19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނަން އެންމެ މަގުބޫލު ބޭފުޅަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގަތުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލަމުން ދިއުމާއި ގުޅިގެން ނަޝީދު ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އެފަދަ ގާބިލް ބޭފުޅުން އެބަތިއްބެވި ކަމަށާއި، ވަރަށް ގިނަ ދުވަހު މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނަޝީދު ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކަށް ވެސް އުޅުއްވި އަސްލަމްގެ ނަމެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އައްޑުއަތޮޅުގެ އިއްޒަތްތެރި މެންބަރުކަން ކުރައްވާ އަދި މިހާރު ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު އަސްލަމަކީ މަގުބޫލު ބޭފުޅެއް މަޖިލީހުގެ ރައީސް ކަމަށް. ދެން އަޅުގަނޑުމެން މިކަމުގައި މަޖިލީހުގެ ހުރިހާ މެންބަރުންނާ އެކީގައި މަޝްވަރާ ކުރަންޖެހޭނެ، މި ވާހަކަ ދައްކަން ޖެހޭނެ. ދައްކާ ކަމަށް އެކަށީގެންވާ ބޭފުޅެއް އަޅުގަނޑުމެން ގެންނާނަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ މަޖިލީހުގެ ރިޔާސަތުގައި އެމްޑީޕީގެ ދެ މެންބަރުން ތިއްބެވުމަށް ކަމަށެވެ. "އެއީ މަޖިލީހުގެ ރައީސްކަމުގައި ވެސް އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ވެސް. އެގޮތަށް މަޖިލީހުގެ ކަންކަން ހިނގައިގަނެގެން ދާނީ. އަޅުގަނޑުގެ ޝައުގިވެރިކަމެއް ނެތް މަޖިލީހުގެ ރައީސް ކަމަށް. އެހެންނަމަވެސް އަޅުގަނޑުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި މަޖިލިސް ހިންގުމުގައި." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްކަން ނުކުރެއްވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުމާއި، ބަހުސްކުރުމާއި ސުވާލެއް ކުރައްވަން ޖެހިވަޑައިގަތަސް އެކަންކަން ކުރައްވަން ހުންނަވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހިންގަން ޖެހޭ މަސައްކަތްތަކަކީ ވަރަށް ބޭނުންތެރި މަސައްކަތްތަކެއް ކަމަށެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރުންނާއެކު ތިބޭނީ އިދިކޮޅު 17 މެންބަރުންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން 19 މެންބަރުންނާ އެކީގައި ގިނަ ފަހަރަށް ވަރުގަދަޔަށް ހަރަކާތްތެރި ވެފައިވާ ކަމަށެވެ. އަދި އެމްޑީޕީން ހަތަރު މެންބަރުން ހަ މެންބަރުން އަދި ސޯޅަ މެންބަރުންނާ އެކީގައި މަޖިލީހުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައި އެބަހުރި ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެބެފުޅުން ވާދަވެރިންގެ ގޮތުގައި ސުލްހަ ވެރިކަމާއެކީގައި ނަޒާހާތްތެރިކަމާ އެކީގައި ވާދަވެރިންގެ މަސްއޫލިއްޔަތު މަޖިލީހުގައި އަދާކުރަމުން ގެންދިއުމަކީ ވަރަށް ބެނުންތެރި ކަމެއް. އަދި އެބޭފުޅުންގެ މަސައްކަތްތަކަށް ކުޑަކޮށްވެސް ހުއްޓުމެއް ގެންނާކަށް ބޭނުމެއް ނޫން. މަޖިލިސް ރަނގަޅަށް ހިނގަން ޖެހޭނެ. އަޅުގަނޑުމެން ދެކޭގޮތުގައި ފެނިގެންދާނެ އަޅުގަނޑުމެންގެ ވާދަވެރި މެންބަރުން ވަޒީރު ބޭފުޅުންނާއި ސުވާލުކުރައްވާތަން ވެސް، އަދި އެހެންއެހެން ކަންކަމުގައި ވެސް ސަރުކާރު ޖަވާބުދާރީ ކުރުވާތަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންގެ ވާޖިބަކަށް ވާނީ އިދިކޮޅު މެންބަރުންނަށް ކަންކަން އޮޅުންފިިލުވައި ދިނުމާއި، ސަރުކާރުން ދެކޭގޮތް ކިޔައިދެއްވުން ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެއިން ބޭފުޅަކު ވިދާޅުވާން ޖެހިވަޑައިގަންނަވާ ވާހަކައެއް ވެސް ހާމަކުރައްވަން ޖެހޭ ކަމެއް ވެސް ހާމަކުރައްވާ، އެމްޑީީޕީގެ މެންބަރުންނަށް ފުޅާ ދާއިރާއެއްގައި ހަރަކާތެތެރިވެ މަސައްކަތް ކުރުމަށް މަޖިލިސް 19 ޖާގަ ދޭނެ ކަމަށެވެ.
"ވާދަވެރި އޮޕަޒިޝަނުން ތިބެންޖެހޭނެ، އަދި އެމީހުންގެ މަސައްކަތްވެސް ރަނގަޅަށް ކުރެވެން ޖެހޭނެ. އަދި އެމީހުންގެ މަސައްކަތް ކުރުމަށް ފުރުސަތު ދީގެން މަޖިލިސް ކުރިއަށް ގެންދާނީ" ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސްކަމާއި ނައިބު ރައީސްކަމަށް އެމްޑީޕީގެ ދެ މެންބަރަކު ގެންނަން ބޭނުންފުޅުވާކަމަށް ނަޝީދު ވިދާޅުވެފައިވާ އިރު، ކޯލިޝަންގެ ޕާޓީތަކުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ރައީސްކަމަށް ގެންނަން ޖެހޭނީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އަދި ނައިބު ރައީސް ކަމަށް ގެންނަން ޖެހޭނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއިދުކުރައްވާ ބޭފުޅެކެވެ. ނަަމަވެސް މިފަދަ އެއްބަސްވުމެއް ވެފައި ނުވާކަމަށް ބުނެ އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގައި ވަކިން ނުކުމެ 67 ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ.