ގައުމީ ސަލާމަތާ ރައްކާތެރިކަމަށް ކުރިމަތި ވެދާނެ ނުރައްކަލަކާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުގެ އިސްވެރިން ބައްދަލް ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވައިފައިވަނީ މިއަދު ބަންޑާރަ ކޮށީގައެވެ. މި ބައްދަލުވުމުގައި އެމް.އެންޑީއެފް، ކޯސްޓްގާޑް އަދި ޕޮލިހުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރާ، ޑިފެންސް މިނިސްޓާ އަދި ހޯމް މިނިސްޓަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާ ތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ބާރުތަކުންވެސް އަންނަނީ މިފަދަ ހަމަލާއަކަށް ކުރިއާލައި ރައްކާތެރި ވުމުގެ ގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތައް ވަރުގަދަ ކުރަމުނެނެވެ. މިފަދަ ހަމަލާއެއް ރާއްޖެ ފަދަ ޓުއަރިޒަމް ފުޅާ ގައުމުތަކަށް އަމާޒުވެދާނެ ބިރު އެބަ އޮތް ކަމަށް ބައެއް ބޭރުގެ ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގިނަ ދިވެހިންވެސް ދިރިއުޅެމުންދާ ލަންކާ އަށް ޖާނުން ފިދާވެގެން ދިން ޓެރަރިސްޓު ހަމަލާގައި ވަނީ 253 މީހަކު މަރުވެފައެވެ. މި ހަމަލާގެ ޒިންމާ ވަނީ ހައްދުފަހަނަ އަޅައިފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އައިއެސް އިން އުފުލާފައެވެ.