ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލިސް އިންތިހާބާ ގުޅިގެން ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ވަކި ޕާޓީއަކުންވާ ވައުުދުތަކެއް ނޫން ކަމަށާއި، އެ ވައުދު ފުއްދުމަށް ވަކި ޕާޓިއެއްގެ ކެންޑިޑޭޓުން ހޮވާކަށް ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުން ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހަށް ހޮވަން ޖެހޭނީ ރައީސް ސޯލިހުގެ ވައުދުފުޅުތައް ފުއްދެވުމަށް މަސައްކަތް ކުރާނެ ކެންޑިޑޭޓުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
އަމީން ވިދާޅުވީ ރައީސް ސޯލިހު ވެވަޑައިގަންވާ ވައުދުފުޅަކީ ކޯލިޝަން ސަރުކާރުގެ ވައުދުތައް ކަމަށެވެ. އަދި މަޖިލިސް އިންތިހާބާ ގުޅިގެން ވަކި ޕާޓީއަކުންވާ ވައުދެއް ނޫން ކަމަށާއި، އެ ވައުދުތައް ފުއްދުމަށް ކޯލިޝަންގެ ލީޑަރުން ދެމިތިއްބަވާނެ ކަމަށެވެ.
"ވީމާ ވައުދު ފުއްދާކަށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ ކެންޑިޑޭޓުން ހޮވާކަށް ނުޖެހޭ" އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަންގައި ކަމަށާއި ކޯލިޝަން ދެމެހެއްޓުމުގައި ދެމި އޮންނާނެ ކަމަށެވެ. އަދި މަޖިލިސް އިލްކެޝަނާއި ގުޅިގެން ޖޭޕީގެ ސްޓޭންޑާ މެދު ސުވާލު އުފައްދަވާ ބޭޅުން އެ އުފައްދަވަނީ ޖަވާބު ނޭގެ ސުވާލެއްތޯއާއި އަމިއްލަ ޒަމީރާ ސުވާލު ކުރުމަށް އަމީން ވިދާޅުވިއެވެ.
"އެމްޑީޕީގެ އެންމެ އިސް ލީޑަރު ސޮއިކުރެއްވި ކޯލިޝަން އެއްބަސްވުން އެމްޑީޕީން ދޫކޮށްލުމުން މަޖިލިސް އިންތިހާބުގައި ޖޭޕީން އެހެން ގޮތެއް ހޯދަން މަޖުބޫރުވި ކަމާއި، އޭގެ އަސަރު ފޮނި ނުވެދާނެކަން ހުދު ލީޑަރުން ވެސް ގަބޫލުކުރެއްވި" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޖޭޕީން ވަކިން މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމުމުން، އެކަމުގެ ސަބަބުން ގޯހެއް ވެއްޖެ ނަމަ އޭގެ ޒިންމާ ނަންގަވަން ޖެހޭނީ ކޮންބޭފުޅެއްތޯ ސުވާލު އުފައްދަވާފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމާއި ގުޅިގެން ޖޭޕީއާއި އެމްޑީޕީއާއި ދެމެދު ވަނީ މައްސަލަތައް ބޮޑުވެފައެވެ. އަދި ޖޭޕީން މަޖިލިސް އިންތިހާބުގައި އިދިކޮޅު ކޯލިޝަނާއި އެކު މަސައްކަތް ކުރަން ނިންމާ، އިދިކޮޅުގެ ކޯލިޝަންގެ ކެންޑިޑޭޓުންގެ ތެރެއިން ޖޭޕީން ވާދަ ނުކުރާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ނިންމަވާފައެވެ.
ޖޭޕީން ބޭއްވި އިވެންޓެއްގައި ގާސިމް ވިދާޅުވެފައިވަނީ ސަރުކާރު ގެންނަން މަސައްކަތް ކޮށް ހުރިހާކަމެއް ކުރުމުން މަގުމައްޗަށް އެއްލާލުމުން، ބޮޑު ލާރިއެއް ވައްޓާލިއަސް އޭގައި ހިފާނެ ކަމަށެވެ.