ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަޑު އިއްވުމަށް 19 ވަނަ މަޖިލީހަށް ހޮވުނު ހަތަރު އަންހެން މެންބަރުންނަށް ޔަގީންކަން އެބައޮތް ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝީދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓާ ޝިދާތާ ކުރެއްވި ޓްވީޓުގައި ވަނީ މަޖިލީހަށް ހޮވުނު ހަތަރު އަންހެން މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ހަތަރު މެންބަރުން ޓީމެއްގެ ގޮތުގައި އަންހެނުންގެ ހައްގުގައި ހަމަހަމަކަމާއެކީ މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރައްވަން ހޮވިވަޑައިގެންފައި ވަނީ ގާތްގަނޑަކަށް މަޖިލީހުގެ 5 ޕަސެންޓާ ގާތްކުރާ އަދަދެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މަޖިލިސް 19 ގައި 37 އަންހެން ކެންޑިޑޭޓުން ކުރިމަތިލީ ނަމަވެސް ވޯޓުން ކުރި ހޯދައި ކާމިޔާބީއެއް ލިބިފައި ވަނީ އެމްޑީޕީގެ 4 މެންބަރުންނަށެވެ. އެއީ ތުޅާދޫ ދާއިރާއަށް ވާދަކުރެއްވި ހިސާން ހަސަނާއި، ހިންނަވަރު ދާއިރާއަށް ކުރިމަތިލެއްވި ޖީހާން މަންދޫހްގެ އިތުރުން ކުރިންވެސް އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލެއްވި ރޮޒައިނާ އާދަމް އަދި ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލެއްވި އީވާ އަބްދުﷲއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ތާރީހުގެ ފަތްފުތްތަކުގައި ލިޔެފައިވާ ހާދިސާތަކުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅެފައިވާ ކަން އެ ފަދަ ލިޔުންތަކުން ފެންނަން އޮތް ކަމަށެވެ. އަދުގެ ޖީލުތަކާ ހަމައަށް ތާރީހު ހާދިސާތައް ގެނެސް ދޭއިރު އަންހެނަކަށް ވީތީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަން އެނގި ހާމަވެގެން ދިޔަ ކަން ހާމަކުރައްވާ ޝިދާތާ ވިދާޅުވީ އަންހެނުންގެ ހައްގުތައް އަލުން ހޯދުމަށް މިއަދު ނުުކުންނަން ޖެހޭ ކަމަށެވެ.