ޝަހްސު އޮޅުވާލައިގެން މަޖިލީހަށް ކުރިމަތިލާ ވާދަވެރިން އެބަތިބިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ގއ.ދާންދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މަޖިލީހަށް ކުރިމަތިލައްވާ ހަގީގަތުގައި އެތިއްބަވަނީ. ތިމަންނަ އަކީ ތިމަންނަ އެއް ނޫނޭ. ތިމަންނައަކީ ހަގީގަތުގައި އެމްޑީޕީ މެންބަރެކޭ. ކަލޭމެންނަކަށް ނޭނގޭހޭ އެކަމެއް؟" މި ބާވަތުގެ ވާހަކަ ދައްކައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީއަށް ލިބޭ ފަހުރެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް މިސާލު ދައްކަވަމުން ވިދާޅުވީ، ފަޅޯ ގަޑިއާއި އަސްލުގަޑި ވަކި ކުރަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި ކަންފަތުގައި ޖައްސާލީމާ 'ޓިއް' ގޮވާނީ ހަމައެކަނި އަސްލު ގަޑިއަކުން ކަމަށެވެ. އަދި ޝަހްސު އޮޅުވާލައިގެން ވާދަވެރިން ރައްޔިތުންގެ އިތުބާރާއި މަގުބޫލުކަން ހޯދަން އުޅުނަސް އަސްލު އެމްޑީޕީ ކެންޑިޑޭޓުން ވަކިކުރަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ވައުދުތައް ފުއްދެވުމުގައި ހުންނަ ގޮން ޖެހުން ތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، "ރަން އިލޮށިން ކަދުރުކާން ދިނުމަށާއި، އިރު ހަނދާ ތަރިތަކަށް ވެސް ވައުދު ވެވިދާނެ" ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ވެރިއަކަށް އެބޭފުޅުން ވެލައްވައިފައިވާ ވައުދުފުޅުތައް އެދުވަހު އެބޭފުޅުން ވިދާޅުވި ގޮތަކަށް ފުއްދެވިފައި ނެތްކަމަށެވެ. ނަޝީދު ވިދާޅުވީ ވައުދެއް ފުއްދުމަށް ބޭނުންވާ، އިންތިޒާމްތަކާއި ނިޒާމްތަކާއި ހަމަތައް ކަނޑައެޅުނީމައި، އެ ނުފުދިއެއް ނުދާނެ ކަމަށެވެ. އެމްޑީޕީގެ ފަރާތުން ގާނޫނީ އޮނިގަނޑެއް އުފެއްދުމުގެ އަމާޒަކީ ވެފައިވާ ވައުދުތައް ނުފުއްދި އެހެން އިތުރުކަމެއް ނުކުރެވޭނެ ގޮތަށް ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ހިންގެވުމާއި ހަވާލުވެ ވަޑައިގެންނެވީ އިންތިހާބުގެ ތެރޭގައި ވިދާޅުވި ކަންކަން ކޮށްދެއްވުމަށް ކަމަށާއި އެކަންކަން ކޯށް ނުދެއްވައި އެހެން ކަމެއް ކުރެއްވުމުގެ ހައްގެއް ހަގީގަތުގައި ސަރުކާރަށް ލިބިގެން ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެޖެންޑާ 19 އަކީ ރައްޔިތުންގެ ބޭނުންތައް، ރައީސްގެ ވައުދުފުޅުތައް ފުއްދައި ދިނުމަށް އޮތް އޮނިގަނޑެއްކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މި ޖަލްސާގައިވެސް މަޖިލީހުގެ ނަޒާހަތްތެރިކަމާ ގުޅޭ ގޮތުން ނަޝިދު ވަނީ ވާހަކަ ދައްކަވާފައެވެ. ނަޝިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީގެ ނަޒާހަތްތެރިކަން ގެއްލިގެން ދިޔުމުން ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށާ މަޖިލީހުން ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ނުވެ މަޖިލީސް ގަޑުބަޑުވެގެން ދަނީ މި ނަޒާހަތްތެރިކަން ނެތުމުން ކަމަށެވެ. އެމްޑީޕީގެ އަމާޒަކީ މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ނަޒާހަތްތެރި ބޭފުޅުންނަށް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަޖިލީހުގެ ހިންގާ ގަވާއިދުން އެކަން ކަށަވަރު ކޮށްދިނުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވަނީ މިޖަލްސާފައި 'ގަލަމު ދޯރީގެ' މިސާލުވެސް ނަންގަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަތުގައި އެއްވެސް އެއްޗެއް ނެތި މެންބަރުކަމަށް ވަޑައިގަންނަވާ ބޭފުޅުން މެންބަރުކަން ނިންމާލައި އިރު ތިއްބަވަނީ މަހުޖަނުންގެ ގޮތުގައިކަމަށެވެ. އެތަންމިތާގައި އެމީހުންގެ ފްލެޓް ހުންނަކަމާއި ކަންނެލި އޮޑިފަހަރާއި، ސަފާރީ އޮޑި ފަހަރާއި، ދޯނި ފަހަރު އަދި ފިހާރަ ފިހާރައާއިި، ކޮފީ ޝޮޕާއި އެހެން ގޮސް އެމީހުންގެ އަތުގައި ނެތް އެއްޗެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.