގެންގޮސް ބާ ބުޅާގަނޑެ ްހެން މަގުމައްޗަށް ޖެހުނެވެ. ހުއްޓުން އަރާފައި ނޫމާއަށް ހުރެވުނީ އޭނާއަށް އަނގައިން ބަހެއް ނުބުނެވުނީމައެވެ. އޭރު އެހިސާބުގަ ތިބި މީހުންތައް އެތަނަށް އެއްވާން ފަށައިފިއެވެ. ނޫމާއަށް އެ އަންހެންމީހާ ސަލާމަތް ކުރެވުނު ނަމައޭ އޭނާގެ ހިތްބުނަމުން ދިޔައެވެ. އެއްވަމުން ދިޔަ މީހުންގެ މެދުގައި ނޫމާ ހުއްޓުން އަރާފަ ހުރެވުނެވެ. ފުލުހުންގެ ޓީމަކާއެކު އެމްބިއުލަންސްވެސް އެތަނަށް އައިސް މަޑުކޮށްފިއެވެ.

މަންޒަރު ދުށްމީހުންގެ ބަޔާން ނެގުމުގައި ފުލުހުންގެ ދެމީހަކު އުޅުނު އިރު އަނެއް ދެމީހުންގެ އެހީގައި އެ އަންހެންމީހާ އެމްބިއުލަންސަށް އަރުވައިގެން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހުމުން މަގުމަތީގައި އެއްވެފައި ތިބި މީހުންތައް މަދުވާން ފެށިއެވެ. ނޫމާގެ ހި ަށް އެތައް އުނދަގޫތަކެއް ވަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ.

ވިރާޝް އައިސް ސައިކަލުގެ ބަރުގޮނު އަޅާލުމުން ނޫމާ އިސްއުފުލާ ވިރާޝްއާ ދިމާއަށް ބަލާލީމެވެ. ލައިގެން ހުރި ކަޅުކުލައިގެ ޖިލްބާބުގައި ހިފަހައްޓަމުން އެއްފަރާތަކަށް ވާގޮތަށް ސައިކަލަށް އަރާ ވިރާޝްގެ އުނަގަނޑުގައި ނޫމާ ހިފަހައްޓާލި އިރުވެސް އަނގައިން ބަހެއް ނުބުނެއެވެ.

"ކިހިނެއްވީ؟.. ހާދަ މީހުންނެއް އެއްވެފަ މިއޮތީ؟..." ވިރާޝް ވާހަކަ ދެއްކީ ވެގެންއުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުންވެފައި އިނުމުންނެވެ.

"އެއީ އެއްކަލަ އަންހެންމީހާ... އަހަރެންނަށް އެމީހާ ފެނުނީމަ ފުރަތަމަ ނޭނގުނު އެއީ ކާކުކަމެއްކަންވެސް... އެކަމަކު ރޭގަ އަހަންނަށް އެމީހާ ފެނުނީ ހަމަ މިމަގުގަ މިހެން އެއްޗެއްގަ ޖެހިގެން މަރުވިތަން... އޭނަ މަގު ހުރަސްކުރަން ނުކުތް އިރު އަހަންނަށް އެނގުނު އޭނައަށް ގެއްލުމެއް ވާން އުޅުނުކަން.. އަހަންނަށް އެމީހާއަށް ގޮވާނުލެވެނީސް ކާރެއްގައި ޖެހި އެމީހާ ވިއްސައިގެން ދިޔައީ.. އަހަރެން ހައިރާންވަނީ އެ އަންހެންމީހާ އަހަރެންގެ ހުވަފެނުން ފެނުނު ސަބަބެއް ނޭނގޭތީ.. އެމީހާއާ އަހަންނާ އޮތީ ކޮން ގުޅުމެއްބާ؟.." ދައްކަމުންދިޔަ ވާހަކަ ނޫމާ މެދުކަނޑާލީ އެހެން ދިމާވީ ސަބަބު އޭނާގެ ސިކުނޑިއަށް ނުވިސްނުނީމައެވެ.

ގެއާ ހަމައަށް އައިސް ސައިކަލު މަޑުކޮށްލުމުުން ނޫމާ ސައިކަލުން ފޭބިއެވެ. އެވަގުތު ވިރާޝް ނޫމާއަށް ގޮވާލިއެވެ. "ނޫމާ ތިދެއްކި ހުރިހާ ވާހަކައެއް އަހަރެން ގަބޫލުކުރަން.. އެމީހާގެ ހަބަރެއް ބަލަން މިދަނީ.. ނަމާދުކޮށްގެން ގޭގަ މަޑުކުރޭ.. ވާނުވާ ސާފުކޮށްފަ އަހަރެން ގުޅާނަން..." ހަލުވިކަމާއެކު ހޮސްޕިޓަލަށް ދާން ސައިކަލު ސްޓަރޓްކޮށްލަމުން ވިރާޝް ސައިކަލު ދުއްވާލިއެވެ.

ގެއަށް ގޮސް ޝާޔަން ނިންދަވާލުމަށްފަހު ރީތިވާން ހުއްޓާ ގޭގެ މައިދޮރުގައި މީހަކު ބަންބަންލާފާ ޓަކިޖަހަންފެށި އަޑަށް ނޫމާ ބާރު ބާރަށް ގޮވާލިއެވެ. "ކާކު؟..."

ބުރުގާ ނަގާ ބޮލަށް މަހާލި އިރު އެގޮވަނީ ނޫމާގެ މަންމަ ސާމިޔާކަން އެނގުމުންގޮސް ދޮރު ހުޅުވާލިއެވެ. ގޭތެރެއަށް ވަދެ ސޯފާގައި އިށީންނަމުން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ސާމިޔާ ބުނުމުން ނޫމާއަށް ހައިރާންކަމެއް ލިބުނެވެ. ސާމިޔާ އެދުނީ މަންމަ ދައްކާ ވާހަކަ ކަނުލާ އަޑު އެހުމަށެވެ. ސާމިޔާގެ މޫނު ނިވާކޮށްފައިވާ ފޮތިކޮޅު ނެގުމުން އެމޫނަށް ނޫމާ ރަނގަޅަށް ބަލާލިއެވެ. އެ ދެލޮލުން ކަމެއް ގޯސްވެއްޖެކަން ނަގައިގަންނަން ނޫމާއަކަށް އުނގަދުލެއް ނުވިއެވެ.

ސާމިޔާގެ އަތުގައި އޮތް އަލްބަމް ހުޅުވާލުމަށްފަހު ނޫމާއަށް ދައްކާލިއެވެ. އެ އަލްބަމްގައި ހިފަމުން އޭގައިވާ ފޮޓޯތައް ނޫމާ އުކަންފެށިއެވެ. އުމުރުން ހަތް އަހަރުން ފެށިގެން ސްކޫލު ދައުރު ނިމެންދެން ނަގާފައިވާ އެތައް ފޮޓޯއެއް އެއަލްބަމްގައި ހުއްޓެވެ. "ކިހިނެއްތޯ ވީ މަންމާ... ތީ އަޅުގަނޑުގެ ސްކޫލްދައުރުގެ ފޮޓޯތަކެއްނު؟.."

ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ސާމިޔާ ވާހަކަ ދައްކަން ފެށިއެވެ. "ތީގަ ދަރިފުޅުގެ ތުއްތުއިރުގެ އެއްވެސް ފޮޓޯއެއް ނެތްކަން އެނގެއެއްނު.. އެއީ ކީއްވެކަން ނާހާނަންތަ؟.."

"އަޅުގަނޑަށް އެނގޭ އަޅުގަނޑަކީ ބައްޕަނެތް ކުއްޖެއްކަން... މަންމަ އެކަނި މައި އެކަނި ގެންގުޅެމުން އައިސް ބޭބެއާ ކައިވެނިި ކުރިފަހުން އަޅުގަނޑަށް ބައްޕައެއްގެ ލޯބިދިނީ ބޭބެ... ދެން މަންމަ ކީއްވެތަ ތި ވާހަކަ ތި ދައްކަނީ... އަނެއްކާ އަޅުގަނޑަށް އަޅުގަނޑުގެ އަސްލު ބައްޕަ ދައްކަންތޯ ތިއުޅުއްވަނީ.. އަޅުގަނޑު ބޭނުމެއްނޫން އެއީ ކާކުތޯ ބަލާކަށް..." ވާހަކަ ދައްކަމުން އެހިސާބަސް ދެވުނު އިރު ނޫމާއަށް ރޮވިއްޖެއެވެ.

