މިއަދު ބާއްވަން އެޖެންޑާ ކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ޖަލްސާ ނުފެށި ލަސްކުރަން ޖެހިއްޖެއެވެ.
މަޖިލިސް 9:00 ޖެހި އިރު ފަށަން ތާވަލުކޮށްފައިވީ ނަމަވެސް، ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ފެށޭނީ 9:30 ގައި ކަމަށް ރިޔާސަތުން ވަނީ އަންގަވާފައެވެ. ޖަލްސާ ފެށުމަށް ބޭނުންވާ އަދަދު ހަމަކުރުމަށް ރިޔާސަތުން 10 މިނެޓް ވަންދެން މަޑުކުރިއެވެ. ނަމަވެސް އެހާ އިރަށް ވެސް ކޯރަމް ހަމަނުވިއެވެ.
ރިޔާސަތުން ކުރި އިއުލާނާ އެއްގޮތަށް މަޖިލީހުގެ ޖަލްސާ ފަށާފައިވަނީ 9:35 ގައެވެ. އަދި ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަކަމަށް ރިޔާސަތުން އިއުލާން ކުރިއެވެ.
މަޖިލިސް އިންތިހާބުގައި މިހާރު ތިބި ގިނަ މެންބަރުން އާ ދައުރަށް ހޮވިވަޑައިގެންފައި ނުވާތީ މަޖިލީހަށް ގިނަ މެންބަރުން ހާޒިރެއް ނުވެއެވެ. މަޖިލިސް ކޯރަމް ފެށުމަށް 22 މެންބަރުން ހާޒިރުވެ މަޖިލީހުގެ ތަޅުމުގައި ތިބެން ޖެހޭއިރު، މިއަދު މަޖިލިސް ފެށިނު އިރު އެ އަދަދަކަށް މެންބަރުން ތަޅުމުގައި ހަމަނުވެއެވެ.
ފާއިތުވި ދެ ދުވަހުގެ މަޖިލިސް ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ފެށުނީ ކަނޑައެޅިފައިވާ ގަނޑިއަށް ވުރެ ލަހުންނެއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓްތަކެވެ. އޭގެ ތެރޭގައި ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެ ބިލު ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި، މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައިވާ 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 29 އޮޑިޓް ރިޕޯޓެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކުރި 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 30 ރިޕޯޓެއް އިއްޔެ ވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ. މި ރިޕޯޓްތަކަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ބަހުސްކޮށްފައެއް ނުވެއެވެ. އަދި ރިޕޯޓްތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ދުވަހު މެންބަރުންނަށް ހުޅުވާލާފައިވާއިރު، އެއްވެސް މެންބަރަކު ހިޔާލު ހުށަހަޅުއްވާފައިނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއްޔެ ވިދާޅުވިއެވެ.