ބޮޑެތި އިންތިހާބުތަކަކީ ހައިރާންކުރުވަނިވި އެތައް ކަމަކާ ކުރިމަތިލާންޖެހޭ އިންތިހާބުތަކެކެވެ. އެގޮތުން އޭޕްރިލް 11 ވަނަ ދުވަހު ފެށި އިންޑިއާގެ އާންމު އިންތިހާބަށް މިކަމުން އިސްތިސްނާއެއް ނުވެވުނެވެ. އެންމެ ބޮޑު ހައިރާންކަމަކާ ސިހުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ އެއް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމު ދިފާއުކުރައްވަމުން މޯދީ ނިކުންނެވިއިރުވެ، ސިފައިގެ ގޮތުން މޯދީއާއި އެންމެ ވައްތަރު ކަމަށް ބުނާ މީހާ މިފަހަރު ނިކުމެ ހުރީ މޯދީއާއި ދެކޮޅަށެވެ.

މިދައްކަނީ އުމުރުން 51 އަހަރު އަބީނަންދަން ޕަތަކުގެ ވާހަކައެވެ. އަބީނަންދަންއަކީ މިފަހަރުގެ އިންތިހާބުގައި ލަކްނޯއާއި ވަރުނާސީއިން މަޖިލީހަށް ވާދަކުރާ މިނިވަން ކެނޑިޑޭޓެކެވެ. އަބީނަންދަންއަށް ލިބެމުންދާ މަޝްހޫރުކަމާ މަގުބޫލުކަމުގެ އެންމެ ބޮޑު ސިއްރަކީ، ބަލާބެލުމަށް މޯދީއާއި އެއްގޮތް ސިފަތަކެއް ފާޅުވާން ހުރުން ކަމޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

"ބޮޑުވަޒީރުކަމަށް މޯދީ ހޮވުމާއެކު އަހަރެންގެ މަގުބޫލުކަންވެސް ދިޔައީ އިތުރުވަމުން. މޯދީއާއި ސިފަ އެއްގޮތް ވުމަކީ އަހަރެންނަށް ލިބުނު އެންމެ އަގުބޮޑު ނަސީބު. މިހެން އުޅޭއިރު ސައިވެސް ލިބޭ. އަހަރެންނާއެކު ފޮޓޯ ނަގަންވެސް ވަރަށް ގިނަ މީހުން އާދޭ" އޭނާގެ ތަޖުރިބާ ހިއްސާކުރަމުން އަބީނަންދަން ކިއާދެނެވެ.

ނަމަވެސް މި ޝަރަފު މާ ގިނަ ދުވަހު ދެމި އޮންނަ ގޮތެއް ނުވިއެވެ. މޯދީއާ ދެކޮޅަށް އިންޑިއާގައި އުފެދުނު އޮއެވަރުން އަބީނަންދަންވެސް ސަލާމަތެއް ނުވިއެވެ.

"މޯދީ ބަދަލުވި ވަރަކަށް މީހުން އަހަރެންނާ މެދު ދެކުނު ގޮތްވެސް ބަދަލުވި. މީހުން ރުޅި ބާލާލާ މީހަކަށް އަހަރެންވި. ބައެއް ފަހަރު މީހުން އަހަރެންގެ ގައިގައި ތަޅާވެސް ހަދާ. އެއީވެސް މޯދީއާއި ވައްތަރުކަމުން"، އަބީނަންދެންގެ ސިޔާސީ މިސްރާބު ބަދަލުވެގެން އައި ގޮސް ކިއާދެނެވެ.

މޯދީގެ ބީޖޭޕީއަށް ކުރަމުންދިޔަ ތާއީދު، އިދިކޮޅު ކޮންގްރެސްއާއި ރާހުލް ގާންދީއަށް ބަދަލުކޮށްލިއެވެ. ނަމަވެސް އަބީނަންދަން ހުރީ ކޮންގްރެސް ޕާޓީ ދެކެވެސް ރުޅިއައިސްފައެވެ.

"އަހަރެން ބޭނުންވީ އަމިއްލަ ޝަހްސެއްގެ ގޮތުގައި އިންތިހާބަށް ވާދަކުރަން. އެކަމަކު އެމީހުން އަހަރެންނަކަށް ޓިކެޓެއް ނުދިން" އަބަދުވެސް ކޮންމެވެސް ބައެއްގެ ހިޔަނީގައި ސިޔާސީ ހަރަކާތްތަކުގައި އުޅެމުން އައިސްފައިވާ އަބީނަންދަން ކިއާދިނެވެ.

އާންމު އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އަބީނަންދަން ވާދަކުރުމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށްދީފައިވަނީ އޭނާއާއި އެކުގައި އުޅޭ 10 މުސްލިމެކެވެ.

ކައިވެންޏެއްކޮށްގެން އުޅޭ އަބީނަންދަންއަކީ 6 ދަރިންގެ ބައްޕައެކެވެ.