މިހާރު ފެންނަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ބުޅަލެއްހެން ކުޅުއްވާތަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ފެނިވަޑައިގަންނަވަނީ ޔާމީން ގާސިމާ މެދު ޔާމީން އިންތިހާއަށް ހަމްދަރުދީވާތަން ކަމަށެވެ. ނަމަވެސް ގާސިމް އެތައް ދުވަހަކު ޖަލުގައި އޮތުމަށްފަހު، ހޭނެތިވަޑައިގެން ހޮސްޕިޓަލުގައި އޮންނެވި ކަމަށާއި، އޭގެ ފަހުން ފުރާވަޑައިގެންނެވީ ސިންގަޕޫރަށް ކަމަށެވެ. އަދި ސިންގަޕޫރުގައި ހުންނަވަނިކޮށް، ބުނެކިޔާ އާދޭސްކޮށްގެން ސަރުކާރުން ދޫކޮށްލީމާ ގާސިމް އިބްރާހީމް ޖަރުމަނަށް ވަޑައިގެންނެވި ކަމަށާއި، ރައްޔިތުން ގާސިމާއި އެތައް ބަޔަކަށް އެ ލިބުނު ދެރަ ބަލައި ނުގަނެ، ޔާމީންގެ ވެރިކަން ބޮޑުތަނުން ބަލިކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ހުރިހާކަމެއް ވެ ނިމުނީމާ، އެވަރުން ރައީސް ޔާމީނަށް ފުދިވަޑައިނުގެން އަނެއްކާވެސް އެގެންދަވަނީ ޖޭޕީ ގެނެސް އެހެން އަދަވަޅަކަށް ލައްވަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެބަފެނޭ ގާސިމް އިބްރާހިމާއި ޖޭޕީ ބުޅަލެއް ހެން ކުޅުވަމުން ކުޅުއްވަމުން ރައީސް ޔާމީން ގެންނަވާ ތަން. އަޅުގަނޑަށް އެބަފެނޭ މަޅީގެ ތެރެއަށް ލަވަމުން ލައްވަމުން އެބަ ގެންނަވާ. އަޅުގަނޑުމެންނަށް ވެސް އިނގޭ މިވަގުތު ގާސިމަށާއި ޖޭޕީއަށް މިކަން ނުފެނި އޮވެދާނެ. އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް މިކަން ވަރަށް ސާފުކޮށް އެބަފެނޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި އެމްޑީޕީއަށާއި ރައްޖެގެ ރައްޔިތުންނަށް މިކަންކަން ވަރަށް ސާފުކޮށް އެބަ އިނގޭ ކަމަށާއި، އެ މަޅީގައި އިރާދަކުރެއްވިއްޔާ ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޖޭޕީގެ ކިތައްމެ ބައެއް އެ ޕާޓީ ދޫކޮށް އެމަނިކުފާނާ އެކީގައި އެ އަންނަނީ ސަބަބެއް ނެތިގެން ނޫން ކަމަށާއި، އެ މީހުންނަކީ ސިޔާސީ ގޮތުން ތަންދޮރު ނުދަންނަ މީހުން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.