މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުމުން ވައުދުތައް ނުފުއްދޭނެ ކަމަށާއި، މަޖިލީހުގައި ތިއްބަވަންވާނީ އެ ވައުދުތައް ގަބޫލުކުރައްވާ އަދި އެއަށް ތާއިދުކުރައްވާ ބޭފުޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރައްވަން ޖެހޭ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުވަތަ އެމްޑީޕީއަށް ދޭށޭ ރައްޔިތުން ކައިރީގައި މި ބުނަނީ ކީއްވެގެންތޯ ސުވާލު ކުރައްވަންޖެހޭ ކަމަށެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ނުފުއްދޭނެ ވަރަށް ގިނަ ވައުދުތައް އެބަހުރި ކަމަށާއި، ވޭތުވެދިޔަ ކުޑަ ދުވަސްކޮޅެއް ތެރޭގައި މި ސަރުކާރަށް މަޖިލިސް މެޖޯރިޓީ އޮތް ނަމަވެސް، މަޖިލީހުގެ ތެރެއިން ކުރަންވީ ގިނަ ކަންތައްތައް މިއަދު ހުރީ ނުކުރެވި ކަމަށެވެ.

"އެހެންވީމާ މިއީ އަދި ހަމައެކަނި މެޖޯރިޓީއާއި ގުޅިފައި އޮތް ކަމެއް ނޫން. މަޖިލީހުގައި ތިއްބަވަން ވާނީ އަޅުގަނޑުމެން ވީ ވައުުދުތައް ފުއްދަން ތިބޭފުޅުން ބޭނުންވެލައްވާކަމުގައި ވާނަމަ އެތާ ތިއްބަވަން ވާނީ މި ވައުދުތައް ގަބޫލުކުރާ މި ކަންތައްތަކަށް ތާއިދުކުރައްވާ މިކަންތައްތައް ކޮށްދެއްވާ އެއްބާރުލާނެ ބޭފުޅުން. ހަމަގައިމުން ވެސް އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނުކުމެ ވަޑައިގެން މި ތިއްބެވީ އެކަންތައްތައް ފުރިހަމައަށް ގަބޫލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން މި ބޭނުންވާ ތާއިދު ދެއްވާ ބޭފުޅުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ފެށި ބޮޑެތި ކަންތައްތަކަކީ އަލުން ދެވަނަ ފަހަރަށް ބޮޑު ހަރަދުކޮށްގެން ކުރަން ޖެހިފައިވާ ކަންކަން ކަމަށާއި، މިއީ ރައްޔިތުންގެ ނަމުގައި ސޮވެރެން ގެރެންޓީ ބަޔަކަށް ދީގެން ބައިވަރު ހަރަދުކޮށްގެން ހަދާފައި ހުރި ތަންތަނުގެ ވާހަކަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިޖެހުނީ މި ކަންތައްތައް ބަދަލުކުރަން. މި ސަބަބައްޓަކައި އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ. އެހެންނޫނިއްޔާ އަނެއްކާވެސް ރާއްޖެއް އެނބުރި ދާނީ މި ދެންނެވި އަނދަވަޅުގެ ތެރެއަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމަޖެހިވެޑައިގެން ހުންނަވާ، މި ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންފުޅުވާ ކަމަށެވެ. މީގެ ކުރިން 2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރު އޮތް އިރު މަޖިލީހުގައި އިދިކޮޅުގެ އަގްލަބިއްޔަތު އޮތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މަޖިލީިހުގެ އަގުލަބިއްޔަތު ނެތި މަޖިލީހުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށާއި، ސަރުކާރުން ހުށަހަޅާ ކޮންމެ ބިލެއް، އެއީ ކިތައްމެ މުހިންމު ބިލަކަސް އެ ބިލެއް ފާސްކުރުމަށްޓަކައި، ވޯޓު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ތަޖްރިބާ ކުރައްވާފައިވާ ކަމަށެވެ.

އަދި ރެއާ ދުވާލު މަސައްކަތް ކުރައްވާ، ކިތައްމެ ރެއަކު ހޭލާ ހުނުނެވިކަމަށާއި، ޖެހިގެން އަންނަ ދުވަހު މަޖިލީހަށް ވަޑައިގެން ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މަޖިލީހުގެ އަގްލަބިއްޔަރު ނެތި ސަރުކާރު ހިންގުމުގައި ހުރަސްތަކާއި ދަތިތައް ދިމާވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީން ނުކުމެ ތިބީ ވައުދުތައް ފުއްދުމަށްޓަކައި މަސައްކަތް ކުރާނެ މެންބަރުން ކަމަށެވެ.