"ނޫން ދަރިފުޅާ... އަދި ދަރިފުޅަށް ތި އިނގެނީ މުޅިން ރަނގަޅަކަށް ނޫން... އަސްލު މި މަންމަ... މީ... ދަރިފުޅުގެ އަސްލު މަންމައެއް ނޫން..." މަންމަ ދައްކަމުން ދިޔަ ވާހަކައިން ނޫމާއަށް ސިހުމެއް ލިބުނެވެ. ވާނުވާ ނޭނގި ސާމިޔާގެ މޫނަށް ބަލަން ނޫމާ ހުރީ ކުރަންވީ ކޮން ސުވާލެއްކަން ނޭނގުމުންނެވެ.

ސިޓިންގް ރޫމުގައި ހުޅުވާފަ ހުރި ޓީވީއިން ދައްކާފަވާ ފޮޓޯއާ ދިމާއަށް އަތް ދިއްކުރަމުން ސާމިޔާ ބަޑި ފަޅައިގެން ދިޔައެވެ. ޓީވީ ސްކްރީނުން ދައްކާފައިވަނީ މިއަދު އެކްސިޑެންޓްވީ އަންހެންމީހާގެ ފޮޓޯއެކެވެ. މޫނުމަތީގައިވާ ޒަޚަމްތަކާއެކު އަނގަމަތީގައި އޮކްސިޖަން މާސްކް އަޅާފަ ި އޮތް އިރުވެސް އެއީ ކާކުކަން ނޫމާއަށް އެނގުނެވެ. ޚަބަރުގައި ކިޔަމުން ދިޔައީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އައި.ޖީ.އެމް.އެޗް.އަށް ލަސްނުކޮށް އައުމަށެވެ.

ރުއިން ހުއްޓަން މަސައްކަތް ކުރަމުން ސާމިޔާ ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު ނޫމާގެ ހަނދާނަށްވެސް އެދުވަސްތައް ފެންނަމުން ދިޔަ ކަހަލައެވެ.

*** *** *** *** *** ***

މަންސޫރާއަކީ މީހަކާ އިނދެގެން މާލޭގައި ދިރިއުޅެމުން ދިޔަ އަންހެނެކެވެ. 9 އަހަރުގެ ފިރިހެން ކުއްޖަކާ 5 އަހަރުގެ އަންހެން ކުއްޖެއް ލިބިފައިވާ މަންސޫރާއަކީ އާދައިގެ ދިރުޅުމެއް އުޅެމުންދިޔަ މީހެކެވެ. ދިރިއުޅުމުގައި ދުވަސްތައް ވޭތުކުރަމުން ދަނިކޮށް އެއްދުވަހަކު އޭނާގެ ދައްތ މަހްމޫދާގެ ފޯނު ކޯލެ އައެެވެ. ލިބުނު ކުއްލި ޚަބަރުގެ ސަބަބުން މަންސޫރާ އަވަހަށް ހޮސްޕިޓަލަށް ގޮސް މަހްމޫދާ އެނދުމަތިކޮށްފައިވާ ކޮޓަރިއަށް ވަދެ އެނދުގައިވާ ތުއްތު ކުއްޖާއާ ގާތްވެލައެވެ.

