ބްރިޖް ވިއުއިން ޕްލެޓްފޯމާ، އިންވެގެން ހަދާފައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރެންޓް 30 ދުވަސް ތެރޭ ހުސްކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސަރުކާރަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މިއަދު ކޯޓަށް މައްސަލަ ހުށަހެޅީ ސްޓްރާޑާގެ އެއްބަސްވުމާ އެއްގޮތަށް ބިން ހުސްކުރަން ހައުސިން މިނިސްޓްރީން އެންގި އެންގުމަށް ސްޓްރާޑާ އިން އަމަލުކޮށްފައި ނުވާތީއާ 2018 ވަނަ އަހަރު ޑިސެމްބަރު މަހު އެއްވަނަ ދުވަހުން ފެށިގެން އެ ބިމުގެ ކުލި ދައުލަތަށް ނުދައްކާތީއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މިހާރު މިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގަނީ ގަވާއިދާއި ހިލާފަށެވެ. އަދި އެ މިނިސްޓްރީއާ ނިއުޕޯޓް ހިންގާ ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާ މަސް ނިމިއްޖެނަމަ އިތުރު މުއްދަތެއް ނުދީ އެއްބަސްވުން އުވާލުމުގެ އިހްތިޔާރު އެ މިނިސްޓްރީ އަށް ލިބިގެންވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި ކުލި ނުދެއްކުމުގެ ސަބަބުން މިދިޔަ މާޗްމަހު ހަތް ވަނަ ދުވަހު ސްޓްރާޑާ ކޮމްޕެނީއާ އެކު ވެފައިވާ އެއްބަސް ވުން ވަނީ އުވާލާފައެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ބިން ހުސް ކުރުމަށް ސްޓްރާޑާއަށް ދީފައިވާ މުއްދަތުގައި ބިން ހުސް ކޮށްފައި ނުވުމުގެ ސަބަބުންނާއި އެބިމުގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޮންނަ އުސޫލުގެ މަތިން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.