އިއްޔެ ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި އަބްދުﷲ ޖާބިރު ކާމިޔާބު ކުރެއްވުމާ އެކު ކާށިދޫ އަކީ ރާއްޖޭގައި އޮތް "ވަކަންޑާ" އަށް ވެދާނެކަމާ މެދު ސޯޝަލް މިޑިއާގައިވަނީ އަޑުތައް ފެތުރިފައެވެ. ވަކަންޑާއަކީ "ބުލެކް ޕެންތާ" ފިލްމުގައި ސަބްސަހާރަން އެފްރިކާ ސަރަހައްދުގައި އޮންނަ ގައުމެކެވެ. ހިޔާލީ ވާހަކައަކަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގައި ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ މުއްސަނދި ގައުމެއްގެ ގޮތުގައި ވަކަންޑާ ފެނިގެންދެއެވެ.
ރާއްޖޭގެ ވަކަންޑާއަށް ކާށިދޫ ވެދާނެކަމަށް އިއްޔެގެ މަޖިލިސް ވޯޓަށް ފަހު ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސޯޝަން މީޑިއާ މިފަދަ ވާހަކަތަކުން ފުރި ބަންޑުން ވަމުން ދަނީ އެ ދާއިރާއަށް ވާދަކުރެއްވި އަބްދުﷲ ޖާބިރު ޕީއެސްއެމްގެ ބަހުސްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ދާއިރާއަށް ކޮށްދެއްވުމަށް ޖާބިރު ވިދާޅުވި ވާހަކަތަކުގެ ތެރޭގައި ކޭބަލް ކާރުގެ ވާހަކައަކީ ގިނަ ބަޔަކު ހައިރާންކޮށްލި ވާހަކައެވެ. އެވާހަކައެއް އިވުނު ފަހުން އެއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްތޯވެސް ގިނަ ބަޔަކު ހިތަށް ވެސް ނާރާ ވަރުގެ ކަމަކަށް އެކަން ވަނީ ވެފައެވެ. މީގެ އިތުރުން އެއީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމާއި ތައުލީމާއި ވިޔަފާރި އަދި ކުރިއަށް އޮތްތާނގައި ފަތުރުވެރިކަން އެންމެ ފުޅާވެގެންދާނެ އެއްތަނަކީ ވެސް އެތަން ކަމަށް ޖާބިރު ބަހުސްގައި ވިދާޅުވިއެވެ.
ކޭބަލް ކާރުގައި ދަތުރުކުރުމުގެ ނިޒާމް ގެންގުޅުމަށް ވިސްނުން ހުންނެވިކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު ކަންވެސް ކުރެއްވި ޖާބިރު ފާޅުކުރެއްވި ހިޔާލާ އެއްފަދައިން އެކަން ކުރެވިއްޖެ ނަމަ ކާށިދޫ ދާއިރާ ވެގެން ދާނީ ރާއްޖޭގައި އޮތް ވަކަންޑާ އަށް ކަމަށްވެސް އާންމުންގެ ތެރެއިން ބައެއް މީހުން ބުނެއެވެ.
މި ފަދައިން ސޯޝަލް މީޑިއާގައި ދެކެވެމުން އައި ވާހަކަތަކަށް ރައްދު ދެއްވީ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ. އެ ގޮތުން ދިޔާނާ ވިދާޅުވެފައި ވަނީ ގިނަ ބަޔަކަށް އެކަން ޖޯކަކަށް ވީ ނަމަވެސް މެލޭޝިއާ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިހާރު ކޭބަލް ކާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.
އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ކާށިދޫ ދާއިރާގެ ގިނަ ގޮނޑި ގުނާ ނިމިފައިވާ އިރު އެ ދާއިރާގެ ގޮނޑި މިހާރު ޖާބިރަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރީ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރި އަބްދުﷲ ރިއްފަތު އެވެ. ޖާބިރަށް ކާމިޔާބީ ލިބިަޑައިގެންފައިވަނީ ވާދަކުރި ކެންޑިޑޭޓާ 36 ވޯޓުގެ ތަފާތަކުންނެވެ.
ޕްރައިމަރީއިން ބަލިވި ނަމަވެސް، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވާ ޖާބިރު ކުރި ހޯއްދެވި އިރު ޕްރައިމަރީއިން ބަލިވެ އަމިއްލަ ގޮތުން ބައިވެރިވި ތިން ކެންޑިޑޭޓެއްވަނީ ނާކާމިޔާބުވެފައެވެ. އެއީ ހެންވޭދު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު އަބްދުލްކަރީމް (ރުކުމާ) އާއި އިހަވަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު މުހައްމަދު (މުހައްމާ) އަދި ހިތަދޫ އިތުރު ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު މުހައްމަދު (ފަޒާ މުހައްމަދު) އެވެ.
ކުލަބް ވެލެންސިޔާއަށް ހެދިހެން ނަހަދާތި
ޖާބިރު ބްލެކް ޕެންތާ އައް ވެދާނެބާ؟
ޖާބިރު ވެސް ވައްތަރެއް ނޫންތޯ ބްލެކް ޕެންތައާ
ބުރިޖުވެސް ނޭޅޭނެ ކަމަށް ބުނި. އެކަމަކު އެކަންވެސްވެއްޖެ. ޖާބިރު އެވިދާޅުވި ކަންތައްތައް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ. އިންޝާﷲ
ޖާބިރުގެ މިވަރުގެ ތަސައްވަރެއް ރާއްޖެތެރޭގެ ރަށަކަށް އޮތީތީ ސުކުރުވެރިވަން
ޖާބިރެއްނޫން. ޖޭބްސް. ހަމަ އެވަރެއް ނެތް