ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޓޫރިޒަމް ދާއިރާއިން ލަފާއެރުވުމަށް އައްޔަންކުރައްވާފައިވާ އެޑްވައިޒަރު މުހައްމަދު ހަލީލު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ހަލީލު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ތަރުޖަމާނު ވިދާޅެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަލީލު އިސްތިއުފާ ދެއްވާފައިވަނީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ މާރުކުރުމާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލި އާ ސިޔާސަތާ މެދު ހިތްހަމަނުޖެހިގެންނެވެ.

ރައީސްގެ އެޑްވައިޒަރުކަމުގެ އިތުރުން ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ހަލީލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރެވެ.

ހަލީލު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައި ވަނިކޮށެވެ.

މި ބަދަލު ގެންނަން ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާންކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލު ފުރަތަމަ ކޮމިޓީން ފާސްކުރީ 20 ޕަސެންޓް މާރުކުރާ ގޮތަށެވެ. ނަމަވެސް އިތުރު އިސްލާހުތަކެއް ގެނައުމަށް ކަމަށް ބުނެ އަލުން ކޮމިޓީއަށް ފޮނުވުމަށްފަހު، ދެވަނަ ފަހަރަށް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވިއިރު ވެސް 40 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ހިމަނާފައެއް ނުވެއެވެ. މިއަދުގެ ޖަލްސާގައި ޕީއެންސީގެ ފަރާތުން ވަނީ ތަޅުމުގައި ބިލަށް އިސްލާހު ހުށަހަޅައި، އެ ނިސްބަތް 40 ޕަސެންޓަށް ބޮޑުކޮށް ބިލު ފާސްކޮށްފައެވެ.

މި ގާނޫނު އިސްލާހުކުރުމަށް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ، ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ ގޮތަށް އޮތް އިހުތިޔާރު އުވާލައި، ރިސޯޓެއްގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް މި އަދަދު 40 ޕަސެންޓަށް ބޮޑުކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ ޖަމިއްޔާތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިސޯޓުތަކުން ތެލާއި، ބޭރުގެ ލޯނުތަކާއި، ކުއްޔާއި، ޓެކްސްގެ ގޮތުގައި ބޭރު ފައިސާއިން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭއިރު 40 ޕަސެންޓް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑު ބަޔަކީ ބޭރުގެ ލޯނުތަކާއި އިންވެސްޓްމަންޓްތަކުގެ މައްޗަށް ބިނާވެފައިވާ ސިނާއަތަކަށް ވާއިރު، މި ސިޔާސަތުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.