ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ދިނުން އެ ކުންފުނިން ފާހަގަކޮށްފިއެވެ.

ދިރާގުގެ ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފައިބާ ބްރޯޑުބޭންޑުގެ ހިދުމަތް ދިނުމަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.

މިހާރު ރާއްޖޭގެ 58 ރަށެއްގައި ދިރާގުން ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކު އަޅާފައިވާ ކަމަށާއި އޭގެ ކުރިން މަސައްކަތް ކުރީ އެންމެ 13 ރަށުގައި ކޭބަލް އަޅައިގެން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިހާރު މާލެއާ އެއް ސްޕީޑެއްގައި ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް އެހެން ރަށްރަށުންވެސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ރާއްޖޭގެ 75 ފަސެންޓަށް ދިނުން ފާހަގަކުރުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ދިރާގު ސީއީއޯ ވިދާޅުވީ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން އިތުރު ރަށްތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ދިރާގުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އިންޓަނެޓުގެ އަގު އެދެވޭ ގޮތަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އިސްމާއިލް ވިދާޅުވީ ކޮމިޔުނިކޭޝަނުގެ އަގަކީ ދުވަހުން ދުވަހަށް ދަށަށް ދާ އަގުތަކެއް ކަމަށާއި ދިރާގުން ވެސް މަސައްކަތް ކުރާނީ އެދެވޭ އަގެއްގައި ރަނގަޅު ކޮލެޓީއެއްގެ ހިދުމަތް ދިނުމަށް ކަމަށެވެ.

ރާއްޖެއަށް މޯބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ފުރަތަމަ ތައާރަފު ކުރި ކުންފުނި ދިރާގުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޭ ހިދުމަތް ވީހާވެސް ފުޅާކޮށް ފުރިހަމަކޮށް ފޯރުކޮށްދިިނުން ކަމަށާއި މޯބައިލް ބްރޯޑް ބޭންޑުގެ ހިދުމަތް ވެސް ރާއްޖޭގެ ހުރިހާ ރަށަކަށާއި ރިސޯޓުތަކަށްވެސް ދިރާގުން ފޯރުކޮށްދެން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ ހައި ސްޕީޑް ބްރޯޑްބޭންޑު އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ ސަބްމެރިން ކޭބަލް އެޅުން ކަމަށާއި ހއ އިން ފެށިގެން އައްޑުއާ ހަމައަށް ސަބްމެރިން ކޭބަލް ވިއުގަ ދަމާލެވިފައިވާ ކަމަށެވެ. ދިރާގުން މިހާރު އެއް ރަށުން އަނެއް ރަށަށް މުއާސަލާތް ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅާލާފައިވާ 1253 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް ވިއުގައަކުންނެވެ.