ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރުގެ ނެށްޓެވުމުގެ ހުނަރު ކާށިދޫ ރައްޔިތުންނަށް ދައްކާލައްވައިފިއެވެ.
19 ވަނަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ޖާބިރު ކާށިދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ޖާބިރަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ގޮތުން އެ ރަށުގެ ބަނދަރު މައްޗަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވާ އިރު ޖާބިރު ވަޑައިގަންނަވާތީ ރަށުގެ ޒުވާނުން ބޮޑު ބެރު ޖަހާފައިވެސް ވެއެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޖާބިރު އިންނެވި ލޯންޗު އެ ރަށުގެ ތޮށިގަނޑާ ގާތްކުރުމުން ލޯންޗުން ފައިބާވަޑައިގަތުމަށްފަހު އެ ރަށުގެ ޒުވާނުން ޖަހަމުން ދާ ބެރުގެ ހަމަތަކަށް ޖާބިރު ނަށްޓަވަމުން ގެންދަވާ މަންޒަރެވެ.
ޖާބިރުގެ ކެމްޕޭން ޕޭޖުގައި ބުނެފައި ވަނީ ކާށިދޫގައި ޖާބިރު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހަވާ އަރުވާނެ ކަމަށާއި، އަދި ގާފަރުގައި ހަވާ އަރުވާނީ މާދަމާ ރޭ ކަމަށެވެ.
ޖާބިރަކީ މަޖިލީހަށް ހޮވުނު މެންބަރުންގެ ތެރެއިން މީހުން ހައިރާން ކުރުވާ ކަހަލަ އެތައް ވާހަކައެއް ދައްކަވާ މެންބަރެކެވެ. އެގޮތުން ކާށިދޫ ދާއިރާއަށް ޖާބިރު ކޮށްދެއްވަން ވިދާޅުވި ވާހަކަތަކުގެ ތެރޭގައި ކޭބަލް ކާރުގެ ވާހަކައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ވަހަކައެވެ. މީގެ އިތުރުން އެއީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމާއި ތައުލީމާއި ވިޔަފާރި އަދި ފަތުރުވެރިކަން އެންމެ ފުޅާވެގެންދާނެ އެއްތަން ކަމަށް ވެސް ޖާބިރު ވިދާޅުވެފައިވެއެވެ.
ޕްރައިމަރީއިން ބަލިވެވަޑައިގެންނެވި ނަމަވެސް، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ޖާބިރު ވަނީ ކުރި ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރީ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރި އަބްދުﷲ ރިއްފަތެވެ. ޖާބިރަށް ކާމިޔާބީ ލިބިވަޑައިގެންފައި ވަނީ ވާދަކުރި ކެންޑިޑޭޓާ 46 ވޯޓުގެ ތަފާތަކުންނެވެ.