އޭރު އެކުއްޖާ ވަނީ ރޮއިރޮއި ބަލިވެފައެވެ. ރަށްމެދަށް ބަލިވެއިނދެ މަހްމޫދާ ވިހޭއިރުވެސް މަންސޫރާއަށް އެކަން ނޭނގުނީ މަހްމޫދާ އެކަން ސިއްރުކޮށްފައިވުުންނެވެ. ރޮމުން ދިޔަ ތުއްތުކުއްޖާ އުރާލަމުން މަންސޫރާ އެކުއްޖާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ކުއްޖާއަށް ގާތުންދި ުމަށް މަންސޫރާ އެތައް އާދޭހެއް ކުރުމުންވެސް މަހްމޫދާ އެކުއްޖާ ބޭނުމެއް ނެތޭ ބުނެ އެކުއްޖާ ބަޔަކާ ހަވާލުކުރަން ނިންމިއެވެ. އެ މަންޒަރު ބަލޮަން މަންސޫރާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެ ތުއްތު ކުއްޖާ އޭނާ ބަލާނަންކަމަށް ބުނެ އެކުއްޖާ ގޮވައިގެން ގެއަށް ދިޔައީއެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ގޮސް އެ ކުއްޖާއަށް 5 އަހަރު ވީ އިރު މަންސޫރާއާ އޭނާގެ ފިރިމީހާގެ ދެމެދުގައި އެކި ކަހަލަ މައްސަލަތައް ޖެހެންފަށައިފިއެވެ. ދެމަފިރިންގެ ކޯޅުންގަނޑުގެ ތެރޭގައި ކޮންމެ ފަހަރަކު ނޫމާގެ ނަން ނަގަން ފަށައެވެ. ގޭތެރޭގައި ކުރެވޭ އެކި ކަންކަމުގައި އެކުއްޖާއަށް ކޮންމެވެސް ވަރެއްގެ ތަފާތު ކުރުންތަކެއް ބެހެއްޓޭތީ މަންސޫރާ ހިތްހަމަނުޖެހުން އިތުރުވެއެވެ. އަމިއްލަ ދަރިއެއް ފަދައިން މަންސޫރާގެ ދައްތަ ވިހެއި ކުއްޖާ އޭނާ ބަލަމުން ދިޔައިރު އެކުއްޖާއާ ދޭތެރޭ އޭނާގެ ހިތުގައި މައިވަންތަކަމުގެ ކުލުނު އުފެދިފައި ވުމަކީ ނޫމާގެ ނަސ ބެވެ.

މަންސޫރާ ރޮމުން އޭނާއާ ނޫމާގެ ހެދުންތައް ދަބަހަށް އަޅާ ޕެކްކުރުމަށްފަހު އޭނާގެ ދެ ދަރިން ގައިާަ ބައްދާލިއެވެ. ބައްޕައާ މާމަ ބުނާ ބަސްއަހައިގެން ކިޔަވައިގެން މޮޅު ކުދިންތަކަކަށް ވުމަށް ނަސޭހަތް ދިނުމަށްފަހު އެގެއިން ނޫމާ ގޮވައިގެން މަންސޫރާ ދިޔައީ އޭނާގެ ފިރިމީހާ އޭނާ ވަރިކުރުމުންނެވެ.

ދަތި ހާލުގައި މާލޭގައި ދިރިއުޅެމުން ދިޔައިރު 5 އަހަރުގެ ކުއްޖަކު އެކަނި ގޭގައި ބަހައްޓާފައި މަސައްކަތް ކުރަން ދިޔުން މަންސޫރާއަށް ވީ އުނދަގޫ ކަމަކަށެވެ. ގޭގެއަށް ކުދިން ބަލައިދޭން ގޮސް އުޅެ ލިބޭ ކުޑަ ފައިސާކޮޅުން ދެކޮޅު ނުޖެހުމުން ނޫމާގެ މަންމަ މަހްމޫދާ އަށް ގުޅުމަށްފަހު އެ ކުއްޖާއާ ހަވާލުވާން މަންސޫރާ އެދުމުން އެކަމަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.

