ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ޕީޕީއެމްގެ ކެމްޕޭނަށް ހަރަދު ކުރަން ހުރި ފައިސާ ހިފެހެއްޓުމަކީ ޑިމޮކްރެސީ އާއި ހިލާފުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ޕީޕީއެމުން ކުރާ ކެމްޕޭންގައި، މަޑަވެލި ދާއިރާއަށް ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން އިވެންޓެއްގައި ފޯނުން ގުޅުއްވައި އެ ރަށު ރައްޔިތުންނާ ޔާމީން ވާހަކަ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކެމްޕޭނަށް ތަންތަނަށް ވަޑައިނުގެންނެވެނީ މި ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށާއި، ކެމްޕޭނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" ކަމަށް ވިދާޅުވިއެވެ.

"އެހެންވެ ވަރަށް ދަތި ހާލުގައި ކުރާ މަސައްކަތް މި ކުރަނީ. އެނގޭ ކެމްޕެއިންގައި ހަރަދު ހިނގާނެކަން ވެސް. ހުރިހާ ކެންޑިޑޭޓުންނަށް އެއްވަރަކަށް ފީޑެއް ނުކުރެވޭނެ. އެކަމަކު އެހުރިހާ ކަމަކަށް ވުރެ މުހިންމީ އޭނަ ކިހާވަރަކަށްތޯ ދާއިރާއަށް އިހުލާސްތެރީ. އެ ކަމަށް ވިސްނާ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ބަންދުކޮށް ކެމްޕެއިނަށް ހަރަދު ކުރުމުގެ މަގު ވެސް މި ސަރުކާރުން ބަންދުކޮށްފައިވާ ކަމަށާއި، މިއީ ކެމްޕޭން ކުރާ ގޮތެއް ނޫން ކަމަށެވެ. އަދި މިއީ ޑިމޮކްރަސީއާއި ހިލާފުކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަވާކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އާދައިގެ މީހާއަށް ވެސް ތަރައްގީ ގެނެސްދީފައިވާނެކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ފަސް މަސްދުވަސް ވޭތުވެ ދިޔައިރުވެސް އެފަދަ ތަރައްގީއެއް ރައްޔިތުންނަށް ގެނެސްދެވިފާ ނެތްކަމަށާއި، މި ސަރުކާރުން ކުރާ ކަންތައްތަކަކީ ތަންތަނަށް ދަތުރު ކުރުމާއި ވާހަކަ ދެއްކުމުގެ އިތުރުން މީހުންގެ ފަހަތުން ދުވެ، މީހުންނަށް އަނިޔާކުރުންކަމެވެ. ޔާމީން ވިދާޅުވީ މަޖިލިސް އިންތިހާބުގެ ގޮނޑި ހޯދާކަށް މީހުންނަށް އަނިޔާކުރަން ނުޖެހޭނެ ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ލޯންޑާ ކުރައްވައިފައިވާ މައްސަލައެވެ. އޭސީސީ ރިޕޯޓުން ހާމަވާ ގޮތުގައި އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި އިސްލާމިކު ބޭންކުގައި އޮތް މިއެކައުންޓް ރައީސް ޔާމީން ހުޅުއްވައިފައި ވަނީ ފައިސާ ޖަމާވުމުގެ ހަދުވަސް ކުރިންނެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝާރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ މިދިޔަ ފެބްރުއަރީ މަހު 18 ގައެވެ. ކަރެކްޝަނުން މިމަހު 13 ވަނަ ދުވަހު ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރުން ލަފާގެ މަތިން ގޭބަންދުގައި ހުންނަވާ އިރު އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ގޭ ބަންދަށް ބަދަލުކުރިއެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށްއުފުލަފައިވާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް އެދުމުން އެ ކޯޓުން މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ ދޫކޮށްލާފައެވެ.