ރައީސް ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމް އިއްވުމުން، ބޭސްފަރުވާއަށް ވަޑައިގެން، އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެ ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންގުޅުއްވި ދެ ފޯނާއި ލެޕްޓޮޕް ލިބިވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބާރަށުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައެވެ. ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ މައުލޫމާތު އޭގައި ހިމެނޭ އިރު އެ މައްސަލައިގައި ހިމެނޭ 150 މީހުންގެ ލިސްޓުގައި މަޖިިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނޭ ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކަށް މިހާރު ލިބިފައި ހުރި މައުލޫމާތަކީ ހަމައެކަނި އެބޭފުޅުންގެ މާލީ އެކައުންޓަށް ވަދެފައި ހުރި ފައިސާގެ އަދަދު ނޫން ކަމަށާއި، އެއީ ހަމައެކަނި އިނގެން ހުރި މައުލޫމާތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިނގެން ހުރި މައުލޫމާތަކީ ފައިސާ ނަގައިގެން ގޮސް ރައީސް ޔާމިންގެ ގެކޮޅަށް އެ ފައިސާ ގެންދިއުމަށް ފަހުގައި ދެން އެފައިސާ ގޯނި ގޯންޏަށް ލައިގެން ފޮށި ފޮށްޓަށް ލައިގެން އެކި އެކި ގޮތްގޮތަށް ދަބަސްތަކަށް ލައިގެން ގޮސް ގެންދިޔައީ ކޮންކޮން ގެޔަކަށްތޯ. މި މައުލޫމާތު ދަައުލަތަށް އަދި އަޅުގަނޑަށް މި މައުލޫމާތު ދިނީ މި ފައިސާ ބެހި ކުދިން" ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބެހުމުގައި އިސްކޮށް އުޅުނު ސްކޯސް އޮފް ފްލެއާޒް (އެސްއޯއެފް) އިން އެ ފައިސާ ބެހުމުގަޔާއި އުފުލުމުގައި އުޅުނު ކުދިންނާ އިނގިރޭސީވިލާތުގައި ހުންނަވަނިކޮށް ދިމާވި ކަމަށާއި، އަދީބުގެ ދެ ފޯނާއި ލެޕްޓޮޕަކީ އެކުދިން ދިން ތަކެތި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ކަންތައް ދިމާވި ގޮތަކީ އަޅުގަނޑު އިނގިރޭސީވިލާތަށް ދާންޖެހުނީމާ އަޅުގަނޑު އަތަށް ލިބުނީ އަދީބު ގެންގުޅުނު ދެ މޯބައިލް ފޯނާއި، އަދި އޭނާ ގެންގުޅުއްވި ލެޕްޓޮޕް. މިތަކެތި އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވި އަވަހަށް ހަވާލުކުރައްވާށޭ އިނގިރޭސީ ވިލާތުގެ ކަމާބެހޭ އިދާރާތަކަށް. އަދި ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކަށް. އެ ތަހުގީގުކުރާ އިދާރާތަކުން އަޅުގަނޑުމެންނަށް ދިން މި ތަހުގީގު ރިޕޯޓް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރަޑައިސް" ކިޔާ ޑޮކިއުމެންޓްރީ ފިލްމުގައި ކުއްޖަކު، އޭނާ ލާރި ހިފައިގެން ލާރި ނަގައިގެން ގޮސް އެ ފައިސާ ގެންދިޔަ ތަންތަނާއި ގެންދާ ގޮތްގޮތް ކިޔާދީފައި ވާނެ ކަމަށާއި، އެކުދިންނަށް މިހާރު ވަނީ އިނގިރޭސީ ވިލާތުން ހިމާޔާތް ދީފައި ކަމަށެވެ.
"އެއީ އަދީބުގެ ކާރު ދުއްވަން އުޅުނު ކުއްޖަކާއި އަދި އަދީބު ކައިރީގައި އެހެން ގޮތްގޮތަށް އުޅުނު ކުދިން. އެކުދިން މިއަދު ތިބީ އިނގިރޭސީ ވިލާތުގައި ހިމާޔަތް ހޯދައިގެން. އެކުދިން ދީފައި އެބައޮތް މާ ތަފްސީލު ބަޔާނެއް ކާކަށް ކިހާވަރެއްތޯ ދެވުނީ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން ސުވާލު އުފައްދަނީ މިދެންނެވި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް މާގިނައިން ފެންނާތީ ކަމަށާއި، ބާރަށު ދާއިރާގެ މެންބަރުގެ ނަން މާގިނައިން އެ ލިސްޓުގައި ފެންނަން އެބައޮތް ކަމަށެވެ.
ތިލެޕްޓޮޕް ފޯނު މަނިކުފާނު އަތުގަވީ އެޔަކުން ކުރާނީ ކޮންފައިދާއެށް އެމްޑީޕީ ވެރިކަމައް ގެނަން ހަރަދު ކުރީ އެވަގު ފައިސާ އެފައިސާގެ މަންފާ ލިބުނު އެކަކު ޗަންޕާ އުއްޗު ނިކަން ކެރެންޏާ ބަންދުކޮއްބަލަ ސާބިތެއްވެސް ނުވާނެ