ގޮސް ހުސްވެފައި ވަނިކޮށް ރައްޓެއްސެއްގެ ފަރާތުން ދީންވެރި ރަނގަޅު ދެމަފިރިއަކާ މަންސޫރާއާ ދިމާވެއެވެ. އެދެމަފިރިންނަކީ ދަރިން ނުލިބޭ ދެމަފިރިންކަމުން އެމީހުންނަށް ނޫމާ ހަވާލުކޮށް ނިންމަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ނިންމަން މަހްމޫދާއަށް ގުޅައެވެ. މަންސޫރާދެކެ އިންތިހާއ ށް ލޯބިވާ ނޫމާ އެ ދެމަފިރިންނާ އެކު ގެންދިޔަ އިރު ނޫމާ އަޑުން އަޑުނަގާ ރޮއި ހެދީ މަންސޫރާއާ ވަކިވެގެންދާން ބޭނުން ނުވާތީއެވެ. އެ ތުއްތު ކުއްޖާއަށް މަންމައެއްގެ ލޯބިދިން ބޮޑުދައިތައާ ވަކިވާން ނޫމާ ބޭނުމެއް ނުވިއެވެ.

ނޫމާއާ ބައްދަލު ކުރަން މަންސޫރާ ދާ ކޮންމެ ހަފްތާއަކު އެ ކުއްޖާ ރޮއިރޮއި ހަލާކުވެއެވެ. އެ ހިތްދަތި މަންޒަރު ބަލަން އެ ދެމަފިރިންނަށް ކެތްކުރަން ދަތިވުމުން އެކުއްޖާ ދެކެން މަންސޫރާ އައުން މަނާ ކުރެއެވެ. އެދުވަހަށް ފަހު މަންސޫރާ އެމީހުންގެ ލޮލަށް ނުފެންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ.

*** *** *** *** *** ***

"އާން ދަރިފުޅާ.. އެއީ މަންސޫރާ ދައްތަކަން ހަމަ ޔަގީން.. އެއީ ދަރިފުޅު މި މަންމައަށް ހަވާލުކުރި މަންސޫރާ..." ސާމިޔާ ވާހަކަ ދައްކާ ނިންމާލި އިރު ނޫމާއަށް އިނީ ރޮވިފައެވެ. އެވަގުތު ނޫމާގެ ފޯނު ރިންގްވުމުން ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ.

"ނޫމާ... އެ އަންހެންމީހާ ހޭއަރައިފި.. އޭނާ ގޮވަނީ ނޫމާއަށް..." ވިރާޝްއާ ވާހަކަދައްކަން އިން ނޫމާ މި ތައްޔާރުވަނީކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

ދެލޯ ފޮހެލުމަށްފަހު މޫނު ފޮތިކޮޅުއަޅާލަމުން ހޮސްޕިޓަލަށް ދާން ނޫމާ އަވަސްވެގަތެވެ. އޭނާއަށްޓަކައި އެތައް ޤުރުބާނީއެއް އުފުލި ލޯބިވާ މަންމަ ދުށުމަށް އެލޯވަނީ ކެތްމަދުވެފައެވެ. އަމިއްލަ ދަރިން އެކުދިންގެ ބައްޕައާ ހަވާލުކުރުމަށްފަހު ނޫމާ ގޮވައިގެން އެގެއިން ނުކުމެގެންދި ަ އެ މަންމައަށެވެ. ބަނޑުއަޅާ ވިހެއި މަންމައަށްވުރެ ހެޔޮކަން ބޮޑުވި އެ މާތް މީހާ ގާތަށް ދާށެވެ.

މަންސޫރާ އެނދުމަތިކޮށްފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނޫމާ އެތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް މަންސޫރާ ކުރިމައްޗަށް ހުއްޓުނެވެ. މަންސޫރާ ކަޅި ޖަހާނުލާ ނޫމާގެ ދެލޮލަށް ބަލަން އޮތުމަށްފަހު ތީ ކާކުތޯ އަހާލީ ބަލިކަށި އަޑަކުންނެވެ.

"މަންމާ.. މީ މަންމަގެ ނޫމާ..." ނޫމާއަށް އެހިސާބަށް ބުނެވުނުއިރު ރޮވިއްޖެއެވެ. މަންސޫރާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގެން ދިޔައެވެ. ނޫމާގެ ފަހަތުން އެކޮޓަރިއަށް ވަތް ސާމިޔާއާ ދިމާއަށް މަންސޫރާއަށް ބަލާލެވުނީ އެވަގުތެވެ. ސާމިޔާވާހަކަ ދެއްކުމުން މަންސޫރާއަށް އެއީ އޭނާގެ ނޫމާކަން ޔަގީންވިއެވެ.

"އަލްހަމްދު ލިއްލާހި... މަންމަ ބޭނުންވި ކަހަލަ ރަނގަޅު ދަރިއަކަށް ނޫމާ ވެއްޖެ. މަންމަގެ ދުއާ ވާނީ އަބަދުވެސް ދަރިފުޅާއެކު... މަންމަ އަބަދުވެސް ދަރިފުޅުމެން ދެކެ ލޯބިވާނަން...." މަންސޫރާގެ މޫނުގައި ފިރުމާލަމުން ނޫމާ ވާހަކަދެއްކީ ދެން ދުވަހަކުވެސް އޭނާގެ މަންމަ ދޫނުކޮށްލާނެ ފަދަ ގޮތަކަށެވެ. "މާ ގިނަ ވާހަކަ ނުދައްކާ އަރާމް ކޮށްލާ... މާދަމާ މަންމަގެ މާމަ ދަރި ކައިރިއަށް ދެވޭނީ އޭރުން..."

"މާމަ ދަރިއޭ..." މަންސޫރާގެ ލޮލުން ވިދާލީ އުފާވެރިކަމުގެ ކަރުނައެވެ.

"ހުން... މާމަ ދަރި... ޝާޔަން ކިޔާނީ.. ވަރަށް ސިޔާސަ ވާނެ... ހިމޭނުން އެއްތާކު މަޑުން ނީނދެވޭނެ.. އެކަމަކު ވަރަށް ބަސްއަހާނެ.. ގަޑިން ގަޑިއަށް ނަމާދުކުރާނެ..." ނޫމާ ވާހަކަ ދައްކަ ދައްކަ ހުއްޓާ މަންސޫރާގެ ދެލޯ މެރިގެން ދިޔައިރު ތުންފަތް މައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. އެ ދުކައިރީ އިނދެ ނޫމާގެ ލޮލުފިޔަ ޖެހުނީ އެ މަންމަގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިންދައެވެ.

ކުއްލިއަކަށް ނޫމާއަށް ހޭލެވުނީ މެޝިންތަކުގެ އަޑުތަކާއި ނަރުހުންގެ ޓީމެއް ވަދެ ނޫމާއަށް ގޮވާލުމުންނެވެ. ހާސްކަންމަތީ ނޫމާ ދެލޯ ހުޅުވާލަމުން ވަށައިގެން ތިބި މީހުންގެ މޫނުތަކަށް ބަލާލިއެވެ. ދެން ނޫމާއަށް ބަލާލެވުނީ އެނދުމަތީގައި އޮތް މަންސޫރާއަށެވެ. ނޫމާގެ އަތުގައި ހިފަހައްޓާފައިވާ މަންސޫރަ އަތްތިލައިގައި ފިނިކަމެއް ހުއްޓެވެ. އެއަތުން ނޫމާ ދޫކޮށްލި އިރު ނޫމާއަށް ފެނުނީ މަންސޫރާގެ ތުންފަތް މައްޗަށް ވެރިވެފައިވާ ލުއި ހިނިތުންވުމެކެވެ. ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. އެ މަންމަގެ ފުރާނަ އެ ހަށިގަނޑާ އަބަދަށް ވަކިވެގެން އެ ދިޔައީއެވެ. މަންސޫރާ ެ ހިތުން އެސޫރަ ދުވަހުކުވެސް ފޮހެވިގެން ނުދާނެއެވެ. ކަޅިޖަހާނުލާ މަންމަގެ މޫނަށް ބަލަން އެނާއަށް ހުރެވުނެވެ. ދެއަތުން މޫނު ނިވާކޮށްލި އިރު ނޫމާއަށް ރޮވެނީއެވެ.

"އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން..."

(ނިމުނީ)