އަންނަ ރޯދަމަހު މިސްކިތްތަކުގައި އިމާމްވެ ތަރާވީހް ނަމާދުކުރުމަށް ބިދޭސީ ހާފިޒުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ސްޕެޝަލް ވިސާއަށް އެދި ހުށަހަޅަން ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ، ބިދޭސީ ހާފިޒުން ގެނައުމަށް ބޭނުންވާ މި ވިސާއަށް އެދި ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް ކަމަށާއި ހާފިޒުންނަށް ވިސާ ދޫކުރެވޭނީ އެ ހާފިޒަކު ރާއްޖެ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ނަމައެވެ. އެގޮތުން، ހާފިޒުންނަށް ދޫކުރާ 45 ދުވަހުގެ ސްޕެޝަލް ވިސާއަށް ދައުލަތުގެ އިދާރާއަކުން ހުށަހަޅާނަމަ އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި އެ ހާފިޒަރު ރާއްޖެ ގެންނަނީ އަމިއްލަ ޖަމިއްޔާއަކުން ނަމަ 750 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި، ބިދޭސީ ހާފިޒުން ގެނައުމަށްޓަކައި، އެ ހާފިޒަކު ނުވަތަ ގާރީއަކު ރާއްޖެއައުމަށް ހަމަޖެހިފައިވާ ތާރީހުގެ ރަސްމީ ފަސް ދުވަސް ކުރިން ވިސާއަށް އެދި ހުށަހަަޅަން ޖެހޭ ލިއުންތައް ހުށަހަޅަން ޖެހޭނެއެވެ. އަދި ސްޕެޝަލް ވިސާއަށް އެދި އެއް އެޕްލިކޭޝަނަށް ވުރެ ގިނައިން ހުށަހަޅާނަމަ ކޮންމެ އެޕްލިކޭޝަނެއް ހުށަހަޅަން ޖެހޭނީ ވަކި އީމެއިލްއެއްގެ ގޮތުުގައި ކަމަށާ މި ވިސާގައި ރާއްޖެ އައުމުގެ ހުއްދަ ދެވުނުކަން ނުވަތަ ނޫންކަން އަންގާނީ އެޕްލޮކޭޝަން ފޮނުވި އީމެއިލްގެ ޖަވާބެއްގެ ގޮތުގައި ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ސްޕެޝަލް ވިސާގައި ރާއްޖެއައުމުގެ ހުއްދަ ދެވުނުކަން އަންގާ އީމެއިލް ލިބުމުން، ބިދޭސީ ހާފިޒު ރާއްޖެ އައުމުގެ އެއް ގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމް އަދި ފޯމާއިއެކު ހުށަހެޅި ލިއުންތަކުގެ އަސްލު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ހުށަހަޅަން ޖެހޭނެކަމަށް މި އިއުލާނުގައިވެއެވެ.

މީގެ އިތުރުން، މި ވިސާގައި ރާއްޖެއަންނަ ބިދޭސީ ހާފިޒު ރާއްޖޭގައި ހުންނަން ހުއްދަ ދޭ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި ހުރެފިނަމަ، ގާނޫނު ނަންބަރު 1/2007 ގެ ދަށުން ކަމާއި ގުޅުންހުރި ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ރާއްޖެ އަންނަ ހާފިޒާއެކު އެމީހެއްގެ އާއިލާގެ މެންބަރުން އަންނަނަމަ، އެމީހުންނަށް ދޫކުރެވޭނީ 30 ދުވަހުގެ ޓޫރިސްޓް ވިސާއެއް ކަމަށާއި ހާފިޒު ގެންނަ އިދާރާއިން އެފަރާތްތަކަށް ސްޕޮންސާ ކުރަންވާނެކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.