ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" (ޓީޓީއެމް) 2026 ގެ 10 ވަނަ އެޑިޝަން ބާސެލޯ ނަސަންދުރަ މާލޭގައި މިއަދު ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތަކީ ވިޔަފާރި ބައްދަލުވުންތަކާއި ނެޓްވޯކިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުންތައް ބަދަހިކުރުމަށް ބޭއްވޭ މުހިންމު ހަރަކާތެއްކަމަށެވެ.

ޓީޓީއެމްއަށް 10 އަހަރު ފުރުން ފާހަގަކުރާ މިއަހަރުގެ ހަރަކާތުގައި ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއި ހޯޓަލުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 30 މާކެޓެއް ތަމްސީލުކުރާ 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މިއީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ގުޅުން ބަދަހިކުރުމަށާއި، ބައިވެރިވުންތައް ގާއިމުކުރުމަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށެވެ.

މި ދެ ދުވަހުގެ ހަރަކާތް ނިންމާލުމުގެ ގޮތުން ބާއްވާ "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ 2026" އޮންނާނީ އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހުގެ ރޭ ކްރޮސްރޯޑްސް ގައިކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކޮށް މިއަހަރުގެ އެވޯޑްތައް ހަވާލުކުރެވޭނެކަމަށެވެ.

ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓްތަކާ ރާއްޖެ ގުޅުވައިދީ ދާއިރާގެ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ މުހިންމު ހަރަކާތެކެވެ.