ސައުދީން ހަދިޔާކުރާ ކަދުރު މި އަހަރުގެ ރޯދަމަސް ފެށުމުގެ ކުރިން ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެހެން އަހަރުތަަކެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހަށް ވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކޮށްފައި ވެއެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ރާއްޖެ އަށް ލިބުނު 50 ޓަނުގެ ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ކަދުރާ ހަވާލުވެ ވަޑައިގެންނުވުމަށް ފަހު މިނިސްޓަރު ވިދާޅުވީ 50 ޓަނުގެ ކަދުރަކީ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރުގެ ކަދުރެެއް ނޫން ކަމަށާއި، ރޯދަމަސް ފެށުމުގެ ކުރިން ރައްޔިތުންނަށް ކަދުރު ބެހުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.

"ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކަދުރު ބެހޭ ވަރު ނުވާނެ. ފަންސާސް ޓަނު ކަދުރަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުދޭނެ މިންވަރެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީން ދިން ކަދުރުގެ އިތުރުން އަމިއްލަ ފަރާތްތަކުން ކަދުރު ހަދިޔާ ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެގޮތަށް ލިބޭ ކަދުރުތައް ވެސް ލިބޭ އިރަށް ބައްސަވާނެކަމަށެވެ.