މިހާރު މި އޮތް ސަރުކާރަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމުގެ އަސްލަކީ، ކެމްޕޭނު ދުވަސްވަރު ވަމުން ދިޔަ އުންމީދީ ވައުދުތަކެވެ. ވަކިވަކި ފަރުދުންނާއި އާއިލާތަކަށް ދެއްކި ފޮނި ހުވަފެންތަކެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވުނު އެއް ވައުދަކީ ރާއްޖޭގައި އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ސަރުކާރުން ހާއްސަ ހަދިޔާއެއް ދޭނެ ކަމުގެ ވައުދެވެ.

އެ ހަދިޔާގެ ބޭނުމަކީ ނުވަތަ މަގުސަދަކީ ޅަފަތުގެ ކުދީންގެ ދުޅަހެޔޮ ކަމަށް ބާރު އެޅުން ކަމުގައި ސަރުކާރުން އޭރު ބުނެފައި ވެއެެވެ. އަދި އޭގެ ސަބަބުން ދިވެހި ރާއްޖޭގައި އުފަންވާ ހުރިހާ ތުއްތު ކުދީންނަކީ ވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަންމަތީ އުފަންވާ ކުދިންނަށް ވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ

އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ދޭން ނިންމާފައިވާ، ހާއްސަ ހަދިޔާގެ ތެރޭގައި ތުއްތު ކުއްޖަކަށް ބޭނުންތެރި އެތައް ސާމާނެއް ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އޭގެ ތެރޭގައި، ތަންމަތި ފޮށްޓަކާއި، ތުއްތު ކުއްޖާއަށް ބޭނުންވާ އަސާސީ ސާމާނުގެ އިތުރުން ގާތުން ދިނުމާބެހޭ ސިއްހީ މައުލޫމާތުތަކުގެ މައްޗަށް އެކުލެވޭ ލުއި ފޮތް ހިމެނެއެވެ.

އެހެންކަމުން އާ ސަރުކާރުން ގައުމު ހިންގުމާ ހަވާލުވުން ވީ މާބަނޑުވެ ވިހަން ގާތް ވެފައި ތިބި މީހުންނާ އެމީހުންގެ އާއިލާތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. އެ އުފާ ދެގުނައަށް އިތުރުވީ، ފުރަތަމަ 100 ދުވަސްތެރޭ، ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ލިސްޓުގައި އެއްކަލަ 'ހަދިޔާ' ގެ ވާހަކަ ހިމެނިފައި ވާތީއެވެ. އެމީހުން ހީކޮށްގެން ތިބީ އަލަށް އުފަންވާ ކުދިންނަށް ދައުލަތުގެ ފަރާތުން ދޭ ހަދިޔާ އެންމެ ފުރަތަމަ ލިބޭ މީހުންގެ ލިސްޓުގައި އެ އާއިލާއަށް އިތުރުވާ މެންބަރު ހިމެނޭނެ ކަމަށެވެ.

ކޮންމެ އަކަސް ސަރުކާރަށް 100 ދުވަސް ފުރިއްޖެއެވެ. ވައުދުތައް ފުއްދުމަށް ސަރުކާރަށް 100 މަސައްކަތު ދުވަސް ލިބިގެން ހިނގައްޖެއެވެ. އެއްކަލަ އާއިލާތަކުގެ އުންމީދަށް ވީ ކިހިނެތް ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ދެއެެވެ. އަދި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިވީހާ ދުވަހު އުފަންވި ތުއްތު ކުދިންނަށް، އެ ވައުދުގެ ދަށުން ޖާގަ ލިބޭނެ ކަމާ މެދުވެސް ބައެއް މީހުން ސުވާލު އުފައްދަމުން ދެއެވެ.

އޭގެ ޖަވާބެއްގެ ގޮތުން ވެސް ވިސްނުމަށް އަންނަނީ ހަމަ ސުވާލެކެވެ. އާ ސަރުކާރަށް ކޮށްލުން ބުއްދިވެރި ސުވާލެކެވެ. ސަރުކާރަށް 100 ދުވަސް ފުރުނު އިރު، އަލަށް އުފަންވި އެއްވެސް ކުއްޖަކު ނުފެންނަނީ ތޯއެވެ؟ އެ މުއްދަތުގެ ތެރޭގައި ދިވެހި އެއްވެސް މަޔަކު ނުވިހަނީ ތޯއެވެ؟