ރަމަޟާން މަހާ ގުޅިގެން ރާއްޖޭގެ އެންމެހާ ވިޔަފާރިވެރިންގެ ފަރާތުން ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.
ރަމަޟާން މަސް ފެށުމުގެ މުނާސަބާގައި، ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ކެތްތެރިވުމާއި އަނެކުންނަށް މައާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަމަށެވެ. އަދި އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރަމަޟާން މަހާ ގުޅިގެން ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާހިރަތުގެ ދަރުމައާއި ސަވާބަށް ވިސްނައިގެން، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
އިސްލާމްދީނުގެ އިޖްތިމާއީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މުޖުތަމައުގެ ރީތި ހަމަތަކާއި އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫހު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭނެ ކަމަށެވެ.
ހަމައެއާއެކު ރަމަޟާން މަސް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީށް ދެއްވި ހިތާބުގައި، ރަމަޟާން މަހަކީ، ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ރަހްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ހާސިލުކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ގުރްއާން ކިޔަވައި، ސަދަގާތް ދިނުން އިތުރުކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.