މިއަހަރު ރޯދަމަހަށް ހާއްސަކޮށްގެން ކާށިދޫއިން ގިނަ އަދަދަކަށް ކޮޕީފަތް ހައްދާފައިވާކަމަށް އެ ރަށުގެ ކައުސިލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުސިލްގެ ޑެޕިއުޓީ ޑިރެކްޓާ މުހައްމަދު މާހިރު ވިދާޅުވީ އެ ރަށަކީ ދަނޑުވެރިކަން ވަރަށް ރަނގަޅު ރަށެއް ކަމަށާއި މި ދުވަސްވަރަކީ ދަނޑުވެރިކަން ރަނގަޅު ދުވަސްވަރަކަށް ވާތީ އެކި ބާވަތުގެ ގަސްތައް ހެއްދަމުން ދާ ކަމަށެވެ. ނަމަވެސް ރޯދައާއި ދިމާކޮށް ކޮޕީފަތް އިތުރަށް ހައްދަމުން ދާކަން ފާހަގަ ކުރަމުން މާހިރު ވިދާޅުވީ މާލޭގެ ބާޒާރުން ކާށިދޫ ކޮޕީފަތް މި ރޯދަމަހު ލިބެން ހުންނާނެ ކަމަށެވެ.

ކާށިދޫ ކޮޕީފަތް ދަނޑު

ރޯދަ މަހާ ދިމާކޮށް އެ ރަށުގެ ރައްޔިތުން ތައްޔާރީތައް ވަމުން ދާއިރު ގޭގޭގައި ކުލަ ލުމާއި ގޯތިތެރޭ ޒީނަތްތެރިކުރުމަށް ދޮންވެލިލުމާއި އަކިރި އެޅުން ކުރިއަށް ދާކަމަށްވެސް މާހިރު ވިދާޅުވިއެވެ.

ކާށިދޫގައި ދަނޑުވެރިކަމަށް 700 އެއްހާ ބިން ދޫކޮށްފައިވާއިރު، ހޫނު ގަދަ ދުވަސްވަރާ ދިމާކޮށް ދަނޑުވެރިކަން ވަރަށް ރަނގަޅަށް ކުރިއަށް ދާކަމަށާއި އޭގެތެރޭގައި ކަރާ ދަނޑުތައް ވެސް ހަމަ ވަރަށް ރަނގަޅަށް ހެދެމުން ދާކަމަށް މާހިރު ވިދާޅުވިއެވެ.

ކޮޕީފަތަކީ ރާއްޖޭގެ މާހައުލުގައި ވަރަށް ފާސޭހައިން ހެއްދިދާނެ، ހަށިގަނޑަށް ވަރަށް ފައިދާކުރަނިވި ފަތެކެވެ. ޚާއްސަގޮތެއްގައި ކޮޕީ ފަތުގެ ޑިމާންޑް ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބޮޑުވެގެންދެއެވެ.