ކުރީގެ ނައިބު ރައީސުންނަށް މަހަކު 35000ރ ދިނުމަށް ރައްޔިތުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ސަލީމެވެ. މި ބިލް މަޖިލީހުގެ ވަގުތީ ކޮމިޓީއިން ފާސްކުރި އިރު، ބިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް މަޖިލީހުގައި އެއާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަ ނީ މިއަދު އޮންނަ ވޯޓް ގަޑީގައެވެ.

މި ބިލްގައި ވާގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރެއްވިކަން ސާބިތުވެ، އެފަރާތެއްގެ މައްޗަށް ނިހާއީ ހުކުމެއް ކަނޑައެޅޭ ވަގުތުން ފެށިގެން އެ ފަރާތަކަށް ދައުލަތުގެ ފަރާތުން އެއްވެސް އިނާޔަތެއް އަދި އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެއެވެ.

މި ބިލްގައި ވާގޮތުން ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭނީ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއް އަދާނުކުރައްވާ ނަމައެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމާއި، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައި ދިނުމުގެ އިތުރުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތް ދިނުމަށް ބިލުގައިވެއެވެ.

މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ސަރުކާރު ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ފެށިގެން އިނާޔަތާ ރައްކާތެރިކަން ލިބޭނީ ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި، އައްނަބީލް މުހައްމަދު ވަހީދުއްދީނަށާއި، އަބްދުﷲ ޖިހާދަށެވެ. ނަމަވެސް ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ވާތީ އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެއެވެ. އަދި ޑރ. މުހައްމަދު ވަހީދު ރައީސްކަން ކުރައްވާފައި ވާތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތެވެ.